
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ޢަދާލަތު ޕާޓީއާއި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި އެޕާޓީއަށް ގޮނޑި ތަކެއް ދޫކޮށްލަން އެމްޑީޕީއާއި ޢަދާލަތު މަޝްވަރާ ކުރިޔަސް ގޮނޑި ދޫކޮށްލުމަށް އެއްވެސް ކެންޑިޑޭޓަކަށް ޕާޓީން މަޖުބޫރު ނުކުރާނެ ކަމަށް އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އަފްޝަން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރޫޙަކީ މަޖިލިސް އިންތިޚާބުގައި ޢަދާލަތު ޕާޓީއާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެދެޕާޓީން ވަނީ އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.
"ގޮނޑި ދޫކުރެވޭނެނަމަ އެކަން މިހާރު ކުރެވޭނީ ކެންޑިޑޭޓުންނަށާއި ދާއިރާގެ މެމްބަރުންނަށް. ރައީސް ނަޝީދާއި ޕާޓީގެ ލީޑަރޝިޕުން ވަނީ 4 ދާއިރާއެއްގެ ރައީސުންނާއި، ކެންޑިޑޭޓުންނާއި، ކެމްޕެއިން ޓީމުތަކާއި އަދި ދާއިރާތަކުގެ ކިތަންމެ އާއްމު މެމްނަރުންތަކަކާ ބައްދަލު ކުރައްވައިފައި،" އަފްޝަން ވިދާޅުވިއެވެ.
"ޕާޓީ އިން އެއްވެސް ކެންޑިޑޭޓެއްގެ ގޮނޑި ދޫކޮށްލަން މަޖުބޫރެއް ނުކުރާނެ،" އޭނާ ވިދާޅުވިއެވެ.
މިއަހަރު އެޕްރީލްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރެއެވެ. އެމްޑީޕީން ވާދަނުކުރާ ހަމައެކަނި ދާއިރާއަކީ ފ. ނިލަންދޫ ދާއިރާއެވެ. ޢަދާލަތުން ވާދަކުރަނީ 13 ދާއިރާއަށެވެ.