މިއަހަރު އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ލުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތައް އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އޮބްޒާވަރަކަށް ވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ފެބުރުއަރީ 28 ވަނަ ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށެވެ. އޮބްޒާވަރަކަށް ވުމަށް ފުރުސަތު ހުޅުވާލައިފައިވަނީ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކަށެވެ.
ސިޔާސީ ޕާޓީތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އިންތިޚާބީ މަރުކަޒު ގާއިމް ކޮށްފައިވާ ބާޖަމާލުއްދީން ސްކޫލުގެ ކާޑު ސެންޓަރަށެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން ވެސް ފޯމު ހުށަހަޅަންޖެހޭނީ މާލެއިންނަމަ، ބާޖަމާލުއްދީންގައި ހުންނަ އިންތިޚާބީ މަރުކަޒުގެ ކާޑް ސެންޓަރަށެވެ. އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ އަތޮޅު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ނުވަތަ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
އޮބްޒާވަރުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 4:00 އަށެވެ. އަދި ކޮންމެ ހޮނިހިރު ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ. ފެބުރުއަރީ 28 ވާ ބުރާސްފަތި ދުވަހު ފޯމުހުށަހަޅަންޖެހެނީ ހެނދުނު 9:00 އިން ހަވީރު 3:00 ށެވެ.
ފޯމު ހުށަހަޅާއިރު އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެއެވެ.