އިންޑިޔާގެ އާންމު އިންތިޚާބަށް ފޭސްބުކްގައި ކެމްޕޭންކުރުމަށް 100 މިލިއަން ރުޕީސް ޚަރަދުކޮށްފި

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކްސަބާއަށް މެންބަރުން ހޮވުމަށް މި އެޕްރީލް މަހާއި އަންނަ މޭ މަހު ބާއްވާ އިންތިޚާބާ ދިމާކޮށް ފާއިތުވި ފެބްރުވަރީ މަހާއި މާރިޗު މަހު، ފޭސްބުކްގައި ޖެހި އިންޑިޔާގެ ސިޔާސީ އިޝްތިހާރުތަކަށް 100 މިލިއަން ރުޕީސް ޚަދަދުކޮށްފިއެވެ.

ފޭސްބުކްގެ އެޑް ލައިބްރަރީ ރިޕޯޓު ބުނާގޮތުން، އެ ދެމަހުގެ ތެރޭގައި އިންޑިޔާގެ ސިޔާސީ ފަރާތްތަކުން ފޭސްބުކުގައި 51 ހާހަށްވުރެ ގިނަ ކެމްޕޭން އިޝްތިހާރު ޖެހިއިރު އެ އިޝްތިހާރުތަކަށް 103.2 މިލިއަން ރުޕީސް ޚަރަދުކޮށްފައި ވެއެވެ.

ފޭސްބުކްގައި ކުރާ ސިޔާސީ ކެންޕޭނަށް އެންމެ ގިނައިން ޚަރަދުކޮށްފައި ވަނީ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިންނެވެ. ބީޖޭޕީއަށް ތާއީދުކުރާ މީހުން ހިންގާ 'ބާރަތު ކޭ މަން ކީ ބާތު' ފޭސްބުކް ސަފްހާއިން 3700 އިޝްތިހާރު ޖެހުމަށް 22.3 މިލިއަން ރުޕީސް ޚަރަދުކޮށްފައި ވެއެވެ.

އާއްމު އިންތިޚާބު ކައިރިވަމުން އަންނައިރު މީސް މީޑިއާ ބޭނުންކޮށްގެން އިންތިޚާބަށް ނުރަނގަޅު އަސަރު ނުފޯރުވުމަށް އިންޑިޔާ ސަރުކާރުން ވަނީ އިންޒާރުދީފައެވެ.

އިންޑިޔާގައި ފޭސްބުކް ބޭނުންކުރާ 200 މިލިއަން މީހުން ތިބިއިރު ފޭސްބުކް ވެފައި ވަނީ ސިޔާސީ ކެންޕޭންކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތަށެވެ.

މިއަހަރުގެ ލޯކްސަބާ އިންތިޚާބަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގޮންޖެހުން ބޮޑު އިންތިޚާބެކެވެ. ދާދި ފަހުން ސްޓޭޓްތަކުގައި ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު އިދިކޮޅު ކޮންގްރެސް ޕާޓީން ރަނގަޅު ނަތީޖާއެއް ނެރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަހަރުގެ އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11 އިން މޭ 19 އަށް ހަތް ދުވަހަކަށް ބަހާލައިގެންނެވެ. ނަތީޖާ އިއުލާންކުރާނީ މޭ 23 ގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.