
މިއަހަރު އެޕްރީލް 6 ވަނަ ދުވަހު ބޭއްވި ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރުމަށްޓަކައި ބަޔަކު ބޭނުންވިޔަސް އެކަން ކުރުމުގެ ޤާނޫނީ ޙުއްޖަތެއް ދެއްކުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އީސީގެ ރައީސް އަޙުމަދު ޝަރީފް އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިޚާބު ލަސްކުރުން ފަދަ ކަމެއްވެދާނެތީ އީސީން ވަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެފައި ކަމަށެވެ.
"އިންތިޚާބު ފަސް ކުރުމަށްބަޔަކު މަސައްކަތްކޮށްފާނެތީ އެކަން ސިކުނޑީގައި ބަހައްޓައިގެން މަސައްކަތް ކުރަމުން މިގެންދަނީ ވެސް. އިރާދަ ކުރެއްވިއްޔާ ޤާނޫނީ ހަމަތަކުގެ މަތިން އިންތިޚާބު ފަސްކުރުމުގެ ފުރުސަތެއް ތަނަވަސް ވިޔަކަ ނުދޭނަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބު ލަސްކުރުމަކީ ދައުލަތަށް މާލީ ބުރައެއް ވެސް އުފުލަމްޖެހޭނެ ކަމެއް ކަމަށެވެ. "އެއްވެސް ޤާނޫނީ ޙުއްޖަތެއްނެތި އިންތިޚާބު ލަސްކުރަން ޖެހިއްޖެނަމަ ދައުލަތަށް އިތުރު ވިހި މިލިއަންރުފިޔާގެ މާލީ ބުރައެއް އުފުލަންޖެހޭނެ،" ޝަރީފް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވީ ޕީޕީއެމުން ކޯޓަށް ގޮސްގެން އިންތިޚާބު ލަސްކުރުމަށް މަސައްކަތް ކުރަންއުޅޭ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް އެފުރުސަތު ނުދެއްވާނެ ކަމަށާއި އެބޭފުޅުން ތިއްބެވީ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށެވެ.
ރާއްޖޭގައި އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ޕީޕީއެމުން ކޯޓަށް ހުށަހަޅައިގެން ލަސްކޮށްފައެވެ. ރިޔާސީ އިންތިޚާބުން އެޕާޓީއަށް ލިބުނު ނާކާމިޔާބީ ޤަބޫލުނުކޮށް އެއިންތިޚާބުވެސް ބާތިލް ކުރުމަށް އެޕާޓީން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެފހަރު ކޯޓުން ވިދާޅުވީ އިންތިޚާބު ބާތިލްކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށެވެ.