ތައުބާވެރި ޒުވާނާ ދެކެ ﷲ ލޯބިވެ ވޮޑިގަންނަވާ!

ﷲ ތަޢާލާ ލޯބިވެ ވޮޑިގަންނަވާ މީހުންނާ ބެހޭގޮތުން  ގަތަމުންދާ މި ސިލްސިލާގައި މިއަދު ބަލާލާނީ މުޅިން އައު ގިންތިއަކާ ބެހޭގޮތުންނެވެ. ޒުވާނުންނާ މެދުއެވެ.ޤައުމު ބިނާކުރުމުގެ ، އުއްމަތް ތަރައްޤީ ކުރުމުގެ މުހިއްމު ޢުންޞުރަކަށް ޒުވާނުން ވާތީއެވެ.  

މާތް ﷲގެ ލޮބުވެތި ރަސޫލާ صلى الله عليه وسلّم ޙަދީސް ކުރެއްވިއެވެ. ((  إِنَّ اللَّهَ تَعَالَى يُحِبُّ الشَّابَ التَّائِبَ [1]ހަމަކަށަވަރުން ﷲ ތަޢާލާ ތައުބާވެރި ޒުވާނާދެކެ ލޯބިވެ ވޮޑިގަންނަވައެވެ. ))

މިކަމާ ބެހޭ އެހެން ޙަދީސެއްގައި ވެއެވެ. (( إن اللَّهَ يُحِبُّ الشَابَّ التَائِبَ الذِّي يُفْنِي شَبَابَهُ فَي طَاعَةِ اللهِ[2]  - ﷲގެ ޠާޢަތުގައި  އޭނާގެ ޒުވާންކަން ފަނާކުރި ތައުބާވެރި ޒުވާނާދެކެ ﷲ ލޯބިވެ ވޮޑިގަންނަވައެވެ. )) 

ޒުވާނުންނަކީ ކޮބައިތޯއެވެ؟ ގިނަ ބަޔަކު ބުނާގޮތުގައި އެއީ ޢުމުރުން 18 އަހަރާ 30 އަހަރާ ދެމެދުގެ މީހުންނެވެ. ބައެއް ޤައުމުތަކުގައި ޒުވާނުންގެ ޢުމުރަކީ 18 އަހަރާ 35 އަހަރާ ދެމެދު ކަމުގައި ވެސް ބަލައެވެ.

ޒުވާންކަމުގެ ޢުމުރަކީ ޝަހްވަތްތެރިކަމުގެ ޖަޒްބާތުތައް ކެކި އުތުރިއަރާ ޢުމުރެވެ. އެއީ ވިސްނުމުގެ މައްޗަށް ޖޯޝާއިފޯރި ގަދަވާ ޢުމުރެވެ. މި ފަދަ ޙާލަތެއްގައި ވާ މީހާ އޭނާގެ ހެޔޮވިސްނުން އިސްކޮށް، ޝައިޠާނާއާ ފޭވެ،  ﷲގެ ޠާޢަތުގައި  ޢުމުރު ހޭދަކުރިނަމަ އޭނާއަށް ﷲގެ ލޯބިވެވޮޑިގަތުން ލިބޭނެތެވެ. މާތް ﷲ އެ ފަދަ ޒުވާނާގެ ޢަމަލުތަކާމެދު ފަޚްރުވެރިވެ މަލާއިކަތުންނަށް ވަޙީ ކުރައްވާނެތެވެ. (( ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ ވަޖްހުފުޅަށް ޓަކައި އޭނާގެ ޝަހްވަތްތައް ދޫކޮށްލައިފައި ވާ ގޮތް ނިކަން ދެކެ ބަލާށެވެ! )) 

ބާއްޖަވެރި ޙަޔާތެއް ބޭނުންވާ މީހާއަށް އޮތީ ﷲގެ ޠާޢަތެވެ. ދީލަތި ޙަޔާތެއް ބޭނުންވާ މީހާއަށް އޮތީ ﷲގެ ޠާޢަތެވެ. ޢިއްޒަތްތެރި ޙަޔާތެއް ބޭނުންވާ މީހާއަށް ވެސް އޮތީ ﷲގެ ޠާޢަތެވެ.

ލާމަސީލު ޒުވާނުންތަކެއް

ﷲގެ ޠާޢަތުގައި ޒުވާންކަމުގެ އެންމެ ފޯރިގަދަ ދުވަސްތައް ހޭދަކޮށްފައިވާ ބައެއް ނަމޫނާތަކަށް ބަލައިލަމާތޯއެވެ؟

  • މި ކަމުގައި އެންމެ އިސް ޝަޚްޞިއްޔަތެއްގެ ގޮތުގައި ފާހަގަ ކުރަން ޖެހެނީ ޔޫސުފުގެފާނެވެ. އެކަލޭގެފާނުގެ މައިކަމަނާ އަވަހާރަވުމާ ވިދިގެން އެކަލޭގެފާނުގެ އެއްބަފައި އަޚުންތައް އެކަލޭގެފާނާ ދެކޮޅަށް ރޭވި މުއާމަރާގެ ސަބަބުން އެކަލޭގެފާނު މިޞްރަށް ގެންދެވި ހެޔޮ އަގެއްގައި ވިއްކާލެވި އަޅުވެތި ކުރެވުނެވެ. އެކަލޭގެފާނުގެ އެންމެ ޒުވާން ދުވަސްތައް  ހޭދަކުރައްވަން ޖެހިވަޑައިގަތީ މިޞްރުގެ ޢަޒީޒުގެ ގަނޑުވަރުގައި އޭނާގެ އަނބިކަނބަލުން ޒުލައިޚާގެ އަރިހުގައެވެ. ޝަހްވަތްތެރިކަމުގެ ޖާދޫގައި ޖައްސައި  ޝައިޠާނީ ޢަމަލުތަކުގެ ތެރެއަށް ވައްޓައިލެވޭތޯ ޒުލައިޚާ ވަރަށް ގިނަ ގޮތްގޮތަށް މަސައްކަތް ކުރިއެވެ. ޔޫސުފުގެފާނުގެ ކުރިފުޅު މަތީގައި މާޙައުލު ރަނގަޅަށް ތަނަވަސް ވެފައި އޮތްއިރުގައި ވެސް އެކަލޭގެފާނު ޒުލައިޚާގެ ވަސްވާސްތަކަށް އިޖާބަ ނުދެއްވައި ، ﷲގެ ޠާޢަތުގައި ، އެކަލޭގެފާނުގެ ސާހިބުމީހާއަށް ވަފާތެރިކަން މަތީ ދެމިހުންނެވިއެވެ. ކީރިތި ޤުރްރްއާނުގައި މާތް ﷲ މި ކަން ސިފަކޮށް ދެއްވައި ވަޙީ ކުރެއްވިއެވެ. ((وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ  قَالَ مَعَاذَ اللَّـهِ  إِنَّهُ رَبِّي أَحْسَنَ مَثْوَايَ  إِنَّهُ لَا يُفْلِحُ الظَّالِمُونَ[3] - އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [ معاذ اللَّه " އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ.)) ޒުލައިޚާ އޭނާގެ ޢަމަލަށް އިޢުތިރާފު ވަމުން ބުންޏެވެ. (( وَلَقَدْ رَاوَدتُّهُ عَن نَّفْسِهِ فَاسْتَعْصَمَ  وَلَئِن لَّمْ يَفْعَلْ مَا آمُرُهُ لَيُسْجَنَنَّ وَلَيَكُونًا مِّنَ الصَّاغِرِينَ ﴿٣٢﴾ قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ  وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ  إِنَّهُ هُوَ السَّمِيعُ الْعَلِيمُ [4] - ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެކަމުން ރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް أمر ކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި جاهل ންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ.ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި، އެއުރެންގެ މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)) މާތް ﷲ އެކަލޭގެފާނުގެ މި ދުޢާ އިޖާބަ ކުރެއްވިއެވެ. އެކަލޭގެފާނު ވަރަށް ބުރަ، ވަރަށް ހަރުކަށި ދުވަސްތަކެއް ޖަލުގެ ގޮޅިތަކުގެ ތެރޭގައި ކެތްތެރިކަމާއި ، ވަރުގަދަ ޢަޒްމަކާއެކު ހޭދަކުރެއްވިއެވެ. މަޤްޞަދަކީ ޝައިޠާނާގެ މި ހެއްލުންތަކުން ސަލާމަތްވެ ވަޑައިގަތުމެވެ. ﷲގެ ޠާޢަތުގައި ދެމިހުންނެވުމެވެ. ދުނިޔޭގެ ހެއްލުންތަކަށާއި ޝައިޠާނީ މަޅިތަކުން ރައްކައުތެރިވެ ވަޑައިގަތުމެވެ. ޒުވާން ޔޫސުފުގެފާނުގެ މި ވާހަކައަކީ ޒުވާނުންނަށް ލިބިގެންވާ ޢިބްރަތްތެރި ނަމޫނާއެކެވެ. އެކަލޭގެފާނުގެ މި ކެތްތެރިކަމާއި  ޠާޢަތާއި އިޚްލާތްތެރިކަމުގެ ނަތީޖާއަކީ މިޞްރުގެ ޢަޒީޒުގެ މަޤާމަށް އެކަލޭގެފާނު އިސްކުރެވި ޤަދަރުވެރިކަމާއި ޢިއްޒަތްތެރިކަމާއި ޢިއްފަތްތެރިކަމާއެކު ބައްޕާފުޅާއި ބޭބޭފުޅުންނާއި ކޮއްކޯފުޅާއެކު މިޞްރުގައި މިނިވަންކަމާއެކު އުޅުއްވުމެވެ. މިއަދުގެ ޒުވާނުންނަށް މިއީ ލާމަސީލު ލާސާނީ ނަމޫނާއެކެވެ.
  • ދެވަނަ ނަމޫނާއެއްގެ ގޮތުގައި ދަންނަވާލާނީ ފާރިސްކަރައިގެ ވާހަކައެކެވެ. އެއް ރެއަކު އީރާނުގެ ޝާހުގެ ދަރިކަނބަލުން އެކަމަނާގެ ބާނދީންނާއި ޚާދިމުންނާއިގެން ވެރިރަށް ޠަހަރާނުގެ މަގުމައްޗަށް  ނުކުމެ ވަޑައިގެންނެވިއެވެ. ކުއްލިއަކަށް އައި ގަދަ ޠޫފާނެއްގައި އެކަމަނާ ގިނިކަންޏާ ވެއްޖެއެވެ. ބާނދީންތަކާއި ޚާދިމުންތައް ވިއްސިވިހާލިވެ ކޮންމެ މީހަކު އެމީހާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ދުއްވައިގަތުމުގެ ސަބަބުންނެވެ. އެކަމަނާއަށް ފެނިވަޑައިގަތީ ދީނީ މަދްރަސާއެކެވެ. އެތަނަށް ވަޑައިގެން ދޮރުގައި ޓަކި ދެއްވުމުން އެ މަދްރަސާގައި ކިޔަވާ ދަރިވަރަކު އޭނާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.އެހިނދު އެކަމަނާ އެއީ ކާކުތޯ ވިދާޅުނުވެ ޖައްވު ރަނގަޅުވެ ފަތިސްވަންދެން އިންނަވާނެ ތަންކޮޅެއް ދެއްވުމަށް އެދިވަޑައިގަތެވެ. މި ދަރިވަރުގެ ދީނީ ތަޢުލީމާއި އަޚްލާޤު ހެޔޮކަމުން ނޫނެކޭ ނުބުނެ އެ ކޮޓަރީގެ އެއްކަނެއް އެ ކަމަނާއަށް ދިނެވެ. އަނެއް ކަނުގައި އޭނާ އިންނާނެ ވާހަކަ ބުންޏެވެ. ރޭގަނޑުން ބައެއް ހޭދަވުމާއެކު ޝައިޠާނާ މި ޒުވާނާގެ ގާތަށް އައިސް ވަސްވާސް ދޭން  ފަށައިފިއެވެ. ފުރްޞަތުގެ ބޭނުންކުރުމަށް ހިތްވަރުދޭން ފަށައިފިއެވެ. މާޙައުލު އޮތީ  މިކަމަށް މަގުފަހިކޮށެވެ. އެހެން އެއްވެސް މީހަކު ނެތެވެ. އެ އަންހެނާއަށް މި ކަމަށް ހުރަސްއަޅާނެ އެއްވެސް ވަސީލަތެއް ލިބިފައެއް ނުވެއެވެ. މި ޒުވާނާއަކީ ޞާލިޙު ތަޤްވާވެރިއަކަށް ވާތީ މި ޝައިޠާނާގެ ކިބައިން ސަލާމަތްވެވޭނެ ގޮތަކާމެދު ވިސްނަން ފެށިއެވެ. މިކަމާ ދުރުހެލިވެވޭނެ ވަރަށް ބުރަ ގޮތެއް އޭނާއަށް ފެނުނެވެ. އެއީ ކޮޓަރި ހޫނުކުރުމަށް ޓަކައި ރޯކޮށްފައި ހުރި އުދުން ތެރެއަށް އިނގިލި ލައި އިނގިލި ކުރި ފިއްސައިލުމެވެ. މި ކަމުގެ ސަބަބުން ތަޙައްމުލު ކުރަން ޖެހުނު ވޭނާއި ދިލަޔާ ހެދި މި ޝައިޠާނާގެ މަތިން ހަނދާން ނެތި ދާނެތީއެވެ. ދިލަ ހަމަ ކެނޑޭއިރަށް އަނެއްކާވެސް އިނގިލި ފިއްސައިލަނީއެވެ. ފަތިސްވެ އެ އަންހެނާ އެ ކޮޓަރިން ބޭރަށް ނުކުންނަންދެން މި ކަމުގެ މަތީގައި އޭނާ ދެމި ހުށްޓެވެ. އޭނާގެ މޮޓޯއަކަށް ހެދީ (( މި އަލިފާނުގެ ދިލައިން  އާޚިރަތުގެ އަލިފާނުން ސަލާމަތް ވާނެތެވެ!))
  • ތިންވަނަ ވާހަކައަކަށް ދަންނަވާނީ އިސްލާމީ މަޝްހޫރު ނަފްސާނީ ޢާލިމެއް ކަމުގައިވާ އިބްނު ސީރީނުގެ ވާހަކައެވެ.[5] އިބްނު ސީރީނަކީ ވަރަށް ރީތި ، ހިމަތޮޅި، ދޮން ބޭކަލެކެވެ. އޭނާ އެ ދުވަސްވަރު  މަސައްކަތް ކުރައްވަން  އުޅުއްވީ ފޭރާން ވިއްކާ މީހެއްގެ ގާތުގައެވެ. އެއްދުވަހަކު އަންހެނަކު އެ ފިހާރައަށް އައިސް ފޮތިތަކެއް ގަތުމަށްފަހު އެ ފޮތިތައް އޭނާގެ ގެއަށް ގެންގޮސްދިނުމަށާއި އޭގެ އަގު ހަވާލު ކުރުމަށް ޓަކައި އޭނާއާއެކު އިބްނު ސީރީން ފޮނުވަން އެދުނެވެ. އެހިނދު އެ އަންހެނާއާއެކު މުދާތައް ދީފައި އިބްނު ސީރީން ފޮނުވިއެވެ. މި އަންހެނާ ގެއަށް ވަދެ އިބްނު ސީރީން އޭނާގެ ކޮޓަރި ތެރެއަށް  ވެއްދިއެވެ. އަދި ކޮޓަރި ދޮރު ލައްޕާފައި އޭނާއާއެކު އެދަށް ދިޔުމަށް ބުންޏެވެ.އިބްނު ސީރީން މި ކަމާ ދެކޮޅު ހެއްދެވުމުން މި އަންހެނާ އެކަން ނުކޮށް ނުދެވޭނެކަމަށް ބުނެ ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަން ފެށިއެވެ. އިބްނު ސީރީނަށް އެހެން ގޮތެއް ނެތްކަން އެނގިވަޑައިގަތުމުން ގިފިއްޔަށް ވަދެވަޑައިގަތުމުގެ ހުއްދަ ދިނުމަށް އެދިވަޑައިގަތެވެ. މި އަންހެނާ ހުއްދަ ދިނުމުން ގިފިއްޔަށް ވަދެވަޑައިގެން މުޅި ގައިކޮޅުގައި ނަޖިސް  އުނގުޅުއްވައިގެން ނުކުމެ ވަޑައިގަތެވެ. މި ނުބައި ވަހާ މަންޒަރާ ހެދި މި އަންހެނާ އިބްނު ސީރީން ފޮނުވައިލިއެވެ.

ﷲ ދަންނަމީހާ ﷲ ދެނެވޮޑިގަންނަވާނެ

ފާގަތިކަމާއި ތަނަވަސްކަމުގެ ވަގުތުގައި ﷲ ދަންނަ މީހާއާ ދަތިކަމެއް  ކުރިމަތިވާ ވަގުތުގައި މާތް ﷲ އޭނާއާއެކު ވޮޑިގެންވާނެތެވެ، އޭނާއަށް މަދަދު ދެއްވާނެތެވެ. ޝާމުކަރައިގެ މުސްކުޅި ޢާލިމަކު ޢުމުރުފުޅުން 96 އަހަރުގައި ތެދުވެވަޑައިގެން ޒުވާނެއް ގޮތަށް ހިންގަވާ އުޅުއްވިއެވެ. އޭނާގެ ލޯފުޅު އައްޔެވެ. އިވުން އެހާމެ ތޫނެވެ. ދަތްޕުޅުތައް ވެސް ވަރުގަދައެވެ. ޒުވާނުން އެ ޢިލްމުވެރިޔާއާ ސުވާލުކުރެތެވެ. (( ބޮޑުބޭބެގެ ޞިއްޙަތު  ރަނގަޅީ ކޮން އެއްޗެއް ފަރިއްކުޅުއްވާތީ ހެއްޔެވެ؟ ބޭބެ ކުރައްވަނީ ކޮން ކަހަލަ ކަސަރަތުތަކެއް ހެއްޔެވެ؟ އޭނާ އެ ކުދީންނާ ދިމާޔަށް ހިނިފުޅުވަޑުވައިލައްވާފައި ވިދާޅުވިއެވެ. ކުދީންނޭވެ! ބޭބެމެން ކުޑައިރު މާތްﷲއަށް ރައްކައުތެރިވީމެވެ. އެހެންވެ ބޭބެމެން މުސްކުޅިވި ދުވަހު އެކަލާނގެ ބޭބެމެން ރައްކައުތެރިކޮށް ދެއްވަނީއެވެ. ))  

ތައުބާ

އިސްވެ ދެންނެވި ޙަދީސް ބުނާގޮތުގައި ﷲ ލޯބިވެ ވޮޑިގަންނަވާ ޒުވާނުންނަކީ ﷲއަށް ތައުބާވާ ޒުވާނުންނެވެ. ތައުބާގެ އަޞްލު މާނައަކީ ﷲގެ ހަޟްރަތަށް އެނބުރި ދިޔުމެވެ. ތިމާއަށް ކުށެއް ކުރެވޭހިނދު އެކަލާނގެ ދަރުބާރަށް ގޮސް އެކަމާމެދު ދެރަވެ ހިތާމަކޮށް  މާފަށް އެދުމެވެ. ކުށަށް އިޢުތިރާފުވުމަކީ މާތްކަމެކެވެ. އެއީ އެއްގޮތަކަށް ވެސް ދެރަ ކަމެއް ނޫނެވެ. ކުށް ޤަބޫލު ކުރުމަކީ އޭނާގެ އަޚްލާޤުގެ މަތިވެރިކަމާއި ވިސްނުމުގެ ފައްކާކަން ދައްކުވައިދޭ ކަމެކެވެ. ކުށަށް އިޢުތިރާފު ވުމަކީ ތެދުވެރިކަމާއި ހިތްވަރުގަދަކަން ހިމެނޭ ކަމެއް ވެސް މެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلّم ޙަދީޘް ކުރައްވާފައި ވެއެވެ. ((  إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ صُقِلَ قَلْبُهُ[6] – ހަމަކަށަވަރުން އަޅާ ކުށެއް ކޮށްފި ނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއް ޖެހި ދާނެތެވެ. ފަހެ އޭނާ އެކަމާ ދުރުހެލިވެ ފާފަ ފުއްސަވަދެއްވުމަށް އެދި ދަންނަވައި ތައުބާ ވެއްޖެ ނަމަ، އޭނާގެ ހިތް ސާފުވެ އޮފުދާރުވެދާނެތެވެ.))

ތައުބާއަކީ ﷲގެ ޙަޟްރަތަށް އެބުރި ދިޔުމެވެ. އަޞްލަށް އެބުރި ރުޖޫޢަވުމެވެ. އެކަލާނގެ އަޅުންގެ މައްޗަށް ތައުބާ ލައްވާ ލެއްވުމަކީ އެކަލާނގެ ދަރުމަވަންތަކަމެވެ. އެކަލާނގެ ދީލަތިވަންތަކަމެވެ. ކޮންމެ އާދަމުގެ ދަރިއަކީ ގިނަގިނައިން ކުށް ކުރެވޭނެ މީހެކެވެ. އެންމެ ރަނގަޅު މީހަކީ ކުށެއް ކުރެވުމުން ފުއްސަވާ ދެއްވުމަށް އެދި ﷲއަށް ދަންނަވައި ތައުބާވާ މީހާއެވެ. ބައެއް ބަލިތަކަކީ އެ ބައްޔެއް  ހަމަ  ޖެހޭ އިރަށް ފަރުވާ ދެވިއްޖެ ނަމަ ވަރަށް ފަސޭހައިން ޝިފާ ލިބިދާނެ ބަލިތަކެކެވެ. އެކަމަކު ފަރުވާ ނުކޮށް  ދޫކޮށްލެވިއްޖެ ނަމަ  އެ ބަލި އިތުރަށް ނުބައިވެ  ފަރުވާ ދިނުން އުދަނގޫ ބައްޔަކަށް ބަދަލުވެދާނެއެވެ. ކުށް ފާފަތަކަކީ ވެސް ހަމަ މި ފަދަ ބަލިތަކެކެވެ. ކުށެއް ކުރެވޭ އިރަށް އެކަމަށް ތައުބާ ނުވެވިއްޖެ ނަމަ  އޭނާ އަނިޔާވެރިއަކަށް ބަދަލުވެގެން ހިގައިދާނެއެވެ.  މާތްﷲ ވަޙީ ކުރައްވަނީ (( وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ[7] - އަދި توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.((

މާތް ﷲ ސުވަރުގޭގައި ތައުބާވެރީންނަށް ޚާއްޞަ ދޮރުކޮޅެއް ލައްވާފައި ވެއެވެ. މި ދޮރުކޮޅު ވަނީ ހުޅުއްވާ ދެއްވައިފައެވެ. ހުޅަނގު ބިތުން އިރުއަރައްޖައުމަށް ދާނދެނެވެ. ﷲއަށް ތައުބާ ނުވާ މީހަކީ އަނިޔާވެރިއެކެވެ. ޚުދު އޭނާގެ އަމިއްލަ ނަފްސަށެވެ.

ﷲ ތައުބާވެރި ޒުވާނާ ދެކެ ލޯބިވެ ވިޑިގެން ވެއެވެ. މި ފަދަ ޒުވާނާއަށް އެކަލާނގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހުގައި މަތިވެރި ދަރަޖަ ލިބިގެން ވެއެވެ. ﷲގެ ހިޔާވަހިކަންނޫން ހިޔާވަހިކަމެއް ނެތް ދުވަހުގައި ﷲގެ ޢިނާޔަތާއި ރިޢާޔަތު ލިބި ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި ޒުވާނާ ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلّم މި ކަން ބަޔަންކޮށްދެއްވައި  ޙަދީސް ކުރެއްވިއެވެ. (( شَابٌّ نَشَاَ فِي عِبَادَةِ اللهِ[8]  - ﷲއަށް އަޅުކަންކުރުމުގައި ބޮޑުވި ޒުވާނާއެވެ. ))

ބޮޑު މަސްއޫލިއްޔަތެއް

     ވީމާ ޒުވާންކަމަކީ ބޮޑު މަސްއޫލިއްޔަތެކެވެ. މި މަސްއޫލިއްޔަތާމެދު ޤިޔާމަތް ދުވަހު ސުވާލު ކުރެވޭނެތެވެ. އެކަމަށް ޖަވާބުދާރީވާން ޖެހޭނެތެވެ. ރަސޫލުﷲ صلى الله عليه وسلّم ޙަދީސް ކުރެއްވިއެވެ. ((لا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعِ خِصَالٍ: عَنْ عُمُرُهِ فِيمَا أَفْنَاهُ؟ وَعَنْ شَبَابِهِ فِيمَا أَبْلاهُ؟ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ؟ وَعَنْ عَلِمهِ مَاذَا عَمِلَ فِيهِ[9] - ޤިޔާމަތްދުވަހު ހަތަރު ކަމަކާ ބެހޭގޮތުން ﷲގެ އަޅާއާ ސުވާލުކުރެވުމުގެ ކުރިން އޭނާއަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅޭނެތެވެ. އޭނާގެ ޢުމުރު ހުސްކޮށްލީ ކޮން ކަމެއްގައި ތޯއާއި، އޭނާގެ ޒުވާންކަން ހޭދަކުރީ ކޮން ކަމެއްގައި ތޯއާއި، އޭނާގެ މުދާ ހޯދީ ކިހިނަކުން ތޯއާއި އެ މުދާ ހޭދަކުރީ ކޮންކަމެއްގައި ތޯއާއި، އޭނާއަށް ލިބުނު ޢިލްމުން ޢަމަލު ކުރީ ކިހިނަކުންތޯއެވެ؟

[1]  - މި ޙަދީސް ރިވާކުރެއްވިގެން ވަނީ އަނަސުގެފާނު އަރިހުންނެވެ. މިއީ މަރްފޫޢު ޙަދީސެކެވެ. .މި މާނަ ދޭހަވާގޮތަށް އެތައް ޙަދީސްތަކެއް ވާރިދުވެފައި ވެއެވެ.

[2]  - رواه الطبرانى في الأوسط

[3]  -  يوسف : 15

[4]  - يوسف : 31- 32 – 33 - 34

[5]  - އިބްނު ސީރީން މަޝްހޫރުވެފައި ވަނީ ހުވަފެން ތަޢުބީރު ކުރުމުގައެވެ.

[6] - رواه النسائى و الترمذى وابن ماجه والحاكم وابن حبان وأحمد

[7] - الحجرات :11

[8]  - رواه الشيخان

[9]  - رواه البزار والطبراني

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.