މި ހިނގާ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑަށް ބެއްލެވީ ރައްޔިތުން އެންމެ ބޭނުންވީ ކަންކަން، ވީހައިވެސް ކުރު މުއްދަތެއްގައި ކޮށް ދިނުމަށް ކަމުގައެވެ.
އަސާސީ ޚިދްމަތް ދިނުމުގައި މާލެ އާއި ރަށްރަށާއި ދެމެދު ހުރި ފަރަގު ނައްތައިލުމުގެ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ރިޔާސީ ކެންޕޭނުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ވެސް އެމަނިކުފާނުގެ ކެންޕޭނުގައި ފާހަގަކުރައްވާފައިވެއެވެ. ކަރަންޓުގެ އަގުހެޔޮ ކުރުމާއި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅު ތަކުގެ ތެރެއިން ވައުދެއް ވެސް މެއެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް އިއުޅަން ކުރައްވާފައެވެ. "އަސާސީ ޚިދުމަތް ދިނުމުގައި މާލެ އާއި އެހެން ރަށްރަށާއި ދެމެދު ހުރި ފަރަގު ނައްތައިލުމުގެ ސިޔާސަތުގެ ދަށުންނާއި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރުމަށް ވަނީ ނިންމާފައި"، ރައީސް ވިދާޅުވިއެވެ.
ކަރަންޓު އަގުހެޔޮ ކުރުމަށް ދަރުކާރުން ނިންމަވާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. "ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަޤު ނެތިގެންދާނެ. މި ބަދަލާއެކު، ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތައިލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތްވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ކަރަންޓުގެ އަގަށް ބަދަލު ގެނައުމުން ރަށްރަށުގެ ގޭބިސީ ތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން ގޭބިސީ އަކުން ކަރަންޓު ބިލަށް ދެ ހާސް ދުއިސައްތަ ރުފިޔާ ހޭދަ ކުރާނަމަ، ދެން ދައްކަންޖެހޭނީ ގާތްގަނޑަކަށް އެއް ހާސް ހަތް ސަތޭކަ ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.