އައްޑޫ ތަރައްޤީގެ ޕްލޭންގައި އަޅުގަނޑުގެ ހިއްސާ ވަރަށްބޮޑު:އަސްލަމް

އެޕްރީލް ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީ ހިތަދޫ އުތުރުދާއިރާއަށް ވާދަ ކުރައްވާ މުޙައްމަދު އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި ކުލަގަދަ ނަމެކެވެ. އޭނާއަކީ ތަޖުރިބާހުރި ބޭފުޅެކެވެ.

އަސްލަމް ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރޭގައި އެކަމުގެ ތަޖުރިބާކާރުން ތިބިކަމަށްވަނަމަ ހޮވަންވާނީ އެފަދަ މީހުން ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ އެންމެ ތަޖުރިބާކާރު ބޭފުޅަކީ އަސްލަމެވެ. "އަޅުގަނޑަށްވުރެ ވަކި ރަނގަޅަށް މިކަން ކުރެވޭނެ މީހަކު އުތުރުދާއިރާއަށް ކުރިމަތިލާފައެއްނެތް. އަޅުގަނޑު ތަމްސީލްކުރާ ޕާޓީގެ ސިޓީ ކައުންސިލެއް އައްޑޫސިޓީގައިއޮތީ. އަޅުގަޑު ނިސްބަތްވާ ޕާޓީ ތަމްސީލް ކުރާ ސަރުކާރެއް މިއޮތީ،" އޭނާ ވިދާޅުވިއެވެ.

އޭނާއަކީ މިހާރުވެސް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރެވެ. ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ވަކާލާތު ކުރައްވާ މެމްބަރެވެ. އެކަން އެހެންއޮވެފައި އޭނާ ތަމްސީލްކުރާ އެމްޑީޕީގެ ސަރުކާރެއްއޮތުމުން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔުމަށް "އެހެން މީހުންނާ އަޅާބަލާއިރު ކަންކަން ކުރުމަށް މާބޮޑަށް އެހީތެރިވެވިދާނެ ކަމަށް ޤަބޫލުކުރެވޭ. އަޅުގަނޑަށް ވޯޓު ނުދީ ދެން ވޯޓުލާނެ ވަރުގެ މީހަކު އަޅުގަނޑާ ވާދައެއް ވެސް ނުކުރޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ވަކާލާތު ކުރައްވަމުން ގެންދަވފައިވާނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ. އެހެންނަމަވެސް އޭނާ އުންމީދު ކުރެއްވި އެއްވެސް ކަމެއް އަދާ ހަމައަށް ވެފައެއް ނުވެއެވެ. އެހެންނަމަވެސް އަސްލަމް މިފަހަރު ހުންނެވީ އުންމީދުގައެވެ.

"އަޅުގަނޑު އުންމީދުކުރާ އެއްވެސް ކަމެއް އަދި ޤައުމަށް ޙާސިލް ވެފައެއްނެތް. އަޅުގަނޑު ޤަބޫލު ކުރާގޮތުން މަޖިލީހުގެ މެމްބަރެއްގެ ޙައިސިއްޔަތުން ރައްޔިތުންނަށް އަދި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެވޭނެ. ބައެއް ބޭފުޅުން އައްޑުއަށް ކަންތަތައްކެއް ނުވާވާހަކަ ވިދާޅުވަމުން ގެންދަވަނީ. ވަކިވަކި މީހުންނެއް ނޫންކަންތައްކުރާނީ. ސަރުކާރާއި ދައުލަތުގެ އިސްމަޤާމަތުގައި ތިއްބަވާ ބޭފުޅުންނާއި ގުޅިގެން ރޭވިގެން އުސޫލްތަކެއްގެ ތެރެއިން ކަންކަން ކުރެވޭނީ،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ދެމީއޮތީ އެންމެ ތިން އަހަރަށް ކަމަށެވެ. އެ ތިން އަހަރުތެރޭގައި ރޭވިގެން އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ވެސް ވަރަށް ބާރަށް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއްކާ މިހާރުވެސް މިއޮތީ އެމްޑީޕީގެ ސަރުކާރެކެވެ. އައްޑޫ ތަރައްޤީ ކުރަން އަސްލަމް ބޭނުމެވެ.

"މިހާރު އައްޑޫގެ ތަރައްގީއަށް އެކުލަވާލެވިފައިވާ ޕްލޭނަކީ އަޅުގަނޑުގެ ވެސް ޙިއްސާ ވަރަށްބޮޑު ޕްލޭނެއް. އެޕްލޭނާ އެއްގޮތަށް ސަރުކާރަށް ރައްޔިތުން ޖާގަދީފި ކަމަށްވާނަމަ އެޕްލޭނާ އެއްގޮތަށް އައްޑޫ ތަރައްގީވެގެންދާއިރު ރާއްޖޭގައި އެންމެބޮޑަށް ތަރައްޤީވެފައިވާ އެއްސަރަޙައްދަށް އައްޑޫ ވެގެންދާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

އެޕްލޭމް ތަންފީޒު ކުރުމަށްޓަކައި ވެސް މިފަހަރުވެސް އޭނާ ގޮނޑިއަށް އިންތިޚާބު ކުރަންޖެހެއެވެ. "މިފަހަރުވެސް މަޖިލީހަށް ކުރިމަތި މިލީ ސަރުކާރު ތަމްސީލް ކުރާ މައިޕާޓީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ސަރުކާރަށް ވާގިވެރިވުމަށް. ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ފަހިކޮށްދިނުމަށް. އަދި މުޅިގައުމުގެ އިސްލާހަށް. ސިޔާސީ ކަންކަމާއި އަދި އެހެނިހެން ކަންކަން އިސްލާޙު ކުރުމަށް ބާރަށް މަސައްކަތްކުރުމަށް،" އަސްލަމް ވިދާޅުވިއެވެ.  އަދިވެސް ވަރަށްގިނަ ކަންކަން ކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އަސްލަމް ވަނީ ރައްޔިތުންނަށް ފައިސާދާހުރި އެއްތައް ކަމެއް މަޖިލީހަށް ހުށަހަޅައިފައެވެ. ބައެއްކަންކަން ފާސްވެސް ވެފައިވެއެވެ. އެހެންނަމަވެސް އެއިން ކަމެއް ތަންފީޒު ވެފައެއް ނުވެއެވެ. " ރައްޔިތުންނަށްޓަކައި ހުށަހެޅި ވަރަށް ގިނަކަންކަން ފާސްވެފައިވެސް ހުންނާނެ. އެއިން ކަމެއް ތަންފީޒު ވެފައިނެތީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑު ތަމްސީލްވާ ސަރުކާރެއްނެތީމައި. މިއަދު އަޅުގަނޑު ތަމްސީލްވާ ސަރުކާރެއް އޮތީމައި އަޅުގަނޑަށް ވަރަށްބޮޑަށް ޔަޤީކަން އެބައޮތް ސަރުކާރުން އެކަންކަން ތަންފީޒު ކުރައްވާނެ ކަމަށް. އަދި އަޅުގަޑު މެމްބަރަކަށް ހުރުމަކީ އެކަންކަން ކުރުމަށް ބޮޑުބާރަކަށް ވެގެންދާނެ،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމަނާފައިވާ ގިނަކަންކަމަކީ ވެސް މީގެކުރީގައި އޭނާ މަޖިލީހަށް ހުށަހަޅައި ފޭލިވެފައިވާ ކަންކަމަށެވެ.  އޭގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް އިތުރުކުރު ކުރުމާއި އެންމެ ކުޑަމުސާރަ ކަނޑައަޅުން ފަދަކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ހިތަދޫގައި ސަރުކާރުގެ މިސްކިތެއްނެތް ކަމަށެވެ. މިސްކިތެއް އެޅުމަށް ކޮންމެ އަހަރަކު ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހިސާބައައި އިރު އަދިވެސް އެކަން ނުވެއެވެ. މިސަރުކާރުން މިހާރުވަނީ އައްޑޫގައި އިސްލާމީ މަރުކަޒަކާއެކު ބޮޑު މިސްކިތެއް އެޅުމަށް ނިންމައިފައެވެ.

އަސްލަމްގެ ތަރައްޤީގެ ވިސްނުން އެބަހުއްޓެވެ. ރައްޔިތުންނަށް އެފޯރުކޮށް ނުދެވިފައި ހުއްޓައި އޭނާ ތަމްސީލް ކުރާ އެމްޑީޕީ ސަރުކާރެއްއައީއެވެ. އެހެންވީމާ އައްޑޫގެ ތަރައްޤީއަށް މިފަހަރުވެސް އަސްލަށް ފުރުސަތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.