އިންޑިޔާގެ އާއްމު އިންތިޚާބަށް ދެތިން ހަފުތާއަށް ވެފައި ވަނިކޮށް، އާސާމް ސްޓޭޓްގައި ދިރިއުޅޭ 600 މުސްލިމް އާއިލާއެއް ގެއިން ނެރެ މަގުމަތިކޮށްލައިފިއެވެ.
މި އާއިލާތައް ގެއިން ނެރެލާފައިވަނީ ސަރްކޭބަސްތީ އަވަށުގައެވެ. އެއީ މެދުތެރޭ އާސާމުގައި ވެރިރަށް ގުވަހާޓީއާއި 150 މޭލު ދުރުގައި އޮންނަ، ހޮޖާއީ ޑިސްޓްރިކްޓްގެ އަވަށެވެ.
އެ ސަރަހައްދުގެ ކައުންސިލް، ކަރްބީ އަންގްލޮންގް އޮޓޮނޮމަސް ކައުންސިލް (ކޭއޭއޭސީ) އިން ބުނީ މުސްލިމް އާއިލާތައް އެބައިމީހުން ދިރިއުޅޭ ގެތަކުން ބޭރުކޮށްލީ ސަރުކާރުގެ ބިމެއްގައި ގަވާއިދާ ޚިލާފަށް އުޅެމުން ދާތީއެވެ. މިކަމުގެ ސަބަބުން 2700 މީހުން ވަނީ މަގުމަތިވެފައެވެ.
މި މައްސަލަ ފެންމަތިވެގެން އުޅެނީ ކުއްޖަކު ވިއެއިތާ ދެގަޑި އިރުވެސް ނުވާ، ކުލްސޫމާ ބޭގަމް ނަކަމަށް ކިޔާ އަންހެނަކު ގަދަކަމުން ދަމާ ގެއިން ނެރެން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއަށް ގުވަހާޓީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވުމުންނެވެ.
"ހަތެއްކަ އަށެއްކަ ފުލުހުން ގެއަށް ވަދެ ތަންތަން ހަލާކުކުރަން ފެށީ. އަހަރެންނަށް ކޮންވެސް ވަރެއްގެ އެތިކޮޅެއް ގެއިން ނެރެވުނު. އަހަރެން ދެން އަނބުރި އައިއިރު ކުލްސޫމާ އޮތީ ތަޅުންގަނޑު މަތީގައި ހިރިނުލެވިފައި." ކުލްސޫމާ އަވަށްޓެރިއަކު ކަމުގައިވާ ރާމިސާ ޚާތޫން ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
މި މައްސަލައިގައި އެ ސަރަހައްދުގެ އާއްމުން ނުކުމެ އިހުޖާޖުކުރުމާ ގުޅިގެން، ގެތަކުން މީހުން ނެރުމުގައި ހަރަކާތްތެރިވި ކޭއޭއޭސީގެ ބައެއް މަސްއޫލުވެރިންނާއި ފުލުސް އޮފިސަރެއްގެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.
"މައްސަލައެއްވަނީ ބަލައިގެންފައި. އަދި މިހާރު ތަހުގީގުތައް ކުރިއަށް ދަނީ." ހޮޖާއީގެ ޑިޕިއުޓީ ކޮމިޝަނާ ޓޮމީ ބޯގޭން ވިދާޅުވިއެވެ.
މުސްލިމް އާއިލާތައް ގެއިން ނެރެލުމަށް ފަހު ކޭއޭސީސީން ވަނީ އެކަން ރަނގަޅުކަށް ބުނެ، އެކަން ދިފާއުކޮށްފައެވެ. ކޭއޭއޭސީގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އާސާމް ގޮފީގެ ރައީސު ޓުލިރާމް ރޮންގަންގް ވިދާޅުވީ، ބަންގްލަދޭޝްއިން އާސާމަށް ހިޖުރަކޮށް، އެއްވެސް ތަނެއްގައި ރަޖިސްޓަރީކޮށްފައި ނުވާ ބަޔަކު ސަރުކާރުގެ ބިމުގައި ގެ އަޅައިގެން ތިބީމައި، އެމީހުން ނެރެލީ ކަމުގައެވެ.
އެހެންނަމަވެސް، ގެތަކުން ނެރެލާފައިވާ މީހުން ވަނީ ރޮންގަންގްގެ މިވާހަކަ ދޮގުކޮށްފައެވެ. އެމީހުން ބުނީ އެމީހުންނަކީ އިންޑިޔާގެ ރައްޔިތުން ކަމުގައެވެ.
އާސާމް ސްޓޭޓްގެ ވެރިކަމަށް 2016 ވަނަ އަހަރު ބީޖޭޕީ އައިފަހުން ގިނަ މުސްލިމް އާއިލާތަކެއް މިފަދައިން ގެއިން ނެރެލާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މިފަހަރު އިންތިޚާބާ ދިމާކޮށް މިކަން މިކުރަނީ އާސާމުގެ ހިންދޫންގެ ތާއީދު އިތުރަށް ހޯދުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.