ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމެންޓް ނެޓްވޯކް (ސާވަން) ގެ ފަސްވަނަ އެގްޒެކަޓިވް ކޮމިޓީގެ ބައްދަލުވުން މިއަދު ފަށައިފިއެވެ. މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ފެށި އެއްދުވަހުގެ މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރެވެ.
މިއަދު ފެށުނު ފަސްވަނަ އެގްޒެކަޓިވް ކޮމިޓީގެ ބައްދަލުވުމުގައި ސާވަންގެ ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ސާވަންގެ ކަންތައްތައް ބަލަހައްޓާ ހުރިހާ ފޯކަލް ޕޮއިންޓުން ބައިވެރިވެއެވެ. މި ބައްދަލުވުމުގައި ފާއިތުވި އަހަރު ސާވަން އިން ކުރެވުނު ކަންތައްތައް ހިއްސާކުރުމާއި އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރިނަމަ އެކަމެއް އިސްލާހުކޮށް ފާއިތުވެދިޔަ އަހަރުތަކުގެ ތަޖުރިބާ ހިއްސާކުރެވޭނެއެވެ.
ސާވަން އަކީ އޭޝިއާ ޤައުމުތަކުގެ ދިރުންތަކާއި އިލީގަލް ޓްރޭޑް ބެލެހެއްޓުމަށް ކަނޑައެޅިފައި އޮންނަ ޖަމްޢިއްޔާއެކެވެ. ސާވަންގެ މައިގަނޑު މަޤްސަދަކީ އެއް ޤައުމުން އަނެއް ޤައުމަށް ކުރެވޭ ވައިލްޑްލައިފް ޓްރޭޑްތަކާއި އެ ޤައުމެއްގެ ހިމާޔްތްކޮށްފައިހުރި ދިރުންތަކުން ކުރެވޭ ޓްރޭޑްތައް ހުއްޓުވާ މިކަހަލަ މަޢުލޫމާތު ކަމާގުޅުންހުރި ޤައުމުތަކާ ހިއްސާކުރުމެވެ.
ސާވެންގެ ހުރިހާ ޤައުމުއްގައިވެސް ކަމާގުޅުންހުރި ހުރިހާ އިދާރާއެއްވެސް އޮންނަނީ ގުޅިފައެވެ. ދިވެހިރާއްޖޭގައި ދިރުންތަކާގުޅޭ މަސައްކަތްކުރެވެނީ މޯލްޑިވްސް ޕޮލިސް ސާރވިސް، މޯލްޑިވްސް ކަސްޓަމްސް ސާރވިސް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަދި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ، ގުޅިގެންނެވެ.
ސާވަންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކކުވެސް ސާކުގެ ކޮންމެވެސް އެއްގައުމެއްގައި ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.