ގިނައިން ކޮފީ ބުއިމުން ހަށިގަނޑަށް ކުރާނީ ކޮންކަހަލަ އަސަރެއްބާވައެވެ؟

ކޮފީ ބުއިމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. ޚާއްސަކޮށް އެއީ ދިވެހި ޒުވާނުންގެ މެދުގައި އޮންނަ ފެޝަނެއްވެސް މެއެވެ.

ކޮފީ ބުއިމަކީ ހަށިގަޑަށް ގެއްލުން ލިބޭ ކަމެއް ކަމަށް ބައެއް މީހުން އެބަކިޔައެވެ. އެއީ ބޯން ހެޔޮވާރު އެއްޗެއްނޫން ކަމަށް ޤަބޫލުކުރާ ދިވެހިންވެސް މަދެއްނޫނެވެ. އެހެން ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ގިނަގިނައިން ކޮފީ ބުއިމަކީ އިންސާނާގެ ހަށިގަނޑަށް ގިނަ ގޮތްގޮތުން ފައިދާ ލިއްބައިދޭ ކަމެކެވެ. މީގެ ސިއްރަކީ ކޮފީގައި އެކުލެވިގެންވާ މާއްދާތަކުގެ ތެރެއިންވެސް، ކެފެއިން ނަމަކަށް ކިޔާ މާއްދާ އެވެ. ކެފެއިންއަކީ އިންސާނާގެ ހަށިގަނޑު ހޭލައްވައިލާ، މީހާގެ ކަންނެތްކަން ފިލުވައިލާ، ހަށިގަނޑަށް ތާޒާކަން ގެނެސްދިނުމުގެ ބާރު ލިބިގެންވާ މާއްދާއެކެވެ.

ކެފެއިންގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ތާޒާކަން ގެނެސް ދެނީ އެ މާއްދާ އިންސާނާގެ ހަށިގަނޑުގެ ހިމަ ނާރުތަކަށް ކުޑައިރުކޮޅެއްގެ ތެރޭގައި ވާސިލުވެ، ހަށިގަނޑަށް ބޭނުންވާ ހަކަތަ ކުއްލިއަކަށް ގެނެސްދޭތީއެވެ.

ކެފެއިންގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އެތަކެއް ފައިދާއެއް ލިބިގެންދެއެވެ. އޭގެ ތެރެއިން ނާރުގެ ނިޒާމަށް ލިބޭ ފައިދާ ފާހަގަ ކޮށްލެވެއެވެ. އިންސާގެ ހަށިގަނޑުގައި ނާރުތަކުގެ ނިޒާމް މައިގަނޑުގޮތެއްގައި އަދާކުރާ މަސްއޫލިއްޔަތަކީ ހަށިގަނޑުގެ އެއް ގުނަވަނުން އަނެއް ގުނަވަނަށް މެސެޖް ފޮނުވައި ދިނުމެވެ. ކެފެއިންގެ ސަބަބުން އެ ނިޒާމަށް ވެސް އިތުރު ފުރިހަމަކަން ގެނެސްދެއެއެވެ. އިތުރު ދިރާސާތަކުން އެނގޭގޮތުގައި، ހިތުގެ ތަފާތު ބަލިތަކުންނާއި، ހަކުރުބައްޔާއި ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށްވެސް ކެފެއިން އެހީތެރިވެދެއެވެ.  މީގެ އިތުރުން، ކޮފީއާއި މަލްޓިޕަލް ސްކްލެރޮސިސްއާވެސް ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މަލްޓިޕަލް ސްކްލެރޮސިސް އަކީ އޭގެ ސަބަބުން  އިންސާނާގެ ސިކުނޑިއަށާއި، މައިބަދައާއި އަދި އިންސާނާގެ ސިކުނޑިން ލޮލަށް ވާސިލުވާ މައި ނާރުގެ މަސައްކަތްތައް ފުށުއަރުވާލާ ބައްޔެކެވެ. މިބަލީގެ ސަބަބުން ލޮލުގެ ފެނުމަށް ބަދަލު އާދެއެވެ. ހަށިގަނޑުގެ ބެލެންސް ކުރުމަށް ބަދަލު އާދެއެވެ. އަދިވެސް ހަށިގަނޑުގެ އިތުރު މަސައްކަތްތަކަށް ބަދަލުއާދެއެވެ.

ސުވިޑަންގައި16 އަހަރާއި70 އަހަރުގެ މީހުންގެ މެދުގައި މަލްޓިޕަލް ސްކްލެރޮސިސް ޖެހުމުގެ ފުރުސަތު ހުންނަމިންވަރު ބެލުމަށް 8 އަހަރުގެ މުއްދަތަށް ސްވިޑަންގައި ދިރާސާއެއް ކުރިއެވެ. އެދިރާސާ ކޮށްފައިވަނީ ޢުމުރުން 16 އަހަރާއި 70 އަހަރާ ދެމެދު މީހުންގެ މެދުގައެވެ. އެދިރާސާއިން ދެއްކި ގޮތުގައި ކޮފީނުބޯ މީހުންނާއި އަޅާބަލާއިރު ގިނައިން ކޮފީބޯ މީހުންގެ މެދުގައި މިބަލިޖެހުން ވަރަށްމަދެވެ. މިއީ ޖަނަވާރުން ބޭނުންކޮށްގެން ހެދި ދިރާސާއިން ވެސް ލިބުނު ނަތީޖާއާއި އެއްގޮތް ނަތީޖާއެކެވެ. މީގެ އިތުރު ދިރާސާއަކުން ދައްކާގޮތުގައި 5 އަހަރާއި 10 އަހަރުގެ މުއްދަތަކަށް ދުވާލެއްގެ މައްޗަށް 4 ނުވަތަ 6 ތަށި ކޮފީ ޤަވާޢިދުން ބޯމީހުންނަށް މަލްޓިޕަލް ސްކްލެރޮސިސް ބަލި ޖެހުމުގެ 30 އިންސައްތަ ކުޑައެވެ. މި ދިރާސާ ކުރެވުނީ އުމުރު ދުވަހު އެންމެ ކޮފީ ތައްޓެއްވެސް ނުބޯމީހުންނާ އަޅާކިޔައިފައެވެ.

ކެއިސަރ ޕާރމަނެންޓް މެޑިކަލް ކެއަރ ޕްލޭން ނޮދާރން ކެލިފޯރނިއާ ރީޖަން (ކޭޕީސީއެން) އިން ކުރި ދިރާސާއަކުން ދައްކާގޮތުންވެސްކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު ދުވާލަކު 4 ތަށި ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބޯމީހުންގެ މެދުގައި މިބަލި ޖެހުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް މިދިރާސާތައް ކޮށްފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނާއި މީހާގެ ޖިންސާއި އަދި މީހާގެ ބަރުދަނަށް ބަލާފައެވެ. އެހެންކަމުން ދުވާލެއްގެ މަށްޗަށް މީހާ ކޮފީބޯންވާ މިންވަރު މިކަންކަމަށް ބަލާފައި ބަދަލުވެގެންދެއެވެ.

ލިޔުނީ: އެމްއެންޔޫގެ ބެޗެލަރ އޮފް ސައިންސް ދަރިވަރުން ކަމަށްވާ ފާތިމަތު ޝަހުމާ، ޙަލީމަތު ޝާޒުލީން، ރާފިޢު ޙުސައިން.

https://jnnp.bmj.com/content/87/5/454:ރިފަރެންސް

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.