މާލޭ ކުޅިވަރު އެކުވެނި ޓެނިސްކޯޓު ފުރަގަގުގައި ބަހައްޓައިފައިވާ މުދާތަކެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ އިރު އޮއްސުނު ވަގުތު ކަމަށެވެ. މަޢުލޫމާތު ލިބުމާއެކު އެސަރަޙައްދަށް ގޮސް އެމްއެންޑީއެފް ފަޔަރ ޓީމުން ވަނީ އަލީފާން ނިއްވައިފައެވެ. އެ ސަރަޙައްދުން މިހާރު އަރަނީ ދުން އެކަނި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިޙާދުސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ ފެންސް ރޯލްތަކާއި އަދިވެސް އެހެން ސާމާނު ތަކެއްގައެވެ. އެއީ އެކި ރަށްރަށުގައި ހަދަމުންދާ ދަނޑުތަކަށް ފޮނުވުމަށް ބަހައްޓައިފައިވާ ސާމާނުތަކެއް ކަމަށް ވެސް މަޢުލޫމާތު ލިބިފައެވެ. އަލިފާން ނިއްވާލެވިފައިވަނީ މިރޭ 8:30 އެހައިކަންހާއިރު ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
"ރޯވެފައިވަނީ ރާއްޖޭގައި ފުޓުސަލް ދަނޑުތައް އެޅުމަށް ޗައިނާ ސަރުކާރުން ދީފައިވާ ބައެއް ސާމާނުން" ޔޫތު މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވިއެވެ. އެތަކެތީގައި ރޯވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.