އަރަހުށި ﷲގެ ލޮބުވެތި ނަބިއްޔާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( إِنّ اللَّهَ يُحِبُّ السَّهْلَ الطَّلْقَ[1] - ހަމަކަށަވަރުން ލުއި ފަސޭހަކަމާއި ހިނިތުންވެލުމާއެކު މީސްތަކުންނާ މުޢާމަލާތު ކުރާ މީހާ ދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. ))
ﷲ ސުބްޙާނަހޫ ވަ ތަޢާލާ ލޯބިފުޅުވާ މީހުންނާއެކު ހޭދަކުރަމުންދާ މި ސިލްސިލާގައި މިއަދު މި ބައްދަލު ކުރަނީ ވަރަށް ލުއި ފަސޭހަ ކަމަކާ އެކުގައެވެ. އެއީ ވަރަށް ކުޑަ ، ވަރަށް ލުއި ކަމެކެވެ. މުދާ ހޭދަކުރަން ނުޖެހޭނެ ކަމެކެވެ. ގައިބާރަކަށް ބޭނުން ނުވާނެ ކަމެކެވެ. މި ކަން ކުރުމަށް ޓަކައި ތަކްލީފެއް އުފުއްލާކަށް ނުޖެހެއެވެ. އެސްފިޔަ ޖަހާލައިހާ ވަގުތުކޮޅެއްގެ ތެރޭގައި ކޮށްލެވިދާނެ ކަމެކެވެ. އެހެން ނަމަވެސް އޭގެ އަސަރު ވަރަށް ބޮޑެވެ. ހިތްތައް ފޫއަޅުވައިލައެވެ. ފުރާނަތައް އަޅުވެތިކޮށްލައެވެ. ހިތާމަތައް ނައްތައިލައެވެ. ނަފްސުތައް ސާފުކޮށްލައެވެ. ހުރަސްތައް ނައްތައިލައެވެ.
އެއީ ތަރްޖަމާނަކަށް ބޭނުންނުވާ ބަހެކެވެ. އެއީ ޙަޔާތުގެ ކިލަބުކަން ސާފުކޮށްދޭ ބޭހެކެވެ. އެއީ ބަންދުވެފައިވާ ހިތްތައް ހުޅުވައިލަދޭ ތަޅުދަނޑިއެކެވެ.
އޭގެ ފަސޭހަ ކަމާއި ލުއި ކަމާއެކަގައި ވެސް އެއީ ސަވާބު މަތިވެރި ސުންނަތެކެވެ. ލޮބުވެތި ނަބިއްޔާގެ ޚުލްޤުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެއީ ހިނިތުންވެލުމެވެ. އިސްވެ ދެންނެވި ޙަދީސުގެ އެއްބަޔަކީ ހިނިތުންވުމެވެ. (( إِنّ اللَّهَ يُحِبُّ السَّهْلَ الطَّلْقَ )) އެހެން ރިވާޔަތެއްގައި ވަނީ ((إِنّ اللَّهَ يُحِبُّ السَّهْلَ الطَّلِيْقَ )) އެވެ. ހިނތުންވެ އުޖާލާވެފައިވާ މޫނު ދެކެ އަރަހުށި ﷲ ލޯބިވެ ވޮޑިގަންނަވައެވެ. އޭނާ އޭނާގެ އަހްލުންނާ ބައްދަލު ކުރާނީ ހިނިތުންވެލުމާއެކު ގައެވެ. އޭނާ އޭނާގެ އެކުވެރީންނާ ބައްދަލު ކުރާނީ ހިނިތުންވެލުމާއެކުގައެވެ. އޭނާ އެހެން މީހުންނަށް ކުނި މޫނެއް ނުދައްކާނެތެވެ. އޭނާ އޭނާގެ ރައްޔިތުންނާ ބައްދަލު ކުރާނީ ހިނިތުންވެލުމާއެކުގައެވެ. ހަމައެކަނީ އިންތިޚާބުގެ ދުވަސްވަރަކު ނޫނެވެ. އިނތިޚާބުގެ ފަހުގައި ވެސްމެއެވެ.
މި ޙަދީސުގެ ދެވަނަ ބަޔަކީ މީހުންނާއެކު މުޢާމަލާތު ކުރުމުގައި ލުއިފަސޭހަ ގޮތް ގެންގުޅުމެވެ. ދޭއިރުގައިވެސް އަދި ހިފާ އިރުގައިވެސްމެއެވެ. ވިއްކާއިރުގައްޔާއި ގަންނައިރުގައެވެ. ޚިދްމަތްދޭ އިރުގައްޔާއި ޚިދްމަތް ލިބިގަންނަ އިރުގައެވެ. ރަޙްމަތްތެރީންނާ ނުދަންނަ މީހުންގެ މެދުގައި ތަފާތެއް ނުކުރާނެތެވެ.އެންމެންނަށް ވެސް މަރްޙަބާ ކިޔާނީ ހަމަ އެއްގޮތަކަށެވެ. ރުންކުރުކުރުމެއް ޒުވާބު ކުރުމެއް ނެތިއެވެ. ރިވެތި ބަހުންނެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާތް ﷲ މިފަދަ މީހުން ދެކެ ލޯބިވެ ވޮޑިގަންނަވަނީ މި ދެ ސިފަ މަތިވެރި ﷲގެ ސިފަފުޅުތަކުގެ ތެރޭގައި ހިމެނޭތީއެވެ. އެއީ އޯގާވެރިކަމާއި ރަޙްމަތެވެ. ޙިލްމުވެރިކަމާއި ކޯފާ މަޑު ކަމެވެ. ﷲގެ ސިފަފުޅުތަކުން ގަހަނާ އަޅައިފި މީހާދެކެ ﷲ ލޯބިވެ ވޮޑިގަންނަވާނެ ކަމާމެދު ޝައްކެއް ނެތެވެ.
ހަމަ އެފަދައިން މި ދެ ސިފައަކީ ލޮބުވެތި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސިފަފުޅުތަކުގެ ތެރޭގައި ވެސް ހިމެނޭ ސިފަތަކެކެވެ. އެކަލޭގެފާނަކީ އަވަހާރަފުޅު ލައްޕަވާއިރުގައި ވެސް އެކަލޭގެފާނުގެ އުއްމަތުގެ ކުރިމަގާމެދު ވިސްނެވި ބޭކަލެކެވެ. މާތް ﷲ އެކަމަނާއަށް ރުއްސުން ލެއްވި އުއްމު ޙަރާމު ބިންތި މިލްޙާނުގެ ގެކޮޅުގައި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއް ދުވަހަކު އަވަހާރަފުޅު ލެއްޕެވިއެވެ. އެކަލޭގެފާނު ހޭފުޅުލައްވައި ހިނިވަރުނަކުރެއްވިއެވެ. އެކަމަނާ އެކަލޭގެފާނު ހިނިވަރުނަކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (( ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކު މި ކަނޑު ހުރަސްކޮށް ﷲގެ މަގުގައި ޖިހާދު ކުރަން ދިޔަތަން ތިމަންކަލޭގެފާނަށް ދެއްކެވުނެވެ. އެބައިމީހުން ތިބީ ރަސްރަސްކަލުން ފަދައިން ދާންމަތީގައެވެ. އެކަމަނާ ދެންނެވިއެވެ. އެމީހުންގެ ތެރޭގައި އަޅުގަނޑު ލައްވައި ދެއްވާތޯ ދުޢާކޮށް ދެއްވާށެވެ! އެހިނދު ރަސޫލާ އެކަމަނާއަށް އެ ނިޢުމަތް ދެއްވުން އެދި ދުޢާކޮށް ދެއްވިއެވެ.[2] ((
ކީރިތި ރަސޫލާއަކީ އެކަލޭގެފާނުގެ އުއްމަތާ ބެހޭ ހެޔޮ ޚަބަރެއް ލިބިވަޑައިގެންފިނަމަ އެކަމާމެދު އުފާކުރެއްވި ބޭކަލެކެވެ. އަދި މި އުފާވެރި ޚަބަރު މީސްތަކުންނަށް ދެއްވުމަށް އަބަދުވެސް އަވަސްވެ ވަޑައިގެންނެވެ. އެކަލޭގެފާނުގެ އުއްމަތަށް ޤިޔާމަތްދުވަހު މާތްﷲ ދެއްވާނެ ހެޔޮ ޚަބަރެއް ލިބިވަޑައިގަތުމުން އެކަމާ އުފާކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނު އަރިހުން ރިވާވެގެން ވެއެވެ. (( އެއްދުވަހަކު ތިމަންބޭކަލުންގެ އަރިހުގައި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިރުކޮޅަކަށް އަވާހަރަފުޅު ލެއްޕެވިއެވެ. ހޭފުޅުލައްވައި އިސްތަށިފުޅު އުފުއްލަވާލައްވައިފާ ހިނިވަރުނަ ކުރެއްވިއެވެ. ތިމަންބޭކަލުން ނަބިއްޔާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެންނެވީމެވެ. ކަލޭގެފާނު ހިނިވަރުނަކުރެއްވީ ކީއްވެގެން ތޯއެވެ؟ޙަދީސް ކުރެއްވިއެވެ. ދެންމެއަކު ތިމަންކަލޭގެފާނުގެ މައްޗަށް ސޫރަތެއް ބާވައިލެއްވިއްޖެއެވެ. ދެން އެކަލޭގެފާނު سورة الكوثر ވިދާޅުވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. الكوثرއަކީ ކޮން އެއްޗެއް ކަން ތިޔަބޭކަލުންނަށް އެނގިވަޑައިގަންނަވާ ތޯއެވެ؟ތިމަންބޭކަލުން ދެންނެވީމެވެ. އެއީ ކޮން އެއްޗެއްކަން ބޮޑަށް ދެނެވޮޑިގަންނަވާނީ ﷲއެވެ. އަދި އެކަން ބޮޑަށް ދެނެވަޑައިގަންނަވާނީ އެކަލާނގެ ރަސޫލާއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (( إِنَّهُ نَهْرٌ وَعَدَنِيهِ رَبِّى عَزَّ وَجَلَّ عَلَيْهِ خَيْرٌ كَثِيرٌ هُوَ حَوْضٌ تَرِدُ عَلَيْهِ أُمَّتِى يَوْمَ الْقِيَامَةِ آنِيَتُهُ عَدَدُ النُّجُومِ[3] – ހަމަކަށަވަރުން އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިމަންކަލޭގެފާނަށް ދެއްވަން ވަޢުދު ކުރައްވާފައިވާ ކޯރެކެވެ. އެތާނގައި ގިނަގުނަ ހެޔޮކަން ވެއެވެ. ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން އެ ކޯރުދޮށަށް ފެން ބޯން ދާނެތެވެ. އެ ކޯރުގެ ކަންވާރުތައް އުޑުގެ ތަރިތައްހާ ގިނަވާނެތެވެ. ))
އަލްބުޚާރީގައި އައސްފައި ގޮތުގައި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މި އުއްމަތަށް އަލްވަދާޢުވީ ހިނިވަރުނަ ކުރައްވަމުންނެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވި ހިނދު، އިމާމުވެ ވަޑައިގެން ނަމާދު ކުރައްވަން އަބޫބަކްރުގެފާނަށް އެންގެވިއެވެ. އެކަލޭގެފާނު އަބޫބަކްރުގެފާނުގެ ފަހަތްޕުޅުގައި އިންނަވާ ނަމާދު ކުރެއްވިއިރު އެކަލޭގެފާނުގެ އުއްމަތުގެ މީހުން ނަމާދު ކުރަން ތިބިގޮތް ފެނިވަޑައިގެން ހިނިވަރުނަ ކުރެއްވިއެވެ.
ކީރިތި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ބަލާއިރު ޢަބްދު ﷲ ބުނުލްޙާރިޘް ވިދާޅުވި ފަދައިން (( ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްވުރެ ގިނައިން ހިނިތުންވި މީހަކު ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. ))[4]
އަޅުގަނޑުމެންނަށް މި ފެންނަނީ ލޮބުވެތި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބައިނަލްއަޤްވާމީ މި މާތް ޚުލްޤު ، ބަހުންނާއި ، ޢަމަލުންނާއި، އެކަލޭގެފާނުގެ ވަސްމީރު ސީރަތުން ، އިންސާނިއްޔަތަށް ދަސްކޮށް ދެއްވި ތަނެވެ. އެކަލޭގެފާނުގެ އަހްލުންނާއި ޞަޙާބީންނާއި އުއްމަތުގެ ބުސްތާނުގައި މި އިންދެވި އޮށުން ފެޅި ގަހުގެ ހެޔޮކަން ފެތުރި ދުނިޔެއާއި އާޚިރަތަށް ދެމިގެން ދިޔައެވެ.
ޞިއްޙީ ފައިދާ
ޒަމާނީ ސައެންސާއި ޑަކްޓަރުން ސާބިތުކޮށް ދެއްވާފައިވާ ގޮތުގައި ހިނިތުންވުމަކީ އޭގެ ފައިދާ ހަށިގަނޑަށް ލިބޭ ކަމެކެވެ. ހިނިތުންވުމާ ބެހޭގޮތުން ޢިލްމީ އެތައް ދިރާސާތަކެއް ވަނީ ކޮށްފައެވެ.މި ދިރާސާތައް ބުނާގޮތުގައި ހިނިތުންވުމަކީ އިންސާނާއަށް އެކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ އެތައް ފައިދާތަކެއް ލިބޭ ކަމެކެވެ. ހިނިތުންވުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ ކަމެކެވެ. އަދި އެއީ ހަށިގަނޑުގައި ލޭހިނގުން ރަނގަޅުކޮށްދީ ލޭގެ ދައުރުވުން ހީވާގިކޮށްދޭ ކަމެކެވެ. އެއީ ވަރަށް ގިނަ ބަލިތަކަކާއި ނަފްސާނީ ފިއްތުންތަކަކުން ހަށިގަނޑު ޙިމާޔަތްކޮށްދީ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދޭ ކަމެއްވެސްމެއެވެ. ހިނިތުންވުމުގެ ސަބަބުން ސިކުނޑިއަށް ބޭނުންވާ ވަރަށް އޮކްސިޖަން ސިކުނޑީގައި ރައްކައުކޮށްފައި ބެހެއްޓުމަށް އެހީވެއެވެ. ހިނިތުންވުމުގެ ސަބަބުން ހިތާއި ސިކުނޑިއާއި ހށިގަނޑުގެ މުހިއްމު ވަޒީފާތައް އަދާކުރުމަށް އީޖާބީ އަސަރުތަކެއް ފޯރައެވެ. މޫނުގެ ރީތިކަމާއި އޮފުކަން ދަމަހައްޓައި ދިނުމުގެ އިތުރަށް ހިނިތުންވުމަކީ މަޢިދާއިން އުފައްދާ ދިޔަތަކުގެ ހުތްކަން ކުޑަކޮށްދޭ ކަމެކެވެ. ދިރާސާތައް ބުނާގޮތުގައި ހިނިތުންވުމަކީ ހާސްކަން ކުޑަކޮށްދީ ނިދި އައުމަށްވެސް އެހީވެދޭ ކަމެކެވެ.
މިއީ ހިނިތުންވުމުގެ ސަބަބުން ލިބޭ ދުނިޔެވީ ބައެއް ފައިދާތަކެވެ.
މިއިން އެނގެނީ ހިނިތުންވުމަކީ މީސްތަކުންގެ ގާތަށް ފޮނުވޭ އަވަސް އެސްއެމްއެސްއެއް ކަމެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭގެ އަސަރާއި ތާސީރު ނަފްސުތަކަށް ފޯރާ ކަމެވެ. ޗައިނާގެ ހަރުބަހެއްގައި ވެއެވެ. (( ހިނިތުންވެލަން ނޭނގޭ މީހާ ފިހާރައެއް ނުހުޅުވާށެވެ! )) މިއަދުގެ ދުނިޔެއަށް ބަލާއިރު ކުރިއަރާފައިވާ ޤައުމުތަކުންނާއި މަޝްހޫރު ކުންފުނިތަކުން އެ ތަންތާނގެ މުވައްޒަފުންނަށް ހިނިތުންވުމާއެކު ކަސްޓަމަރުންނާ ބައްދަލުކުރުމަށް ބޭނުންވާ ތަމްރީނު ދެއެވެ. މިކަމަށް ޓަކައި އެ ކުންފުނިތަކުން އެތައް މިލިޔަން ޑޮލަރުތަކެއް ހޭދަ ކުރެއެވެ.
ﷲގެ ނިޢުމަތެއް
އެއްވެސް ޝައްކެއްނެތް ގޮތުގައި ހިނިތުންވުމަކީ ﷲ ތަޢާލާގެ މީސްތަކުންނަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެއްކެކެވެ. އެއީ ހިތުން ނުކުމެ ތުންފަތުގައި ކުރަހާލައިލެވޭ ސިޙްރެކެވެ.ލޯބީގެ މީރު ވަސް ފަތުރާ ކުލުނުގެ ފިނި ރޯޅިއެކެވެ. އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގޮށުން މީސްތަކުން ބަދެލަދޭ ވައުފަށެކެވެ.ހިތަށް ލުއިކަން ގެނެސްދޭ ބަލްސަމެކެވެ.
މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެފާނު އެކަލޭގެފާނުގެ ބޭފުޅުންނަށް ވަޞިއްޔަތް ކުރައްވަމުން ވިދާޅުވިއެވެ. (( ލޯބިވާ ދަރީންނޭވެ! ހަމަކަށަވަރުން ހެޔޮ ކަމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ހިނިތުންވެގެންވާ މޫނަކުންނާއި މަޑުމައިތިރި ބަހަކުންނެވެ. ))
އިބްނު ޢުޔައިނާ ވިދާޅުވިއެވެ. (( البَشَاشَةُ مَصْيَدةُ القُلوبِ – ހިނިތުންވުމަކީ ހިތްތައް ހިފާ ދައްޗެވެ. ))
ހިނިތުންވުމުގެ ސަވާބު
ހިނިތުންވެލުމުގެ އުޚްރަވީ ފައިދާތަކަކީ ވެސް އެހާމެ ބޮޑު ކަމެކެވެ. އެއީ ޞަދަޤާތް ދިނުމާއި ހެޔޮބަސް ބުނުމުގެ ސަވާބުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހިނިތުންވުމަކީ އަޅުކަމެކެވެ. އަދި އެއީ މާތް ޞަދަޤާތެކެވެ. އެއީ މުއްސަނދީންނާއި ފަޤީރުންގެ އަތް ފޯރާފަށުގައި އޮތް ކަމެކެވެ.
މި އަޅުކަން އަދާކުރުމުގައި އިހްމާލުވެވިފައިވާލެއް ކިހާ ބޮޑު ތޯއެވެ؟ މި ޞަދަޤާތް ދިނުމުގައި ދަހިވެތިވެފައިވާ މީހުން ކިހާ ގިނަ ތޯއެވެ؟ މާތް ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( تَبَسُّمُكَ فِي وَجْهِ أَخِيكَ صَدَقَة ٌ[5] - ތިބާގެ އަޚާގެ ކުރިމަތީގައި ތިބާ ހިނިތުންވެލައިހިނިތުންވެލުމަކީ ޞަދަޤާތެކެވެ.)) ލޮބުވެތި ރަސޫލާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަރިސް ޞަޙާބީއެއްކަމުގައިވާ އަބޫޛައްރުގެފާނަށް ނަސޭޙަތް ދެއްވަމުން ވިދާޅުވިއެވެ. (( لاَ تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ[6]- ކަލޭގެފާނު އެއްވެސް ހެޔޮ ކަމެއްގެ އަގު ވައްޓައިނުލައްވާށެވެ! އެއީ ހިނިތުންވެގެން ވާ މޫނަކާއެކު ތިބާގެ އަޚާއާ ބައްދަލުކުރުން ކަމުގައި ވިޔަސްއެވެ. ))
އަލްއިމާމު މުސްލިމު ރިވާކުރެއްވި އެހެން ޙަދީސެއްގައި ވެއެވެ. (( إنَّكُم لَنْ تَسَعٌوْا النَاسَ بِأَمْوَالِكُمْ فَلْيَسَعْهُمْ مِنْكُمْ بَسْطُ الوَجْهِ وحُسْنُ الخلق- [7] ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދާތަކުން މީސްތަކުންނަށް ތަނަވަސްވެ ނުގަނެވޭނެތެވެ. ފަހެ ހިނިތުންވެގެންވާ މޫނަކުންނާއި ރިވެތި ޚުލްޤަކުން އެމީހުންނަށް ތަނަވަސްވެ ގަނެވޭތޯ ބަލާށެވެ! ))
ނުތަނަވަސްކަން ބޮޑު މި ދުނިޔޭގައި، އަރައރުންތައް ގިނަ މި މާޙައުލުގައި ، މާއްދިއްޔަތުގެ ބޭވަފާތެރިކަން ފެތުރިފައިވާ މި ވެށީގެތެރޭގައި، އެންމެން ވެސް ވަނީ ހިނިތުންވެލުމަކަށް ބޭނުންވެފައެވެ.އަވަށްޓެރިޔާ ވަނީ އޭނާގެ އަވަށްޓެރީންގެ ހިނިތުންވެލުމަށް ބޭނުން ވެފައެވެ. ރަޙްމަތެރިޔާ ވަނީ އޭނާގެ ރަޙްމަތްތެރީންގެ ހިނިތުންވެލުމަށް ބޭނުން ވެފައެވެ. މައިންބަފައިން ވަނީ އެމީހުންގެ ދަރީންގެ ހިނިތުންވެލުމަށް ބޭނުން ވެފައެވެ.
އިޖްތިމާޢީ މަސްއަލަތައް ގިނަވެފައިވާ މި ޒަމާނުގައި، މަސައްކަތްތައް ގިނަވެގެން ހަމަނޭވާ ވެސް ނުލެވޭ ޒަމާނެއްގައި ފިރިމީހާއަށް އޭނާގެ އަނބިމީހާގެ ހިނިތުންވެލުމަށް ވަނީ ބޭނުންވެފައެވެ. ދެ މީހުންވެސް ބުރަ މަސައްކަތުގެ ދާއިރާގައި އުޅެފައި ގެއަށް އައިސް ބައްދަލުވާއިރު ދެ މީހުންގެ މޫނު ވަނީ ކުނިވެފައެވެ. މިއީ ހިނިތުންވެލުމަށް އެންމެ ބޭނުންވާ ވަގުތުކޮޅެވެ.ދެމީހުންގެ ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށް ޓަކައެވެ. މާތް ﷲ މި ޙަޔާތުގައި ލައްވާފައިވާ ލޯތްބާއި އޯގާވެރިކަން ލިބިގަތުމަށް ޓަކައެވެ. އެކަލާނގެ މި ޙަޔާތް ސިފަކޮށް ދެއްވައި ވަޙީ ކުރެއްވިއެވެ. (( وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً [8]- ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ.))
އިންސާފުވެރި ޢާލިމުންގެ ކިބައިން ވެސް މި ހިނިތުންވުމަށް ވަނީ ބޭނުން ވެފައެވެ.އެ މީހުންގެ ފަތުވާތަކުގެ ސަބަބުން މީސްތަކުން އެކުވެރިވެ ބައިބައިނުވުމަށް ޓަކައެވެ. އެމީހުންގެ ނަސޭޙަތްތަކުގެ ސަބަބުން މީސްތަކުން އިޞްލާޙުވެ ފާސިދުނުވުމަށް ޓަކައެވެ. އެމީހުންގެ ދަރުސްތަކުގެ ސަބަބުން މީސްތަކުން ބިނާކުރާ ބަޔަކަށްވެ ފަނާކުރުމާ ދުރުހެލިވާ ބަޔަކަށް ވުމަށް ޓަކައެވެ. އެމީހުންގެ ޢިލްމީ ވިސްނުމާއި ފިކްރުގެ ސަބަބުން ވަޠަނަށާއި މުވާޠިނުންނަށް އަމްނާއި އަމާންކަން ލިބި ހިތްހަމަޖެހުމާއި ބަރަކާތާއި ފާގަތިކަން ޢާއްމުވުމަށް ޓަކައެވެ.
ދޭދޭ މީހުންގެ މޫނު ކެނޑިފައިވާ ޒަމާނެއްގައި، ދޭދޭމީހުންގެ އަބުރު ކަތިލާ މޫސުންތަކުގައި ހިނިތުންވެލުމަށް ބޭނުންވެފައިވާ މިންވަރު ކިހާ ބޮޑުތޯއެވެ؟ ލޮބުވެތި ރަސޫލާގެ މި އިރްޝާދަށް ކިހާ ބޭނުން ތޯއެވެ؟
މި ކަންކަމުގެ ޙައްލު އޮތީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި މާތް ހަދްޔަށް ތަބާވުމުގައެވެ. ގެދޮރުގައި އެކުގައި އުޅޭ އަނބިދަރީންނާއި ، މަސައްކަތުގައި އެކުގައި އުޅޭ އެކުވެރީންނާއި ، ޤައުމުގައި އެކުގައި އުޅޭ މިސްކީނުންނާއި މުހުތާދުވެރީންނަށް ވަނީ ހިނިތުންވެލުމަށް ބޭނުންވެފައެވެ. މި ޞަދަޤާތް ބަންދުކޮށްފައި ބޭއްވުމުގެ ބަދަލުގައި ވުޖޫދަށް ނެރެ އެންމެންނަށް އޭގެ ތަނަވަސްކަން ލިބިދީގެންނެވެ.
[1] - رواه البيهقى
[2] - رواه البخارى . އެކަމަނާ މި ކަނޑު ހުރަސްކުރައްވައި ޖިހާދަށް ވަޑައިގެންނެވިއެވެ. އަދި އެކަމަނާ އެ ދަތުރު މަތީގައި ސައިޕްރަސް ގައި ވަނީ ޝަހީދުވެފައެވެ.
[3] - رواه مسلم
[4] - رواه الترمذي
[5] - رواه للترمذي
[6] - رواه مسلم
[7] - رواه البزار
[8] - الروم :21