ޤާނޫނުއަސާސީގެ ފަސްވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ " ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތަކެއް ލިބިގެންވަނީ ރައްޔިތުންގެ މަޖްލިހަށެވެ". ހަމަ އެއާއެކު އެ މާއްދާގެ (ށ)ގައި މަޖިލީހުގެ ވާޖިބުތައް ބަޔާންކޮށްފައިވާއިރު، (ށ) ގެ (3) ގައި ބަޔާންކޮށްފައިވަނީ " ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުން. އަދި މިކަން ކުރުމަށްޓަކައި ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅުތައް އެޅުން". މިއީ އެއް ވާޖިބެވެ.
މިއީ މަޖިލީހުން ފާސްކުރައްވައިފައިވާ ޤާނޫނު ޢަސާސީގައި ވިދާޅުވެފައިވާ ގޮތެވެ. ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި ޕްރޮމޯޓު ވަމުންދާ ކެންޑިޑޭޓުން ވެސް މިޖެހެނީ ވެރިކަން ހިނގާ ބާރުގެ ފަރާތުން ކުރާ ކަންކަމަށް ފާރަލައި އިސްލާޙު ކުރާށެވެ. ސުވާލަކީ އެފަދަ ކެންޑިޑޭޓުން އެކަން ކުރާނެ ހެއްޔެވެ؟ އޭގެ ޖަވާބު ދިނުމަށް ތިޔަ ބޭފުޅުންނަށް ދީކޮށްލީއެވެ. އިދި ކޮޅަށް މަޖިލީހުގެ މެޖޯރިތީ ލިބުނަސް ކުރަންޖެހޭ އެއްކަމަކީ ވެރިކަން ހިނގާ ބާރުން ކުރާ ކަންކަމަށް ފާރަވެރިވުމެވެ. ސަރުކާރު ޒިންމާދާރު ކުރުވުމެވެ. އެހެންވީމާ އިދިކޮޅު މެމްބަރުންނާއި ސަރުކާރު މެމްބަރުންނޭ މިކިޔާ މެމްބަރުންގެ ވެސް ޒިންމާ އަކީ ސަރުކާރަށް ފާރަލައި ބެލުމެވެ.
އެކަމަކު ދާއިރާގެ ރަށްރަށަށް ފެނާއި ނަރުދަމާއިން ފެށިގެން ގޮސް ލައިބްރަރީއާއި، ހައުސިންގ ސްކީމް އަޅައިދޭން މެމްބަރުން ވަޢުދުވެ ނިމިއްޖެއެވެ. ޙައްޖު އަދި އުމްރާ ދަތުރާއި، ބަނދަރު ތޮއްޓާއި، ހިލޭ ބޭސްފަރުވާ، މިހެންގޮސް މިލިސްޓް މިތާ ލިޔެވޭ ވަރަށްވުރެ މާދިގެވެ. އެންމެ ކަމަކަށްޓަކައެވެ. ރައްޔިތުންގެ އަތުން ވޯޓު ހޯދައިގެން މަޖިލީހަށް ވަނުމަށްޓަކައެވެ. އެކަމަކު ޙަޤީގަތަކީ ތަރައްޤީގެ މަޝްރޫޢުތައް ހުށަހަޅައި އެ ރާވައި ހިންގުމަކީ މެމްބަރުންނާ ބެހޭ ވެސް ކަމެއްނޫނެވެ. އެހެންނަމަވެސް ޤާނޫނު ހެދުމާއި އިސްލާޙު ކުރުމާއި އުވައިލުމު މަސައްކަތަކީ މެމްބަރުންގެ ވާޖިބްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަންކަމެވެ. އޭގެ އިތުރަށް މުސްތަގިއްލު ކަމްިޝަންތަކަށް މީހުން ލެއްވުމާއި އަދި ވަކިކުރުމާއި، ދަވްލަތުގެ ބަޖެޓް ފާސްކުރުމަކީ ވެސް މެމްބަރުންގެ ޒިންމާއެކެވެ.
ހަނދާންކުރަންޖެހޭ ކަމަކީ ރައްޔިތުންޖެ މަޖްލިހަކީ ޤާނޫނު ހަދާ އަދި ޤާނޫނު ތަންފީޒްކުރުމުގައި ސަރުކާރަށް ފާރަވެރިވާ އަދި ޖަވާބުދާރީ ކުރުވަންޖެހޭ ތަނެއް ކަމެވެ. އެއީ ވިޔަފާރި ކުންފުންޏެއް ނޫނެވެ. އެއީ ބީލަމަށް ހުޅުވާލައިގެން ވޯޓު ގަނެއް ވިއްކާތަނެއް ނޫނެވެ. އެހެންނަމަވެސް އެކަން އެބަހިނގައެވެ. އެކަން ހުއްޓުވޭނީ ރައްޔިތުން އަމިއްލަ ނަފުސު ވިއްކުން ހުއްޓާލައިގެންނެވެ. ކޮންމެ ފަސް އަހަރުން އެއްފަހަރު ވޯޓު ގަތުމާއި ވިއްކުމުގެ ބާޒާކީ ބޮޑުބާޒާރަކަށް މިހާރު ވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކޮށްފައި ހުންނަ ކަންކަން އެއީ މެމްބަރު ކުރިކަމެއް ކަމަށް ޕްރޮމޯޓްކޮށް ހަދާތަން އެބަފެނެއެވެ. ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތް ދިނުމަކީ ސަރުކާރުގެ ވާޖިބެކެވެ. މެމްބަރަކީ ސަރުކާރުން އެކަން ކުރޭތޯ ބަލާ ފަރާތެވެ. ދައުލަތުގެ ބަޖެޓްގައި ދާއިރާގެ ޚިދުމަތުގެ މަޝަރޫޢުތައް ހިމަނާނީ އެކަމާ ގުޅޭ ސަރުކާރުގެ ދާއިރާއަކުންނެވެ. އެ މަޝްރޫއުތަކަށް ބަޖެޓް ކަށަވަރުކޮށް އަދި ހަމަ އެއާއެކު މަޝްރޫއުތައް ތަންފީޒް ކުރުމަށް ސަރުކާރަށް ބާރު އަޅާ މީހަކީ މެމެބްރެވެ. ސަރުކާރުން ކަންކަން ކުރުމުގައި ވަކި ސިޔާސީ ވިސްނުމަކަށް ބަލައި ރަށެއް ނުވަތަ ވަކި ފަރުދެއްވެސް ބާކީކޮށްގެން ނުވާނެއެވެ. ތަފާތު ކުރާ ކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރެވޭނެއެވެ.
ރައްޔިތުން މަޖިލީހަށް މެމްބަރުން ހޮވަންވާނީ އެމީހެއްގެ މާޒީއަށް ބަލާފައެވެ. އެމީހެއްގެ އިންޓަރގްރިޓީއަށް ބަލާފައެވެ. ރައްޔިތުން އޭނާ ޙާވާލުކޮށްފައިވާ ވޯޓު ދިނުމުގެ އަމާނަތް މަޖިލިސް ތެރެއިން އަދާކޮށްފައިވަނީ ރަނގަޅަށްތޯ ބަލަޖެހޭނެއެވެ. އެ ވޯޓު ދީފައިވާ ބިލްތަކަކީ ފައިދާހުރި ބިލްތަކެއްތޯ ވެސް ބަލަންޖެހެއެވެ.
ކޮންމެ ޕާޓީއަކުން މަޖިލީހަށް ހޮވުނަސް އެ އެމެބަރުވާނީ ރައްޔިތުންގެ މަންދޫބަކަށެވެ. އެހެންވީމާ ހުރީ މެމްބަރުން ވެސް މަސައްކަތް ކުރަންވީ އިޚުލާސްތެރިކަމާއި ތެދުވެރި ކަމާއެކު ރައްޔިތުންނަށް ފައިދާވާ ކަންކަމަށް ގުޅިގެން މަސައްކަތް ކުރުމަށެވެ.