
ލޯފަން މީހުން ކިޔެވުމަށް ބޭނުންކުރާ ޚާއްސަ ސިސްޓަމް ބްރެއިން ބޭނުންކޮށްގެން ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް މިރޭ އިފްތިތާޙު ކުރައްވައިފިއެވެ.
މި ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަޙުމަދުﷲ ޖަމީލް ވިދާޅުވީ މިއީ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމަށް ބޭނުންވާ މުޤައްރަރު ވެސް މިހާރުވަނީ އެކަށައަޅުއްވައިފައެވެ.
އަޙުމަދުﷲ ވިދާޅުވީ ބްރެއިލް ބޭނުންކޮށްގެން ޤުއާން ކިޔަވައި ދިނުމުގެ އިތުރަށް އިވުމުން މަޙުރޫމް ވެފައިވާ މީހުންނަށް ސައިންލޭންގުއޭޖު ބޭނުންކޮށްގެން ކިޔަވައި ދިނުމާއި ޚުތުބާ ކިޔައިދިނުމާއި، ދީނީ ނަސޭޙަތް ދިނުން ވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.
"މިއީ ކުދިން ހޯލަށް ގެނެސްގެން ނުވަތަ ކުދިން ތިބޭ ތަނަކަށް ގޮސްގެން ކުލާސްތަކެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް. މިހާރު މިނިސްޓްރީން ގެންދަވަނީ މި ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެ ޕްލޭންތައް ތައްޔާރު ކުރަމުން. އުންމީދާ ވަރަށް އަވަހަށް މިޕްރާމު ހިންގަންފެށޭނެ ކަމަށް،" އަޙުމަދުﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މުޅި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ އިސްލާމީ ޢިލްމު ފަތުރައި ދީނީ މަޢުލޫމާތު އެއްވެސް ބަޔަކު އިސްތިސްނާ ކުރުމެއްނެތި ފެތުން ކަމަށެވެ.
އަޙުމަދުﷲ ވިދާޅުވީ އިވުމާއި ފެނުމުން މަޙުރޫމް ވެފައިވާ ކުދިންނަށް އިސްލާމްދީނާ ބެހޭ މަޢުލޫމާތު މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޯރުކޮށްދެވެން އޮއްވައި އެކަން ނުކޮށް މިސަރުކާރުން ނޯންނާނެ ކަމަށެވެ.
ޝަހީމް ގެ ކޮންސެޕްޓެއް