
އަވަށްޓެރި އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ.
މިނިސްޓަރ ސުޝްމާ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ.
މިއީ ސުޝްމާ ރާއްޖެއަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެކަމަނާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިޙަށް އިހްތިރާމްގެ ޒިޔާރަތެއްކުރައްވާނެ ކަމަށް ވެސް ފޮރިންމިނިސްޓްރީން ވިދާޅުވިއެވެ.
އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދާ ވެސް އެކަމަނާ ބައްދަލު ކުރައްވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެއިތުރަށް ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް އެކަމަނާ ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރަށް ދެޤައުމުގެ ދެމެދުގައި މިހާރު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ކުރިއަށް އޮތްތަނުގައި އެކުލަވާލުމަށް ދެޤައުމުން ގަސްތުކުރާ އެއްބަސްވުންތަކާ ބެހޭގޮތުން މި ދަތުރުފުޅުގައި ސުޝްމާ ސްވަރާޖު މަޝްވަރާކުރައްވާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެވަޑައިގެންނެވި ބޭރު ޤައުމެއްގެ ފުރަތަމަ ޚާރިޖީ ވަޒީރެވެ.