ޓިއުނީޝިޔާ ސަރުކާރުގެ ހޮސްޕިޓަލެއްގައި 11 ތުއްތު ކުދިން މަރުވުމާ ގުޅިގެން އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުއްރައޫފު އައްޝަރީފު އިސްތިއުފާދެއްވުމުން، އެ އިސްތިއުފާ ގަބޫލުކުރައްވައިފި ކަމުގައި އެގައުމުގެ ބޮޑުވަޒީރު ޔޫސުފު އައްޝާހިދު ވިދާޅުވެއްޖެއެވެ.
ވެރިރަށް ޓިއުނިސްގެ އައްރާބިޠާ ހޮސްޕިޓަލުގައި ހުންނަ މެޓާނިޓީ ސެންޓަރުގައި ވީ ގޮތެއް ނޭނގި 24 ގަޑިއިރު ތެރޭގައި 11 ތުއްތު ކުއްޖަކު ވަނީ މަރުވެފައެވެ.
އެ ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު އައްޝާހިދު ވިދާޅުވީ އެ ހާދިސާގެ އިދާރީ ތަހުގީގެއް ފަށާފައިވާ ކަމަށާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވެސް މައްސަލަ ބަލަމުން އަންނަކަމަށާއި، އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅުއެޅޭނެ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ އެމަޖެންސީ ޓީމަކުން ކުރި ފުރަތަމަ ދިރާސާއިން އެނުގުނު ގޮތުގައި ތުއްތު ކުދިން މަރުވެފައި ވަނީ އެކުދިންގެ ގަޔަށް އެޅި ލޭ އިންފެކްޓްވެފައި ހުރުމުން ކަމަށް ބެލެވޭ ކަމުގައި ބައެއް ނޫސްތަކުން ޚަބަރުދީފައި ވެއެވެ.
ޓީއުނީޝިއަން ޕީޑިޔާޓްރިކް ސޮސައިޓީގެ ފޭސްބުކު ސަފުހާގައި ލިޔެފައިވާ ގޮތުގައި ތުއްތު ކުދިން މަރުވާން ދިމާވީ އައިވީ މެދުވެރިކޮށް އެ ކުދިންގެ ގަޔަށް އެޅި އެއްޗެއްގެ ސަބަބުންނެވެ. އެ ލިއުމުގައި އިތުރަށް ބުނެފައި ވަނީ އެފަދަ ހާދިސާތައް މެދުވެރިވާން ދިމާވަނީ ޓިއުނީޝިޔާގައި ސިއްހީ ޚިދުމަތްތެރިން އުޅެންޖެހޭ އުނދަގޫ ހާލަތުގެ ސަބަބުންނެވެ.
"އައްރާބިޠާ ހޮސްޕިޓަލު (ވެރިރަށުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް) ގެ މެޓާނިޓީ ސެންޓަރުގައި 2019 މާރިޗު މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހާ ދެމެދުގައި އެތަނުގައި އެޑްމިޓްވެފައި ތިބި 11 ތުއްތު ކުއްޖަކު މަރުވިކަން ރެކޯޑުކުރެވިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ." ޓިއުނީޝިޔާގެ ހެލްތު މިނިސްޓްރީގެ ފޭސްބުކު ސަފުހާގައި ލިޔެފައި ވެއެވެ.
ރައީސު ޒައިނުލް އާބިދީންގެ 2011 ވަނަ އަހަރު ނިމުމަކަށް އިއިފަހުން ސަރުކާރުންދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވަމުން ދާކަން ޓިއުނީޝިޔާ މީހުން ފާހަގަކުރެއެވެ. ޑިމޮކްރަސީއަށް ކުރިއެރުން ލިބުނު ނަމަވެސް ގައުމުގެ އިގުތިސާދު ވަނީ ވަޅު ޖެހިފައެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސިއްހީ ޚިދުމަތުގެ ތެރޭގައި ވެސް ކޮރަޕްޝަން ވަނި އާއްމުވެފައެވެ.