ހަރުކަށި ހިންދޫންގެ ބަޔަކު 1992 ވަނަ އަހަރު ތަޅާލާފައިވާ ބާބްރީ މިސްކިތުގެ މައްސަލައިގައި އިއްޔެ އިންޑިޔާގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ. އުއްތަރް ޕްރަދޭޝްގެ އަޔޯދްޔާގައި ސޯޅަވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައި ހުރި މިސްކިތް ހަރުކަށި ހިންދޫން ނުކުމެ ތަޅާލީ އެއީ އެމީހުންގެ ކަލާނގެ ރާމް އުފަންވި ތަނުގައި ބިނާކޮށްފައި ހުރި ފައްޅިއެއްގެ ތަޅާލައި ބިނާކޮށްފައި ހުރި މިސްކިތެއް ކަމަށް ބުނެއެވެ.
އިއްޔެ ކޯޓުން އަމުރުކޮށްފައިވަނީ ރާމް ޖަނަމް ބޫމީ-ބާބްރީ މަސްޖިދްގެ މައްސަލައިގައި ތިން މެންބަރުންގެ ޕެނެލަކުން މެދުވެރިއެއްގެ ބައި އަދާކޮށްގެން މައްސަލައަށް ހައްލެއް ހޯދުމަށެވެ. މި ޕެނަލުގެ ވެރިއަކަށް ހަމަޖައްސާފައި ވަނީ ސުޕްރީމް ކޯޓުން ރިޓަޔާ ކުރައްވާފައި ހުންނެވި ފަނޑިޔާރު ފަކީރް މުޙައްމަދު އިބްރާހީމް ޚަލީފުﷲ އެވެ
އޭނާގެ އިތުރަށް އެ ޕެނެލްގައި ހިމެނެނީ ތަޖުރިބާކާރު ގާނޫނީ ވަކީލު ސްރީރާމް ޕަންޗޫއާއި ހިންދޫންގެ ރޫހާނީ ލީޑަރެއް ކަމުގައިވާ ސްރީ ސްރީ ރަވީ ޝަންކަރެވެ.
1992 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު ހިންދޫ ސިޔާސީ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި، ހިންދޫންގެ ހަރުކަށި ދެ ޖަމާއަތް، ވިޝްވަ ހިންދޫ ޕަރީޝަދް (ވީއެޗްޕީ) އާއި ރާޝްޓްރިޔާ ސްވާޔަމްސޭވަކް ސަންގް (އާރްއެސްއެސް) ގެ ހައްދު ފަހަނައަޅާފައިވާ ހިންދޫން ނުކުމެ ބާބްރީ މިސްކިތް ތަޅާލުމާ ގުޅިގެން އިންޑިޔާގައި އުފެދުނު ހަމަނުޖެހުމުގައި 2 ހާސް މީހުން މަރުވެފައި ވެއެވެ.
އޭރުއްސުރެ ހިންދޫންނާއި މުސްލިމުން ދަނީ އެބިމުގައި އެމީހުންގެ އަޅުކަންކުރާ ތަން އެޅުމަށް މަސައްކަތްކުރަމުންނެވެ. 2010 ވަނަ އަހަރު އިލާހްއާބާދު ހައިކޯޓުން، ބާބްރީ މިސްކިތް ހުރި 2.77 އޭކަރު ބިން މުސްލިމުންނާއި ހިންދޫންގެ މެދުގައި ބަހާލުމަށް ހުކުމްކުރިއެވެ. އެހެންނަމަވެސް، 2011 ވަނަ އަހަރު އިންޑިޔާގެ ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާޠިލުކޮށްފައެވެ.
އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރުން އެކުލަވާލި ޕެނަލަށް އެމައްސަލައިގައި ދެ ފަރާތާއި ވާހަކަ ދައްކައި ގޮތެއް ނިންމުމަށް ފަހު ރިޕޯޓު ހުށަހެޅުމަށް ދީފައި ވަނީ 16 ހަފުތާއެވެ.
ބީޖޭޕީ އިތުރު ދައުރަކަށް ވެރިކަމަށް ހޮވިއްޖެނަމަ، ބާބްރީ މިސްކިތް ހުރި ތަނުގައި ހިންދޫ ފައްޅިއެއް ބިނާކުރައްވަން 2014 ވަނަ އަހަރުގެ އާއްމު އިންތިޚާބުގެ ކެމްޕޭނުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވައުދުވެވަޑައިގަތެވެ. އެހެންނަމަވެސް، އެވައުދު ނުފުއްދެވި އޭނާ އިތުރު ދައުރަކަށް ކެމްޕޭން ފަށްޓަވާފައިވާ އިރު، ބާބްރީ މިސްކިތުގެ މައްސަލަ އަނެއްކާވެސް ފެންމަތިވެގެން ދާނެއެވެ.