
މާލެ އަތޮޅު މާފުށީގެ ގެސްޓު ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިންޑިއާގެ ތިން ފަތުރުވެރިއަކު މޫދުގައި ގެނބެމުންދަނިކޮށް ޢާއްމުންގެ ބަޔަކު ގޮސް ސަލާމަތް ކޮށްފިއެވެ.
މި މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 3:24 އެހައިކަންހާއިރު އެވެ. ޚަބަރު ލިބުމާއެކު ފުލުހުންވަނީ ވަގުތުން އެދިމާއަށް ގޮސްފައެވެ. ފުލުހުން ދިޔައިރު ޢާއްމުންގެ ބަޔަކު ވަނީ އެ ތިން ފަތުރުވެރިން ސަލާމަތްކޮށް އެއްގަމަށް އަރުވައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެބޭފުޅުންގެ ވެހިކަލުގައި އެތިން މީހުން މާފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ އެމީހުންގެ ޙާލު މިހާރު ރަނގަޅު ކަމަށް ހެލްތު ސެންޓަރުން ވިދާޅުވެފައިވާ ކަމަށާއި އަދިވެސް އެމީހުންނަށް އެތަނުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މޫދުގައި މިފަދަ ޙާދިސާތައް ކުރިމަތިވުން ދަނީ އިތުރުވަމުންނެވެ. މިފަދަ ޙާދިސާ ތަކުގައި އެއްތައްބަޔަކު ވަނީ ނިޔާ ވެސް ވެފައެވެ.