
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހަވީރު އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
އެ ދެ ރައީސުން އައްޑުއަށް ވަޑައިގެންނެވުމުން އެސީޓީން ވަނީ ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވައިފައެވެ.
އެ ދެބޭފުޅުން އައްޑުއަށް ވަޑައިގެންނެވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށެވެ. އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ގަން އިންޓަރނޭޝަން އެއަރޕޯޓަށް ގިނަ ޢަދަދެއްގެ ބަޔަކު މިއަދު ވަނީ ޖަމާވެފައެވެ.

ދެ ރައީސުން ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މަރަދޫ ބަނދަރު ސަރަހައްދުގައި މިރޭ އޮންނާނެއެވެ. ޖަލްސާގެ އެންމެ ޚާއްސަ އެއްކަމެއް ގޮތުގައި ހިމެނިފައިވަނީ އައްޑޫސިޓީގެ ތަރައްޤީގެ ބޮޑު މަޝްރޫއެއް އިޢުލާން ކުރެއްވުމެވެ. އެ އެ މަޝްރޫޢު އިޢުލާން ކޮށްދެއްވާނީ ރައީސް އިބްރާހީމް ސާލިޙެވެ.
އައްޑޫ ސިޓީއަކީ އެމްޑީޕީއަށް ވަރަށްބޮޑު ތާއީދެއް އޮންނަ ސިޓީއެކެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބުކޮށް ދެއްވުމަށް އެޕާޓީއާއި ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.