ﷲގެ ލޯބި ހޯދުމަށް މަސައްކަތް ކުރުން
މި ދިޔަ ހަފުތާގައި ވާހަކަދައްކާފައި ވާނީ ﷲ ލޯބިވެ ވޮޑިނުގަންނަވާ މީހުންނާ ބެހޭގޮތުންނެވެ. އެހެންކަމުން ﷲގެ ލޯބި ލިބިފައިވާ މީހުންނާއި ﷲގެ ލޯބި ހޯދުމަށް ޓަކައި މަސައްކަތް ކުރަންވީ ކިހިނެއްތޯ ބަލައިލަން އެބަ ޖެހެއެވެ.
ﷲ ލޯބިވެ ވޮޑިގަންނަވާ މީހުންނަކީ ވެސް މަދު ބައެއް ނޫނެވެ.ކީރިތި ޤުރްއާނުގެ އާޔަތްތަކުގައްޔާއި ލޮބުވެތި ރަސޫލާގެ ސުންނަތުގައި ﷲ ލޯބިވެ ވޮޑިގަންނަވާ މީހުންގެ ވާހަކަތައް ވަރަށް ގިނައިން އައިސްފައި ވެއެވެ. ކީރިތި ޤުރްއާނަށް ބަލާއިރު މާތް ﷲ ވަޙީ ކުރައްވަނީ:-
- إنّ الله يحبّ المتّقين - ހަމަކަށަވަރުން ތަޤްވާވެރީންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
- ، إنّ الله يحبّ الصادقين - ހަމަކަށަވަރުން ތެދުވެރީންދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ.
- إنّ الله يحبّ التوابين - ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ.
- إنّ الله يحبّ المتوكِّلين - ހަމަކަށަވަރުން ﷲ އަށް ވަކީލުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެން ވެއެވެ.
- إِنَّ اللهَ يُحِبُ المتطهرين - ހަމަކަށަވަރުން ޠާހިރުވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ.
މިފަދަ އެތައް ބަސްފުޅުތަކެއް ކީރިތި ޤުރްއާނުގައި ވެއެވެ. (( إِنَّ اللهَ يُحِبُ - ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގެން ވެއެވެ.)) މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މި ވުޖޫދުގެ ސިއްރެވެ. އެހެންކަމުން އެންމެ މިހިއްމު ކަމަކީ ﷲގެ ލޯބި ހޯދުމެވެ. ﷲގެ ލޯބި ލިބޭނީ އެކަލާނގެ ދެކެ ލޯބިވެވުނު ވަރަކުންނެވެ. ތިބާ ވުޖޫދުވުމުގެ ސިއްރަކީ މި ލޯތްބެވެ. ތިބާގެ ރިޒްޤުގެ ސަބަބަކީ މި ލޯތްބެވެ. ތިބާއަށް މި ޙަޔާތުގައި އުޅެވެނީ މި ލޯބީގެ ސަބަބުންނެވެ. އެހެނީ އެންމެ ފަހުން ދާން އޮތީ ނުވަތަ ތިބާގެ ނިމުން އޮތީ ﷲގެ ޙަޟްރަތަށެވެ. މި ދުނިޔެއަކީ ވަގުތީ ޙަޔާތަކަށް ވާތީ ، އަދި މި ޙަޔާތުގައި ކޮންމެ މުސްލިމަކަށާއި ކާފިރަކަށް މާތް ﷲ ރިޒްޤު ދެއްވާތީ ﷲގެ ލޯބި ހޯދުމަށް ޓަކައި މަސައްކަތް ކުރަން ޖެހެއެވެ. ކީރިތި ރަސޫލާ e ޙަދީސް ކުރެއްވިއެވެ. (( فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، وَمَا بَعْدَ الدُّنْيَا دَارٌ إِلا الْجَنَّةَ أَوِ النَّارَ - މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. މި ދުނިޔެއަށް ފަހު ސުވަރުގެ ނުވަތަ ނަރަކަ މެނުވީ އެހެން ގޮވައްޗެއް ނެތެވެ. ))
ލޯބީގެ މާނަ
ﷲގެ ލޯތްބާ ބެހޭގޮތުން ވާހަކަ ދައްކާއިރު ﷲގެ ލޯބީގެ މަފްހޫމާމެދު ބަލައިލަން ޖެހެއެވެ.މީހަކު މީހަކު ދެކެ ލޯބިވާނަމަ އޭނާ ރުއްސުމަށް މަސައްކަތް ކުރާނެތެވެ. އޭނާއާ ޤަބޫލުވާނެތެވެ.އޭނާއާ ބައްދަލުވުމަށް އެދޭނެތެވެ. އޭނާއާ ގާތްވެވޭތޯ ބަލާނެތެވެ. އޭނާ ނުރުހޭ ކަމެއް ނުކުރާނެތެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާއަށް ނިސްބަތް ކުރާއިރު މި ކަންކަން ހިމެނޭނެ ބާވައެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މާތްﷲ އެކަލާނގެ އަޅުންގެ ތެރެއިން އަޅަކުދެކެ ލޯބިވެ ވޮޑިގަތުމުގެ މާނައަކީ އޭނާގެ ޢަމަލުތައް ޤަބޫލު ކުރެއްވުމެވެ. އޭނާ ރައްކައުތެރިކޮށް ދެއްވުމެވެ. އޭނާއަށް އޯގަވެރިވެ ވޮޑިގެން ވުމެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. ((سَيُصِيبُ الَّذِينَ أَجْرَمُوا صَغَارٌ عِندَ اللَّـهِ وَعَذَابٌ شَدِيدٌ بِمَا كَانُوا يَمْكُرُونَ[1] - ފާފަވެރިވީ މީހުންނަށް، އެއުރެން މަކަރުހަދައި އުޅުނުކަމުގެ ސަބަބުން، اللَّه ގެ حضرة ގައި ނިކަމެތިކަމާއި، ގަދަވެގެންވާ عذاب އައިސްޖެހޭހުށްޓެވެ. )) އެއީ ﷲގެ ޙަޟްރަތުގައި ނިކަމެއްޗެކެވެ. ކޯފާ ލިބިގެންވާ މީހެކެވެ. އެހެނެއްކަމަކު ﷲއަށް ކިޔަމަންގަންނަ މީހާ ދެކެ ﷲ ލޯބިވެވޮޑިގަންނަވާނެތެވެ.އޭނާއަށް ރަޙްމަތް ލައްވައި ނިޢުމަތްތައް ދެއްވާނެތެވެ. މާތް ﷲއަށް ކިޔަމަންގަތް މީހާއަށް އެކަލާނގެ ލޯބީގެ ރަހަ ފެންނާނެތެވެ. ﷲއަށް އިޚްލާޞްތެރިވި މީހާ އެކަލާނގެ ލޯބީގެ ފޮނިކަން ދެކޭނެތެވެ.
ލޯތްބަކީ ދީނުގެ ދެ ބައިކުޅަ އެއްބަޔެވެ. ﷲގެ ދެކެ ލޯބިނުވާ މީހާއަށް ދީނެއް ނެތެވެ. މާތްﷲ އެކަލާނގެ ދެކެ ލޯބިވާ މީހުންނާ ބެހޭގޮތުން ވަހީ ކުރެއްވިއެވެ. (( يُحِبُّهُمْ وَيُحِبُّونَهُ[2] - ﷲ އެއުރެން ދެކެ އަދި އެއުރެން ﷲދެކެ ލޯބިވެތެވެ. ))
ރަނގަޅަށް މަސައްކަތް ކުރާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގަންނަވާ
މާތްﷲ ރުއްސުން ލެއްވި ޢާއިޝަތުގެފާނު އަރިހުން އަލްބައިހަޤީ ރިވާކުރެއްވިއެވެ.رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم ޙަދީސް ކުރެއްވިއެވެ. (( إِنّ اللَّهَ تَعَالى يُحِبّ إِذَا عَمِلَ أَحَدُكُمْ عَمَلاً أَنْ يُتْقِنَهُ- އަރަހުށި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަން ކަށަވަރީ ، ތިޔަބައިމިހުންގެ ތެރެއިން މީހަކު ކަމެއް ކުރާނަމަ އެކަމަށް ފުރިހަމަކޮށް ބަރާބަރަށް ކުރުމަށެވެ. ))
ރަސޫލާ e ގެ މިބަސްފުޅު އަމާޒު ކުރައްވާފައި މި ވަނީ މަސައްކަތްތަކުގެ ވެރިންނަށާއި، ޞީނާއަތްތަކުގެ ވެރީންނަށާއި ، ވިޔަފާރިވެރީންނަށާއި،ބިޒިނަސްވެރީންނަށެވެ. މި ބަސްފުޅުގެ ގިއުގަނޑުގެ ދަށަށް ޢާއްމު ޚިދްމަތުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ، މީހުންނަށް ޚިދްމަތްދޭ ޚާއްޞަ ފަރާތްތަކާއި، ޢާއްމު ފަރާތްތައް ވަންނާނެއެވެ. ކޮންމެ މީހަކުވެސް އެމީހަކު ކުރާ މަސައްކަތެއް ރަނގަޅަށް އުނގެނި ބަރާބަރަށް އަދާކުރާ މީހާ ދެކެ ﷲ ލޯބިވެ ވޮޑިގަންނަ ވާނެއެވެ. ރަނގަޅަށް މަސައްކަތް ކުރާ މީހާއަކީ މީސްތަކުންގެ ކުރިމަތީގައި ޤަދަރުވެރި މީހެކެވެ. ދީނީ ވާޖިބުތައް އަދާ ކުރަމުން މަސައްކަތް ރަނގަޅަށް އަދާކުރާ މީހާއަށް މީސްތަކުން އިޙްތިރާމު ކުރާނެތެވެ. އެމީހުން އޭނާގެ ދީނަށް އިޙްތިރާމު ކުރާނެތެވެ. އޭނާ މަސައްކަތް ރަނގަޅަށް މި ކުރަނީ އޭނާގެ ދީނުގެ ސަބަބުން ކަމަށް މާނަ ކުރެވިދާނެތީއެވެ. އޭނާ މަސައްކަތް ކުރާލެއް ރަނގަޅު ކަމުން އޭނާގެ ދީން ބަލައިވެސް ގެންފާނެއެވެ. ދުނިޔޭގެ ފަޤީރު ޤައުމުތަކަށް ދަރުމަވެރި ޖަމްޢިއްޔާތަކުން ފޮނުވާ މީހުން ނިކަން ދެކެ ބަލާށެވެ! އެ މީހުން ފަރުވާ ބަހައްޓައިގެން ރަނގަޅަށް މަސައްކަތް ކުރަނީ އެމީހުންގެ މަސައްކަތް ބަލަހައްޓާނެ މީހަކު އެތާނގައި ހުރެގެނެއް ނޫނެވެ. މި ފަދަ މީހުންނަށް މީހުންގެ ލޯތްބާއި އިޙްތިރާމު ލިބެމުންދާ ތަން ފެނެއެވެ.
ތިބާ ކުރާ މަސައްކަތުގައި ފަރުވާ ކުޑަކޮށްލައިފިނަމަ ތިބާއަށް މީހުންގެ ލޯތްބެއް ނުލިބޭނެތެވެ. މީހަކު ތިބާއާ މަސައްކަތެއް ޙަވާލުކުރުމުން އެކަމެއް ކޮށް ނިންމާލައިފާ އެ މަސައްކަތުގެ އުޖޫރަ ނަގައިގެން ދަނީއެވެ. ދެ ދުވަހެއްގެ ތެރޭގައި އެ ކުރި މަސައްކަތް އަލުން ކުރަން ޖެހުނުނަމަ މަސައްކަތް ތިބާއަށް ދިން މީހާ ތިބާއަށް ލަޢުނަތް ލާނެތެވެ. ތިބާއާ ދެކޮޅަށް ފާޑުކިޔާ ނެތެވެ.އެމީހާ ދައު އޮހޮރުވައިގެން ހޯދި ފައިސާކޮޅު ތިބާގެ ސަބަބުން ގެއްލުނީތީއެވެ. އެ މަސައްކަތުގެ ސަބަބުން ލިބުނު ގެއްލުމާ ހެދިއެވެ. މިއީ ތިބާ އެ މަސައްކަތް ރަނގަޅަށް ނުކުރުމުގެ ނަތީޖާއެވެ. ވިޔަފާރި ވެރިޔަކު ބޭރުން މުދާ ގެނެސްގެން ވިއްކާ އެއްޗެހި އެއީ ފޭކު އެއްޗެހިތަކެއްނަމަ މި އެއްޗެހި ގަންނަ މީހުންނަށް ކިހާ ބޮޑު ގެއްލުމެއް ލިބޭނެތޯއެވެ؟ އެ މުދާ ރަނގަޅު މުދަލަށް ނުވާނަމަ އެ ވިޔަފާރިވެރިޔާގެ މަސައްކަތަކީ ރަނގަޅަށް ކޮށްފައިވާ މަސައްކަތަކަށް ނުވާނެއެވެ. މި އެއްޗެހީގެ ފޭރާން ދެރަކަމުގެ ސަބަބަކީ އެ ވިޔަފާރިވެރިޔާގެ އިހްމާލެވެ. އެ ވިޔަފާރިވެރިޔާގެ މި މަޅީގައި ޖެހުނު މީހުން އޭނާއަށް މަލާމާތް ކުރާނެއެވެ. އޭނާ ގޯނާ މި ކުރީ ﷲގެ އަޅުންތަކަކަށެވެ. މިހެންވެ ކީރިތި ރަސޫލާ e ޙަދީސް ކުރައްވަނީ (( أَحَبُّ النَّاسِ إِلَى اللهِ أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الأَعْمَالِ إِلَى اللهِ سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ [3]- ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ ފައިދާހުރި މީހާއެވެ. އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ މުސްލިމުގެ ހިތަށް އުފާވެރިކަން ވައްދާދޭ ޢަމަލެވެ. ))
ބައެއް މީހުން މަސައްކަތުގައި މަކަރު ހަދަނީ ، ނުވަތަ ރަނގަޅަށް ނުކުރަނީ އަވަހަށް ބޮޑު ފައިދާއެއް ހޯދުމަށް ޓަކައެވެ. ނުވަތަ ރަނގަޅަށް ކޮށްފިނަމަ އޭނާގެ ވިޔަފާރި ހުއްޓިދާނެތީއެވެ. ކާރުޚާނާގެ ވެރިޔާ ބުނާނީ މުދާ އަވަހަށް ހަލާކު ނުވާނަމަ ކާރުޚާނާގެ މަސައްކަތް ހުއްޓިދާނެއެވެ. ގޭގެއަށް ގޮސް މަސައްކަތް ކުރާ މީހާ ބުނާނީ މާ ރަނގަޅަށް އެކަން ކޮށްފިނަމަ މަގޭ މަސައްކަތް ހުއްޓިދާނެއެވެ.
މިއިން އެނގެނީ ތިބާގެ ޢާޤީދާގެ ބަލިކަށިކަމެވެ. ތިބާގެ އީމާންކަމުގެ ދޭސީކަމެވެ. އެހެނީ މާތްﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީ ކުރައްވަނީ (( وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ ، فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِثْلَ مَا أَنَّكُمْ تَنْطِقُونَ [4]- އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް وعد ކުރައްވާހާ ކަމެއް (ގެأمر ފުޅު) އުޑުގައިވެއެވެ. ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ وحى ކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ حق ތެދުކަން ކަށަވަރެވެ. ))
މި ބަސްފުޅުން އެނގޭގޮތުގައި މުސްލިމުން ވާން ޖެހޭނީ އެހެން މީހުންނަށް ލާބަޔާއި މަންފާ ހުރި ބަޔަކަށެވެ. އޭނާގެ ފުށުން އެހެން މީހުންނަށް ކަންބޮޑުވުމާއި ހިތަމާ ނުލިބޭ މީހަކަށެވެ. މިސާލަކަށް ޑަކްޓަރަކު އޭނާގެ ގާތަށް ދާ ބަލިމީހުންނަށް އަވަސް އަރުވާލައިގެން ފަރުވާ ދޭން އުޅުމަކީ މި ބަސްފުޅާ ޚިލާފުވާ މީހެކެވެ. ހަމަ އެގޮތަށް ލޯޔަރަކު އޭނާގެ މުވައްކިލުގެ ޤަޟިއްޔާ ކާމިޔާބުކޮށް ދިނުމަށް ޓަކައި މަރާޖިޢުތައް މުޠާލަޢާ ނުކޮށް ޝަރީޢަތުގެ މަޖިލީހަށް ހިގަނއްޖެނަމަ ވާނީ ކިހިނެއްތޯއެވެ؟ އޭނާ ފޮތްތައް ބަލައި ޤަޟިއްޔާ ރަނގަޅަށް ދިރާސާކޮށްގެން ދިޔަނަމަ މުވައްކިލު ކަންބޮޑުވެ ހާސްވަން ޖެހޭފަދަ ނިޔާއަކުން ސަލާމަތް ވެވިދާނެއެވެ. މުދައްރިސުންނަކީ ރަނގަޅަށް މަސައްކަތް އެނގިގެން މަސައްކަތް ކުރަން ޖެހިފައިވާބަޔެކެވެ. ރަނގަޅަށް ފިލާވަޅު ތައްޔާރުނުކޮށް ކިލާހަށް ގޮސް ކުދިންގެ ސުވާލުތަކަށް ޖަވާބު ނުދީ ގޮނޑީގައި އިށީނދެގެން ގަޑި ނަގައިލާނަމަ ޤައުމުގެ ކުރިމަގު އަނދިރިއެއް ނުވާނެތޯއެވެ؟ ހަމަ މި މޭރުމުން އޮފީސްތަކުގެ މުވައްޒަފުން ވެސް އެމީހުންގެ މަސައްކަތް ރަނގަޅަށް އަދާ ކުރުމަށް ފަރުވާ ބަހައްޓަން ވާނެއެވެ. ތަނުގައި އޮތް ވަކި ސަޤާފަތަކަށް ތަބާވެގެންނޭ ކިޔާފައި އެއްވެސް މުވައްޒަފަކު އެ މުވައްޒަފެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހިގެން ނުވާނެއެވެ.
އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވަނީ ކޮންމެ މުސްލިމަކު ވެސް އެ މީހެއްގެ ޢަމަލުތައް ރަނގަޅަށް ބަރާބަރަށް އަދާކުރުމަށެވެ. މުސްލިމުން މި ގޮތަށް އުޅުމުގެ ސަބަބުން އެތައް ބަޔަކު މި ދީނަށް ވަދެފައި ވެއެވެ. ޔޫރަޕްގެ ބައެއް ޤައުމުތަކުގައި މަސައްކަތް ކުރަން އުޅޭ ބައެއް މުސްލިމުން އެމީހުންގެ މަސައްކަތުގައި ފަރުވާ ބަހައްޓާ ތަން ފެނިގެން ޔޫރަޕްގެ އެތައް ބަޔަކު މި ދީނަށް ވަދެފައިވާކަން އަދި ވަންނަމުންދާ ކަން އެނގެއެވެ. ހޫނު މޫސުމުގައި ޔޫރަޕްގައި ދުވަސް ދިގު އިރުގައިވެސް ޗުއްޓީ ނުނަގައި ރޯދަހިފަމުން މަސައްކަތަށް ނުކުމެ ބަރާބަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދާ ތަން ފެނިގެން އެމީހުންގެ ދީނާމެދު ސުވާލުކޮށް އެ ދީން ދަސްކޮށް އެ ދީނަށް ދޮންމީހުން ވަދެފައިވާ ކަން ދިރާސާތަކުން އެނގެއެވެ.ގިނަ ބަޔަކު އިސްލާމްދީނަށް ވަދެފައި ވަނީ މުސްލިމުންގެ މިފަދަ ޢަމަލުގެ ސަބަބުންނެވެ.
ވީމާ މަސައްކަތް ނުލިބިދާނެތީ ނުވަތަ ލިބޭ އުޖޫރައާ އެއްވަރަށް މަސައްކަތް ކުރުމަކީ އިސްލާމްދީން ގޮވައިލާ ކަމެއް ނޫނެވެ. މަސައްކަތް ނުލިބިދާނެތީ ރަނގަޅަށް މަސައްކަތް ނުކުރާ މީހުންނަކީ ގެއްލެނިވެފައިވާ ބަޔެކެވެ. ލިބޭ އުޖޫރައާ އެއްވަރަށް މަސައްކަތް ކުރާ މީހުންނަކީ ޝާރިޢުގެ ބަސްފުޅުތަކާ ޚިލާފުވެފައިވާ ބަޔެކެވެ.އެމީހާގެ ޢަމަލު ﷲ ޤަބޫލު ކުރައްވާނެ ބާވައެވެ؟ މާތް ﷲ އެ ޢަމަލު ޤަބޫލު ނުކުރައްވައިފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމަ އެމީހާއަށެވެ.
އިޚްތިޔާރު ކުރަން ޖެހޭނީ ﷲ ރުހިވޮޑިގަންނަވާ ޢަމަލެއް
އިސްލާމްދީނުގައި ދިރިއުޅުމަށް ޓަކައި އިންސާނާއަށް ވަކި ބާވަތެއްގެ މަސައްކަތެއް ކުރާކަށް ނާންގަވައެވެ. ޝަރްޢު ހުއްދަކުރާ ކޮންމެ މަސައްކަތަކީ ދީން ޤަބޫލު ކުރާ ޢަމަލެކެވެ. ވިޔަފާރިއަކަށް ވިޔަސް ، ޞިނާޢަތަކަށް ވިޔަސް ، ދަނޑުވެރިކަމަށް ވިޔަސް ، މަސްވެރިކަމަށް ވިޔަސް، ނޫ ގިރުވާނުގައި ނުވަތަ ކާކީ ގިރުވާނުގައި ހިމެނޭ މަސައްކަތަކަށް ވިޔަސް ޝަރްޢީ ގިއުގަނޑުގެ ތެރޭގައި ކުރާނަމަ އެއީ ހަމަ ހެޔޮ ރަނގަޅު ޢަމަލެކެވެ.ކުރާ މަސައްކަތެއް ކުރަން ޖެހޭނީ ޝަރްޢުގައި އަންގަވާފައިވަ އުޞޫލުތަކާ އެއްގޮތަށެވެ. މަކަރުހެދުމާއި އޮޅުވައިލުމާ ދުރުގައެވެ. ބާޠިލު ގޮތުގައި އެހެން މީހުންގެ މުދާ ކެއުމެއް ނެތިއެވެ. މާތް ﷲ ރުއްސުން ލެއްވި އަބޫ އުމާމަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ e ޙަދީސް ކުރެއްވިއެވެ. ((إنَّ رُوحَ القدسِ نَفَثَ فِي رَوْعِي أَنَّه لَنْ تَمُوتَ نفسٌ حَتَّى تَسْتَكْمِلَ رِزْقَهَا ، فاتقوا الله فأجملوا في الطلب [5] - ހަމަކަށަވަރުން މާތް ﷲ ތިމަންކަލޭގެފާނުގެ ނަފްސަށް އިލްހާމު ކުރެއްވިއެވެ. ހަމަކަށަވަރުން ހަމަ އެއްވެސް ނަފްސެއް އެ ނަފްސުގެ ރިޒްޤު ފުރިހަމަ ނުވަނިސް މަރުވެނުދާ ހުށްޓެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވެ ، ރިވެތި ގޮތުގައި ރިޒްޤު ހޯދަން މަސައްކަތް ކުރާށެވެ!)) މި ބަސްފުޅުން ދޭހަވަނީ ކޮން އެއްޗެއް ތޯއެވެ؟ ރިވެތި ގޮތުގައޭ އޮތް ބަސްފުޅުން އެނގެނީ ޙަލާލު މަސައްކަތް ކުރާށެވެ! ޙަރާން މަސައްކަތެއް އިޚްތިޔާރު ނުކުރާށެވެ! އެކަމުގައި ޝުބްހާތު އޮތް މަސައްކަތްތަކާ ދުރުހެލިވާށެވެ! މާތްﷲ ތިބާއަށް ކަނޑައަޅުއްވާފައި ރިޒްޤު ލިބުމަށް ފަހުގައި މެނުވި ތިބާ މި ދުނިޔެ ދޫކޮށްފައި ނުދާނެތެވެ.
ތިބާ ކުރާ މަސައްކަތަކީ ޝަރްޢު ހުއްދަ ކުރާ މަސައްކަތެއްއް ކަމުގައިވާނަމަ އަދި އެ މަސައްކަތް ރަނގަޅަށް ދަސްކޮށްގެން ޝަރްޢުގައި ހުއްދަވެގެންވާ މަގުތަކުން ކުރާނަމަ ތިބާގެ ރިޒްޤު ތިބާއަށް މާތް ﷲ ދެއްވާނެތެވެ. ތިބާ ކުރާ މަސައްކަތް ތިބާ ކުރަނީ ތިބާގެ ނަފްސު ޢިއްޒަތްތެރިކޮށް ސަލާންޖެހުމުގެ ހުތުރުކަމުން ތިބާއާއި ތިބާގެ ޢާއިލާ ސަލާމަތްކޮށް ހެޔޮގޮތުގައި ތިބާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ވާގި ހޯދުމަށް ކަމުގައިވާނަމަ ތިބާގެ މަސައްކަތަކީ އަޅުކަމެކެވެ. އެއީ ތިބާއަށް ސަވާބު ލިބޭނެ ކަމެކެވެ.
ޙަދީސް ކުރެއްވި ސަބަބު
އިސްވެ ދެންނެވި ޙަދީސް (( إِنّ اللَّهَ تَعَالى يُحِبّ إِذَا عَمِلَ أَحَدُكُمْ عَمَلاً أَنْ يُتْقِنَهُ- [6] އަރަހުށި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަން ކަށަވަރީ ، ތިޔަބައިމިހުންގެ ތެރެއިން މީހަކު ކަމެއް ކުރާނަމަ އެކަމަށް ފުރިހަމަކޮށް ބަރާބަރަށް ކުރުމަށެވެ. )) ރަސޫލާ e މި ޙަދީސް، ޙަދީސް ކުރެއްވީ ކީއްވެގެން ތޯއެވެ؟ ޢާޞިމު ބުނު ކުލައިބު ވިދާޅުވާ ގޮތުގައި " އަހުރެން އަހުރެންގެ ބައްޕަ ކުލައިބު ބުނު ޝިހާބުގެ އަރިހުގައި ޖަނާޒާއަކަށް ދިޔައިމެވެ. އެ ޖަނާޒާގެ ވެރިޔާ ވަޅުލަމުން ދިޔައިރު ރަސޫލާ މީސްތަކުންނަށް ވިދާޅުވިއެވެ. (( އޭ މީސްތަކުންނޭވެ! މި މަހާނަ ރީއްޗަށް އެއްވަރުކޮށް ހަމަކުރާށެވެ! އެހިދު މީސްތަކުން ހީކުރީ އެއީ ސުންނަތެއް ކަމަށެވެ. ދެން މީސްތަކުންނާ ދިމާއަށް އެނބުރި ވަޑައިގެން ޙަދީސް ކުރެއްވިއެވެ. ފަހެ ދަންނާށޭވެ! މި ކަމުން މައްޔިތާއަށް ފައިދާއެއް ވެސް އަދި ގެއްލުމެއް ވެސް ނުލިބޭނެތެވެ. – އެބަހީ ރަނގަޅަށް ވަޅުލުމުން ނުވަތަ ނުރަނގަޅުކޮށް ވަޅުލުމުން ، މަހާނަ މަތީގައި ބައުގަނޑެއް ހުރުމަކުން ނުވަތަ ބައުގަނޑެއް ނެތުމަކުން – އޭނާއަށް ގެއްލުމެއް އަދި ފައިދާއެއް ނުލިބޭނެތެވެ. އެހެނެއް ކަމަކު ، إِنّ اللَّهَ تَعَالى يُحِبّ إِذَا عَمِلَ أَحَدُكُمْ عَمَلاً أَنْ يُتْقِنَهُ- އަރަހުށި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަން ކަށަވަރީ ، ތިޔަބައިމިހުންގެ ތެރެއިން މީހަކު ކަމެއް ކުރާނަމަ އެކަމަށް ފުރިހަމަކޮށް ބަރާބަރަށް ކުރުމަށެވެ. )) މައްޔިތާ ވަޅުލައިއިރު މަހާނަ މައްޗަށް ފަސްއެޅުމަކީ ވަރަށް އާދައި ކަމެކެވެ. އެ ކަން ކުރާއިރުގައި ވެސް ރަނގަޅަށް ކުރުމަށް މި ވަނީ އަންގަވައިފައެވެ. އެކަމުގެ ސަބަބުން ގެއްލުމެއް ފައިދާއެއް ނުލިބޭ ކަމަކަށް ވިޔަސް ކުރާ ކަމެއް ކުރަން ޖެހޭނީ ރަނގަޅަށެވެ. ﷲ ޖައްލަ ޖަލާލުހޫ ލޯބިވެ ވޮޑިގަންނަ ވަނީ މި ގޮތަށެވެ.
މިއަދު މުސްލިމުންނަށް ވަނީ މި ޙަދީސަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައެވެ. މުސްލިމުން އުފެއްދުންތެރި ބަޔަކަށް ވުމަށް ޓަކައެވެ. މުސްލިމުން މަސައްކަތްތެރި ބަޔަކަށް ވުމަށް ޓަކައެވެ. މުސްލިމުން ކުރިއެރުމަށް ޓަކައެވެ. ތަހްޒީބީ ޤައުމުތަކުގެ ސަފުތަކާ އަރާ ހަމަ ކުރުމަށް ޓަކައެވެ. މުސްލިމުންގެ ފަޚްރުވެރި މާޒީ އަނބުރާ ގެނައުމަށް ޓަކައެވެ. ކުރާ ކަންތައް ރަނގަޅަށް ކުރުމަކީ އަޅުކަމެއް ކަމުގައިވާ ކަން އެނގޭ މީހާ އެ ގޮތަށް މަސައްކަތް ކުރުމަށް އިސްކަންދޭ ނެތެވެ. އެކަމުގެ ސަބަބުން ﷲ ތަޢަލާގެ ރުހުން ލިބޭތޯއެވެ؟ މީހަކު ކުރާކަމެއްގައި – އެއީ ކޮންމެ މައިދާނެއްގައި ކުރާ ޢަމަލެއް ކަމުގައި ވިޔަސް – އެކަމުގައި ފަރުވާކުޑަ ކުރުމަކީ ﷲގެ މަޚްލޫޤުންގެ ތެރެއިން ކޮންމެވެސް މަޚްލޫޤަކަށް އެކަމުގެ ނުބައި އަސަރު ފޯރާނެކަމެކެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި ތިބާގެ އަގު ވެއްޓިގެންދާނެ ކަމެކެވެ.މުސްލިމުންނަކީ ((الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ [7] - މުސްލިމާއަކީ އޭނާގެ ދުލާއި އަތުން މުސްލިމުން ސަލާމަތްވެފައިވާ މީހާއެވެ. ))
(ނުނިމޭ)
[1] - سورة الأنعام : 124
[2] - سورة المائدة: 54
[3] - الطبرانى
[4] - سورة الذاريات : 22-23
[5] - الألبانى ، فقه السيرة
[6] - رواه البيهقى
[7] - رواه البخارى ومسلم وصححه الألبانى