ބޭންކް އޮފް މޯލްޑިވްސްގެ މުއައްޒަފުންނަށް ހިލޭ ޕެޑު ލިބޭނޭ އިންތިޒާމު ހަމަޖައްސައިފިއެވެ.
ސޯޝަލްމީޑިއާގައި ބެންކުން އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕެޑު ފަދަ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުން މަސައްކަތު މާހައުލުގައި އަންހެނުންނަށް ބޮޑު ފައިދާއެއް ކުރާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ބެންކުގެ ހުރިހާ ޑިޕާޓްމަންޓްތަކުންނާއި ބްރާންޗްތަކުން ހިލޭ ޕެޑު ލިބޭނޭ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބެންކުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މުއައްޒަފުންނަށް ހިލޭ ޕެޑު ފޯރުކޮށްދޭން ބެންކުން ވައުދުވެފައިމިވަނީ މާދަމާ ފާހަގަ ކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެންނެވެ.
މަސްވަރު ދުވަސްވަރު ބޭނުންކުރާ ޕެޑާއި ޓެމްޕޯން ފަދަ ތަކެއްޗަކީ އަސާސީ ހައްގެއް ކަމަށާއި އެ ތަކެތި އަތްފޯރާ އަގުގައި ފޯރުކޮށްދިނުމަށް އެދި ދުނިޔޭގެ ގިނަ ގައުމުތަކުގައި ކެންޕޭނު ކުރެއެވެ. އަދި މިހާރު އިނގިރޭސިވިލާތާއި އެމެރިކާގެ ބައެއް އޮފީސްތަކާއި ސްކޫލްތަކުގައި ވެސް ދަރިވަރުންނަށް ހިލޭ ޕެޑު ލިބޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ދާދި ފަހުން އިންޑިއާއިން ވެސް ވަނީ ޕެޑުން ނަގާ ޓެކްސް މާފުކޮށްފައެވެ.
ދިވެހިރާއްޖޭގައި ވެސް ޕެޑުން ނަގަމުން އައި ޓެކްސް މިހާރުވަނީ އުވާލައިފައެވެ. ޕެޑުން ނަގަމުން އައި ޓެކްސް އުވާލާފައިވަނީ މުދަލާއި ޚިދުމަތުން ޓެކްސްގެ ނެގުމުގެ ގާނޫނަށް ހުށަހެޅުނު ފަސްވަނަ އިސްލާހު 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އަދި އެ އަހަރުގެ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ބިލް ތަސްދީގު ކުރައްވާފައެވެ.