އިޓަލީ ވިލާތުގެ ( ވަކީން ޚާއްސަ ގޮތެއްގައި އިޓަލީގެ މެދުތެރޭ ހިސާބުގައި ހަރަކާތްތެރިވާ މަޝްހޫރު) މާފިޔާ ގޭންގުތަކާއި ބެހޭ ގޮތުން ރޮބޭޓޯ ސަވިއާނޯ " Gomorrah " ގެ ނަމުގައި ފޮތެއް ލިޔުނެއެވެ. ' ކަމޯރާ' ގެ ނަމުން މަޝްހޫރު ވެފައިވާ ގޭންގު ތަކުގެ ނަމަށް ކުޑަ ބަދަލެއް ގެނެސް ލިޔުނު މި ފޮތް ވެގެން ދިޔައީ ވަރަށް ހަލުވިކޮށް ވިކެން ފެށި ފޮތަކަށެވެ. 'އެންމެ ގިނައިން ވިކޭ ' ފޮތްފޮތުގެ ލިސްޓުގައި އެމީހެއްގެ ފޮތެއް ހިމެނިގެން ދިޔުމަކީ ކޮންމެ ލިޔުންތެރިއަކުވެސް ވަރަށް ދެކޭ ހިތްވާ ދުވަހެކެވެ. ރޮބޭޓޯ ސަވިއާނޯއަށް އެ އުފާވެރި ދުވަސް ފެނިއްޖެއެވެ. ނަމަވެސް ހިތާމައަކީ އެކަމުގެ ފޮނިމީރުކަން އިހްސާސްކޮށް އުފަލުގައި އުޅޭނެ މިނިވަންކަން އެ ފޮތުގެ ސަބަބުން އޭނާއަށް ގެއްލުނުކަމެވެ! ކުޅަނދުރު ހަތާތަކަކަށް އޮއްގާ އުކުމުގެ ސަބަބުން މިހާރު މި ހިތްވަރުގަދަ ނޫސްވެރިޔާ އަށް އުޅެން ޖެހިފައިވަނީ ވަރަށް ފުރިހަމައަށް ތަމްރީނު ދެވިފައިވާ ހަށިފާރަވެރިންގެ ފަސް މީހުންގެ ޓީމެއްގެ ހިމާޔަތުގައެވެ! މި ޖެހިލުން ކުޑަ ނޫސްވެރިޔާ މިނުރައްކަލުގައި އުޅޭތާ މިހާރު 7 އަހަރު ވެއްޖެއެވެ!
އުމުރުން އެންމެ 36 އަހަރުގެ ރޮބޭޓޯ ސަވިއާނޯ އަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިޓަލީގެ އިތުރުން މުޅި ދުނިޔެއަށް މަޝްހޫރުވި ނޫސްވެރިއެކެވެ. އޭނާ ލިޔުއްވި ‘ ހަގީގީ ވާހަކަ’ ”ގަމޯރާގެ ” ދެ މިލިޔަނެއްހައި ފޮތް ވިކިފައިވެއެވެ! މީގެ އިތުރުން އެ ފޮތް ތަފާތު 32 ބަހަށް ތަރުޖަމާކުރެވި، ދާދި ފަހުން އޭނާގެ ފޮތަށް ބިނާކޮށް ފިލްމެއްވެސް ކުޅެފިއެވެ! މި ފޮތް ލިޔުއްވި އިރު އޭނާގެ ޢުމުރަކީ އެންމެ 28 އަހަރެވެ.
ނަމަވެސް ލިބުނު ފޮނި ކާމިޔާބީ، ލޯބިވާ އާއިލާ އާއި ގާތް ތިމާގެ މީހުންނާއި އެކު ފާހަގަކޮށް ލިބުނު މާއްދީ ތަނަވަސްކަމުގެ ފޮނިމީރުކަން ރަހަ ބަލައިލެވޭނޭ ގޮތެއް ފަހިވާނޭ ދުވަހެއްވެސް އަދި މި ޒުވާން ލިޔުންތެރިޔާއަށް ޔަގީނެއް ނޫނެވެ! އިޓަލީގެ ގޭންގުތަކަށް އާންމު ގޮތެއްގައި މާފިޔާ އެވެ ކިޔާ ނަމަވެސް އެކި ހިސާބުގެ ގޭންގުތަކަށް ރަށުމީހުން ކިޔާ ނަންތައް ތަފާތެވެ. ލިޔުންތެރިޔާގެ ފޮތް ‘ ގަމޯރާ’ ގައި އިޝާރާތްކޮށް ބޭޒާރުކޮށް އަލިއަޅުވައިފައިވަނީ އިޓަލީ ވިލާތުގެ މެދުތެރޭ ނޭޕްލްސް ސަރަހައްދުގައި އެންމެ އަނިޔާވެރި ގޭންގު ‘ ކަމޯރާ’ ގެ ކަޅު އަނދިރި ވިޔަފާރި އާއި އެމީހުން ގެންގުޅޭ ބިރުވެރި، އަނިޔާވެރިންނާއި އެމީހުން ގެންގުޅޭ އުސޫލުތަކެވެ!
މީނާ ލިޔުނު ފޮތް މަޝްހޫރުވެ އެ ފޮތުގެ ވާހަކަ ގިނަމީހުން ދައްކަން ފެށުމުން މީނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފެނިވަޑައިގެން، އިޓަލީ ސަރުކާރުން ރޮބޭޓޯ ސަވިއާނޯ އަށް، ވަރަށް ފުރިހަމައަށް ތަމްރީނު ދެވިފައިވާ ހަށި ފާރަވެރިންގެ ފަސް ފުލުހުން ހަމަޖައްސަވައި ދެއްވިއެވެ! ރަހުމް ކުޑަ ގޭންގްސްޓަރުން އެންމެ ރުޅިއައި ދެވަނަ ކަމަކީ ރޮބޭޓޯ ސަވިއާނޯގެ ފޮތަށް ބިނާކޮށް ތައްޔާރު ކުރި ފިލްމަށް ފަރަންސޭސި ވިލާތުގެ މަޝްހޫރު ކޭންސް ފިލްމް ފެސްޓިވަލުގައި ލިބުނު ކާމިޔާބީއެވެ. އެ ސަރަހައަދުގައި މިހާރުވެސް ދިރިއުޅޭ އާންމު ރައްޔިތުންގެ ދިރިއުޅުން ދައްކައިދޭ މި ފިލްމަކީ ‘ކުޅެފައިވާ’ ފިލްމެއް ނޫނެވެ. ހަގީގީ ކަންކަން ދައްކައިދޭ ޑޮކިޔުމެންޓްރީ ފިލްމެކެވެ.
ރޮބޭޓޯ ސަވިއާނޯ އަކީ މާފިޔާ ގޭންގު ކަމޯރާގެ ބޮޑުން ނުރުހޭ މީހެއްކަން އޭނާއަށް އެންމެ ފުރަތަމަ އެނގެން ފެށީ ވަރަށް އާދައިގެ ގޮތެއްގައެވެ. ޕާން ވިއްކާ މީހާވެސް، ‘ ކަލޭ ހަމަ މި ފިހާރައިން ނޫނީ ޕާން ގަނެގެން ނުވޭހޭ ‘ ދިމާއަށް ބުނުން ކަހަލަ ކަންކަމެވެ. މި ނޫސްވެރިޔާއަށް މާ ގިނަ ދުވަހަކު ދުނިޔޭގައި ނުހުރެވޭނެކަން ސަރުކާރަށް ޔަގީންވީ ނޭޕްލްސްގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަ ދައްކަން މައިކްރޮފޯނު ކައިރީގައި ރޮބޭޓޯ ސަވިއާނޯ ހުއްޓި، ކުރީބަރީގައި ތިބި ހުރިހާ ގޭންގްސްޓަރުންގެ ވަނަވަރު އެމީހުންގެ ކުރިމަތީގައި ހުރެ އާންމު ކުރުމުންނެވެ! އެހިސާބުން ފުލުހުންގެ އެންމެ އިސްވެރިޔާ، ޒުވާން ލިޔުންތެރިޔާއަށް އެންގެވީ، ‘މިރޭ ސަލާމަތުން ގެއަށް ދާން ބޭނުންނަމަ ތިމަންނާ މި ފޮނުވާ ހަށިފާރަވެރިންގެ ހިމާޔަށް ލިބިގަތުމަށެވެ! ‘
ގޭންގުތަކުގައި ހަރަކާތްތެރިވަމުން، ފުލުހުންނަށް ޖާސޫސު ކޮށްދޭ މީހަކު ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި ‘ ބޮޑުން ‘ ބޭނުންވަނީ ފައިބެއަހަރުގެ ކްރިސްމަސް ( ޑިސެންބަރު25 ) އައުމުގެ ކުރިން ލިޔުންތެރިޔާ ރޮބޭޓޯ ސަވިއާނޯގެ ދުވަސް ދުއްވައިލުމެވެ! ފަހުން މިމީހާ އެހެން ބުނިކަމަށް އިންކާރު ކުރިއެވެ. ނަމަވެސް މާފިޔާ ބޮޑުންގެ އެންގުމަށް މީހުން މަރައި އުޅޭ އެކަކު ‘ އެކަން ކުރަންވާގޮތަށް ކުރަން’ ކަޅު ބާޒާރުން ބާރުގަދަ ގޮވާތަކެތި ގަންނަމުންދާކަމުގެ ޚަބަރުވެސް ފުލުހުންނަށް ލިބެމުންދާކަމަށްވެއެވެ! އިޓަލީގެ އެންމެ ދެކުނުގައިވާ ސިސިލީ ޖަޒީރާގައި ބިރުވެރިކަން ފަތުރާފައިވާ މާފިޔާގެ ވާހަކަ ލައްކަ ގިނަ މީހުން ދަނެއެވެ. މާފިޔާގެ ބިރުވެރި ކަންތަކަށް ބިނާކޮށް ކުޅެފައިވާ ފިލްމު ތަކާއި ލިޔެފައިވާ ފޮތްފޮތްވެސް މަދެއް ނޫނެވެ. ނަމަވެސް އިޓަލީގެ މެދުތެރޭ ނޭޕްލްސްގައި ކަމޯރާ ގޭންގުތަކުގެ ވާހަކަ މުޅި ދުނިޔެއަށް ބޭޒާރު ކޮށްލި މީހަކީ މި ހިތްވަރުގަދަ ނޫސްވެރިޔާ ރޮބޭޓޯ ސަވިޔާނޯއެވެ!
ތުއްތު ރޮބޭޓޯ ސަވިއާނޯ އުފަންވެ ބޮޑުވަމުން އައީ އިޓަލީގެ ނޭޕްލްސަ ސަހަރުގައި މިދެންނެވި ކަމޯރާ ގޭންގުތަކުގެ އުނދަގޫ އެންމެ ބޮޑު އެއް އަވަށުގައެވެ. ކިޔުންތެރިންގެ ކުރިމަތީގައި މި ލިޔުންތެރިޔާގެ ފޮތް އެހާ މަގުބޫލު ފޮތަކަށްވި މައިގަނޑު ސަބަބަކީ އެއީއެވެ. އޭނާ ލިޔުނީ އޭނާ ފުރިހަމައަށް ދަންނަ ކަމެއްގެ ވާހަކައެވެ. މިއީ ތަޖުރިބާ ލިބިފައިވާ ލިޔުންތެރިން، ޒުވާން ލިޔުންތެރިންނަށް އާންމު ގޮތެއްގައި އެންމެ ގިނައިން ކިޔައިދޭ އެއް ފިލާވަޅެވެ. ” ރަނގަޅަށް އެނގޭ އެއްޗެއް ލިޔާށެވެ! ”
މިހާރު ނިޔާވެފައިވާ ރޮބޭޓޯ ސަވިއާނޯގެ ބައްޕަ އަކީ ނޭޕްލްސްގައި ނަންހުރި ޑަކްޓަރެކެވެ. މަންމައަކީ އިޓަލީގެ އުތުރު ހިސާބަކަށް އުފަން ކަނބަލަކަށްވާތީ، މަންމަގެ އުފަން ހިސާބަށް ދިޔުމުން ފެންނަނީ އިޓަލީގެ މުޅިން ތަފާތު ދިރިއުޅުމެކެވެ. މީނާ ލިޔުއްވާ ގޮތުގައި، ” މަރުވެފައިވާ މީހެއްގެ ހަށިގަނޑު އަހަންނަށް އެންމެ ފުރަތަމަ ފެނުނީ، އުމުރުން އެންމެ 13 އަހަރުގައެވެ!” އެ އިޝާރާތް ކުރީ ފަހުން ފެނުނު ހަށިތަކުގެ ސިލްސިލާގެ ފެށުމަށެވެ. މި ޒުވާން ލިޔުންތެރިޔާ ލިޔާގޮތުގައި އޭނާގެ ޒުވާން އުމުރުގައި ނޭޕްލްސްގަައި 3600 ( ތިންހާސް ހަސަތެކަ) ވަރަކަށް މީހުން ގޭންގުތަކުގެ ގަދަބަދަވި ކަމުގައި މަރުވެއްޖެއެވެ! ޒުވާން ލިޔުންތެރިޔާގެ ބައްޕައަކީ ޑަކްޓަރެއްކަމުގައިވާތީ، ގޭންގުމެންބަރުން ތަޅައި އެއްލާލައިފައި އޮތް މީހަކު ފެނުމުން އެންބިޔުލާންސަށް ގުޅައި އެހީތެރިކަމެއް ލިބެންދެން އެމީހާއަށް ހޭހަން ކޮށްދިނެވެ. މި ފޯރުކޮށްދިން އިހްސާންތެރިކަމުގެ ބަދަލުގައި، މިސްޓަރ ސަވިއާނޯއަށް ގޭންގުތަކުގެ ފަރާތުން ވަރަށް އަނިޔާކުރިއެވެ. ކުރި އަނިޔާގެ ބޮޑުކަމުން، މީހުންގެތެރެއަށް ނިކުމެ އުޅެންވެސް ޖެހިލުންވެ އެތައް ދުވަހަކު ގެއިން ނުނިކުމެ ހުއްޓެވެ. ގޭންގު ތަކުން އެ ދިން ބިރުވެރި ‘ފިލާވަޅަކީ’ “ތިމަންނާމެން ވަޅިހަރައި، ތަޅައި އަނިޔާކޮށްފައިވާ މީހުން މަރުވާން ދޫކޮށްލާށެވެ، ނުބެހޭ ކަންކަމާ ނުބެހޭށޭވެ!”
މިފަދަ ބިރުވެރި މާހައުލެއްގައި އުޅެ ބޮޑުވިއިރު، ރޮބޭޓޯ ސަވިއާނޯ އަށް ދަސްވި އެއް ކަމަކީ، ވަށައިގެން ހިނގާ ބިރުވެރި ކަންކަމަށް ކުޑަވެސް ފަރުވާލެއް ނުދީ، ދުވަހަކުވެސް މާފިޔާ ގޭންގުތަކުގެ ވާހަކަ ނުދައްކައި، މަގުމަތީގައި މީހަކަށް ކިތަންމެ އަނިޔާއެއް ކުރިނަމަވެސް އެކަންކަން ނުފެންނަ ކަމަށް ހެދިގެން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެވިދާނެކަމެވެ! އެހެން، ޚިޔާލީ ދުނިޔެއެއްގައި އުޅޭ މީހަކު ގޭންގުތަކަށް ‘ ސަލާމަތްތެރިކަން ގަތުމަށް’ ދޭ ފައިސާވެސް ނުދީ އުޅެވިދާނެކަމެވެ. ކޮންމެ ވަރެއްގެ އަނިޔާވެރިކަމެއް ފެނުނަސް، އަވަހަށް އެތަން ނުފެންނަކަމަށް ހަދައި، އަވަހަށް ދުރަށް ދާންވީއެވެ. މިހެން އުޅެވިދާނެއެވެ!
ދާދި ފަހުން ވީކަމަކީ، ގޭންގުތަކުގެ ސިއްރުތަކެއް ފުލުހުންނަށް ޒުވާނަކު ކިޔައިދިނުމެވެ. ލިބުނު ސިއްރު މައުލޫމާތުގެ އެހީގައި ފުލުހުން، ކަމޯރާގެ އިސްބަޔަކު ހައްޔަރުކޮށް ގޭންގުތަކުގެ މުދަލުން ސަތޭކަ މިލިޔަން ޔޫރޯގެ އަގުހުރި މުދާ ސަރުކާރަށް ނަގަައިފިއެވެ! މިކަމުގެ ބަދަލު ހިފުންތޯއެވެ! އަވަސްވެފައި ބިރުވެރިއެވެ! އެމީހުން ބަދަލު ހިފުމުގެ ފުރަތަމަ ފިޔަވަޅު އެޅީ އެވާހަކަ ކިޔައިދިން ޒުވާނާގެ ބޮޑުބޭބެ އާއި ހިސާބުންނެވެ! ބޮޑުބޭބެ އާންމު ތަނެއްގައި ތާސް ކުޅެން އިންދައި، ހަމަ އެންމެންގެ ތެރޭގައި އައިސް ބަޑިޖަހައި މަރައިލީއެވެ! ދެތިން މީހުންވެގެން، މީނާގެ ގަޔަށް 18 ވަޒަން ޖެހިކަމަށްވެއެވެ. އަށާރަ ވަޒަން ޖަހާއިރު ކިހާ އަޑުފަށެއް ހުންނާނެ ނޫންތޯއެވެ. ނަމަވެސް ތަހުގީގުގައި އެއްބާރުލުން ދޭނެ ހަމަ އެކަކުވެސް ނުވިއެވެ. އެތަން ” ދުއް ” މީހަކު ނެތެވެ. ސަރުކާރުން އެންމެ މަތީ ތަމްރީނުދެވިފައިވާ ލަޝްކަރުގެ ބަޔަކުވެސް އެހިސާބުގައި ތިބިކަމަށްވެއެވެ. އެމީހުންގެ ހަމައެކަނި ވަޒީފާއަކީ ގޭންގުތަކުގެ ތަޅައިފޮޅުން ހުއްޓުވުމެވެ!
ސަވިއާނޯ އާއި އޭނާގެ ރައްޓެހިންނަށް، އެމީހުން އުފަން އަވަށުގެ ނަން އިވުނަސް އެހެން ހިސާބުގެ ކުދިން ބިރުގަންނަކަން ވިސްނުނީ، ބައިސްކަލުގައި އަވައްޓެރި އަވަށް އަވަށަށް ގޮސް ތިމަންނާމެން މިއީ ‘ ކާސަލް’ ގެ އަހުލުވެރިންނޭ ބުނުމުން އެވާހަކަ އަޑުއެހި ކުއްޖަކުނަމަ ބިރުން ފިލަން އަވަސްވެގަންނަވަރުންނެވެ!
ލިޔުންތެރިޔާ ލިޔުއްވާ ގޮތުގައި އޭނާ އުފަންވެ ބޮޑުވި ހިސާބަކީ މުޖްތަމައެއްގެ ހުރިހާ ކަމެއް އެންމެ ކައިރިން ފެންނަން ހުރި ތަނެކެވެ. ފިލްމު ފިލްމުގައި ނުބައިބައި މީހުންނާއި ރަނގަޅުބައި މީހުން ވަކި ކުރަން އެނގެއެވެ. ނަމަވެސް އާންމު ދިރިއުޅުމުގައި އެއީ މާ ފަސޭހަ ކަމެއް ނޫންކަން ވަރަށް ކުޑައިރު ދަސްވިއެވެ. ސަވިއާނޯ އަށް ވަރަށް ހެޔޮ މީހެއްގެ ވާހަކަ ލިޔުނެވެ. އޭނާގެ އަލަތު ކާވެންޏަށްވެސް މި ޒުވާން ލިޔުންތެރިޔާއަށް ދައުވަތު ދިނެވެ. ސަވިއާނޯގެ މި ރަހުމަތްތެރިޔާ، އޭނާގެ އަވައްޓެރިއެއްގެ ދަރިޔަކު، އެމެރިކާގައި ކިޔެވުމުގެ ހުރިހާ ޚަރަދަކާއި ހަވާލުވެ އެކަން ކޮށްދިނެވެ. ހަމަ މި މީހާބޮޑު ހެޔޮކަމެއް ކޮށްދިން މީހާ، އޭނާއަށް އަށް ބޮޑުބޭބެ ކިޔާ އަންހެން ކުއްޖަކާ މަގުމަތިން މައްލަވަ ކޮށްލި ފިރިހެނެއްގެ އަރުތެރެއަށް ވެލި ގަންނަވައި މަރައިލިއެވެ! އާންމު އުޅުމުގައި އެހާ ހިތްހެޔޮ، ހެޔޮކަންތައް ކުރާ މީހެކެވެ. އަނެއްކޮޅުން ރުޅިއަންނަ މީހަކަށް ކިތަންމެ އަނިޔާވެރި ކަމެއްވެސް ދައްކާކަށް ކުޑަވެސް ޖެހިލުމެއް ނެތެވެ. އެންމެ ފައިސަ ފޮއްޗެއްގެ ތަފާތު ބޮޑު ދެފުށެވެ!
ސަވިއާނޯ ލިޔުއްވާ ގޮތުގައި އޭނާ އާއި އެ އަވަށުގައި ކުށަށް އަރައިގަތުމަކީ އެބައެއްގެ ދިރިއުޅުން ކަމުގައި ހަމަޖައްސައިގެން އުޅޭ މީހުންވެސް އުފެދިފައިވަނީ ” ހަމަ އެއްވައްތަރުގެ މަށިން” ނެވެ. އެމީހުން އިޚްތިޔާރު ކުރީ ކުށްކުރުމެވެ. ތިމަންނާ މިވީ އެމީހުންގެ އެ ދިރިއުޅުމަށް އެންމެ ފާޅުގައި ފާޑު ކިޔާ މީހާއަށެވެ. މިފަދަ އިދިކޮޅު ސިފަތަކަކުން ފުރިގެންވި މާހައުލެއްގައި ބޮޑުވަމުން އަންނަ ކުދިންނަށް އޮތީ ދެގޮތެކެވެ. މަޑުމައިތިރި ފިނޑި ދިރިއުޅުމެއް އުޅުން ނުވަތަ ކޮންމެވެސް ގޭންގަކާއި ގުޅިގެން ނުރައްކަލުން ފުރިގެންވި މުއްސަނދި، އުމުރު ކުރު ދިރިއުޅުމެއް ޚިޔާރު ކުރުމެވެ.
ފަސޭހަ ދެ ގޮތްވެސް ދޫކޮށް ރޮބޭޓޯ ސަވިއާނޯ ޚިޔާރުކުރީ އޭނާގެ ހުނަރުވެރިކަން ބޭނުންކޮށްގެން މި ގޭންގުތައް ބޭޒާރު ކުރުމެވެ! ސަވިއާނޯ އަކީ ވަރަށް ހުނަރުވެރި ލިޔުންތެރިއެކެވެ. މިފަދަ ބިރުވެރިކަމެއް އިޓަލީގެ މެދު ހިސާބެއްގައި އެހާ ބޮޑަށް ފެތުރިފައިވާއިރުވެސް އެއްވެސް ލިޔުންތެރިއަކު މިމައްސަލައަށް އަލިއަޅުވާލައި ފޮތެއް ލިޔެފައި ނެތުމުން މީނާ ހައިރާންވިއެވެ. މިހެންވެ މައުލޫމާތު އެއްކުރަމުން މަޑުމަޑުން ފޮތުގެ ގަނޑުތައް އިތުރުކުރަމުން އައީއެވެ. ފޮތްލިޔަމުން ދިޔަ ދުވަސްވަރު އާމުދަނީއެއް ހޯދުމުގެ ގޮތުން ވަގުތީ ވަޒީފާތައް ހޯދަމުން ދިޔައެވެ. އެއީ އެންމެ ދަށު ފަންތީގެ ބަޔަކާ ބައްދަލުވެ އެމީހުންގެ ފަރާތުންވެސް މައުލޫމާތު ހޯދުމަށެވެ. އިސްކޫލުގައި އެކީގައި އުޅުނު އެކުވެރިންނާއިވެސް ބައްދަލުކޮށް މައުލޫމާތު ހޯދަމުން ދިޔައެވެ. އެކީގައި ޅަ އުމުރުގައި އުޅުން ކުދިންގެ ތެރެއިން ސަތޭކައަކުން ސާޅީސް ޒުވާނުންނަކީ އަދާކުރާނޭ ވަޒީފާއެއް ނެތް މީހުންނެވެ. އެމީހުންނަށްވެސް އޮތީ ގޭންގުތަކުން ހަވާލުކުރާ ކަންކަން ކުރުމެވެ! އެކި ގިންތީގެ މީހުން ކައިރިން ލިބޭ މައުލޫމާތު އެއްކުރަމުން، ފުލުސް އޮފީހުންނާއި ކޯޓުތަކުން ލިބެން ހުރި ތަފާތު މައުލޫމާތަށް ބިނާކޮށް މީނާގެ ފޮތް އެކުލަވައިލީއެވެ!
ރޮބޭޓޯ ސަވިއާނޯގެ ކުޅަދާނަ ކަމާއި ޖެހިލުން ކުޑަކަމުގެ ސަބަބުން ލިޔެ ޗާޕުކޮށް ބާޒާރަށް ނެރުނު ފޮތުގެ ކާމިޔާބީގެ ސަބަބުން މިހާރު އޭނާ އުޅެން ޖެހިފައިވަނީ އިނގިރޭސި ލިޔުންތެރިޔާ ސަލްމާން ރުޝްދީ، (އާޔަތުﷲ ޚުމައިނީ 1989 ގައި ނެރުއްވި ފަތުވާ އެއްގެ ސަބަބުން) އެތައް އަހަރަކު އުޅެން ޖެހުނު ގޮތަށް ހަށިފާރަވެރިންގެ ޓީމެއްގެ ހިމާޔަތުގައެވެ. ރޮބޭޓޯ ސަވިއާނޯ އުޅެން ޖެހިފައިވާ ބިރުވެރިކަމަށް އިޝާރަތް ކޮށް ސަލްމާން ރުޝްދީ ބުންޏެވެ. ” މިހާރު ރޮބޭޓޯ ސަވިއާނޯއަށް ދިމާވެފައިވާ ނުރައްކަލަކީ އަހަންނާ ދިމާވި ކަންކަމަށްވުރެ މާ ނުރައްކާ ކަމެކެވެ. ރޮބޭޓޯ ސަވިއާނޯ އެހުރީ ވަރަށް ބިރުވެރިކަމެއްގެ ތެރޭގައެވެ!”
ޖަލުގެ ގޮޅިއެއްގައި ހުރެގެން ގޭންގުތައް ހިންގާ އިސްވެރިޔާ، ފްރެންސިސްކޯ ޗިއަވޯނެ ދާދި ފަހުން ބުނީ ” ހުވަފެނެއްގައި މި އުޅޭ މީހާ މިހާރު މައިތިރިކޮށްލަން އެބަ ޖެހޭ” ކަމުގައެވެ. ނަމަވެސް ބިރުކުޑަ ލިޔުންތެރިޔާ ދެކޭ ގޮތުގައި އޭނާއަކަށް ދެން މަޑުން ހުރެވޭކަށް ނެތެވެ. މިހާރުވެސް މާފިޔާ ގޭންގުތަކުގެ ލައްކަ ވާހަކަ ލިޔެވިއްޖެއެވެ. އަދި އެކަމުގެ ސަބަބުން ގާތް ތިމާގެ މީހުންނާއި، ރަހުމަތްތެރިންނާ އެކީގައި އުޅެވޭކަށް ނެތެވެ. އަނެއްކަމަކީ ފިލައިގެން އުޅެން ޖެހޭތީ އެހެން ފޮތެއް ލިޔުމަށް ބޭނުންވާ މައުލޫމާތު އެއްކުރަންވެސް ދަތިކަމެވެ!
ޒުވާން ލިޔުންތެރިޔާ ބުނާ ގޮތުގައި ” އަހަރެން ލިޔުނު ފޮތުގައިވާ މައުލޫމާތަކީ ލައްކަ ދުވަހުން އެއްކުރި ހަގީގަތެވެ. އެކަމަށް މާފަށް އެދި އެ ނުލަފާ މީހުންގެ ކުރިމަތީގައި އިސްޖަހާކަށް ބޭނުމެއްނޫނެވެ. އެމީހުންނަކީ ނުމީހުންނެވެ. އެމީހުންގެ ވިސްނުމާއި ކުރާ ކަންކަމާއި އުޅޭ ގޮތް އަހަރެން ނަފުރަތު ކުރަމެވެ.” މިހާ ހަރުކަށި އިބާރާތް ތަކުން ވާހަކަ ދައްކާފައިވާތީ، މީނާގެ ފަރާތުން ޖެހިލުންވުމުގެ ކަމެއް ނުފެންނާނެއެވެ. ވީމާ، މި ހިތްވަރުގަދަ ލިޔުންތެރިޔާ މިހާރު އުޅެން ޖެހިފައިވަނީ ސިފައިންގެ މަރުކަޒެއްގެ ތެރޭަގައި ހުރި ރައްކާތެރި ގެއެއްގައެވެ! ބޭރަށް ދެވެނީ ހަށިފާރަވެރިންގެ ފަސް މީހުންނާއެކުގައެވެ!
މިހެން އުޅެން ޖެހިފައިވާތީ އެކަމާ ވަރަށް ހިތްހަމަ ނުޖެހި، ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. ” ގޭންގުތައް ހިންގާ އިސްވެރިޔާ، ފްރެންސިސްކޯ ޗިއަވޯނެ އެހުރީ ޖަލުގައެވެ. އޭނާ ބަލަހައްޓަނީ ފުލުހުންނެވެ. އަހަރެންވެސް މިހާރު މި އުޅެންޖެހިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ. އިހުގައި ޖިޒާމްބަލި ޖެހިފައިވާ މީހުން އެއްފަރާތް ކުރާހެން، އަހަރެން މިހާރު މިހުރީ މުޅި މުޖްތަމައުން އެކަހެރި ކޮށްފައެވެ! އަހަރެން ބޭނުންވީ ވާހަކައެއް ކިޔައިދޭށެވެ. އެއީ އަހަރެންގެ އަވަށުގައި އުޅޭ އަހަރެން އެންމެ ދެކެފަރިތަ ގާތް ތިމާގެމީހުންގެ ދިރިއުޅުމެވެ. އަހަރެން އުފަން ބިމުގެ ކަރުނައެވެ. އަހަރެން އުޅެ ބޮޑުވި ހިސާބުގެ ރައްޔިތުން ފިތިފައިވާލެއް ބޮޑުކަމުގެ ޖަމާއީ އުދާހެވެ. އަހަރެން ހާމަކުރީއެމީހުންގެ ނިކަމެތިކަމެވެ! އަހަރެން މި ހުރީީ އަހަރެންގެ އަމިއްލަ ކާމިޔާބުގެ އަސީރަކަށް ވެފައެވެ. ކާމިޔާބީގެ ނަތީޖާއަކީ، ނުވަތަ އަގަކީ މިއީ ކަމަށްވާނަމަ، އަހަރެން ކާމިޔާބީ އެއް ބޭނުމެއްނޫނެވެ! އަހަރެން ބޭނުމީ ދިރިއުޅޭށެވެ! ބޭނުމީ ދިރިއުޅުމެކެވެ. އަހަރެން ބޭނުމީ ފިނިމޫސުމުގައި އިޓަލީއަށްދޭ ރީތި އަވީގައި ހިނގައިލާށެވެ. ހޫނު މޫސުުމުގައި ވެހޭ ވާރެއާ ތެމޭށެވެ. މަންމަ ބިރުގަންނަވައި ނުލައި މަންމަކައިރިއަށް ގޮސް އުޅޭށެވެ! އަހަރެން އަދިވެސް ބެނުން އެހެން ކަމަކީ، މޭޒެއްގެ ވަށައިގެން އަހަރެންގެ އެންމެ ގާތް ރަހުމަތްތެރީންނާއި އެކީ ކައި ބޮއި ސަމާސާކޮށް އުޅޭށެވެ. އެހެން ތިބޭއިރު އެހެންމީހެއްގެ ވާހަކަ ދައްކާށެވެ. އަހަރެންގެ ވާހަކަ ދައްކައި ދައްކައި ފޫހިވެއްޖެއެވެ. ހީވަނީ އަހަންނަކީ މަރުބަލީގައި އޮތް މީހެއް ހެންނެވެ! އަހަންނަށް މިވީ އަދި އެންމެ ސަތިރީސް އަހަރެވެ! “