މިރޭ ދަންވަރު 2:00 އަށްފަހު ރީރަޖިސްޓްރީއަށް އިތުރު ފުރުސަތު ނުލިބޭނެ: އީސީ

އެޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމަށް ކިޔު ނަމްބަރު ނަގައިފައިވާ މީހުންނަށް މިރޭ 2:00 އާ ހަމައަށް އިންތިޚާބާބެހޭ މަރުކަޒު ހުޅުވިފައި ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީން ވަނީ ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް މިރޭ 22:00 އާ ހަމައަށް އިތުރުވެސް ކޮށްދެއްވައިފައެވެ. އެގޮތަށް ނިންމެވީ އެކަމަށް އެދި މީހުން ހުށަހަޅަމުން ދިޔުމުގެ ސަބަބުންނެވެ. ރީރަޖިސްޓްރީ ކުރުމަށް ކިޔު ނަމްނަރު ނަގައިފައިވާ މީހުން ތިބުމުން އެމީހުންނަށް އެންމެ ފަހު ފުރުސަތެއްގެ ގޮތުގައި ވަނީ މިރޭ ދަންވަރު 2:00 އާ ހަމައަށް އިންތިޚާބާ ބެހޭ މަރުކަޒަށް ވަދެވޭނެ ގޮތް ވެސް ހަދައިދީފައެވެ.

އިންތިޚާބާ ބެހޭ މަރުކަޒު ކައިރީގައި ބޮޑު ކިޔޫއެއް ހެދުމަށްފަހު އެމީހުން ބުނަމުން ގެންދަނީ އެތަނަށް އެމީހުން ވައްދަން އީސީން ދެކޮޅު ހަދަމުން ގެންދާ ކަމަށެވެ.

އީސީގެ މެމްނަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނަންޖެހޭނެ ކަމަށާއި މިހާރު ދީފައިވާ ވަގުތަށްވުރެ އިތުރަށް ވަގުތު ދެން ނުދެވޭނެ ކަމަށެވެ. "އަޅުގަނޑުމެންނަށް ވަގުތު އިތުރަށް ދެވިއްޖެ ނޫންތޯ. އުންމީދު ކުރަނީ ކިޔޫ ނަމްބަރު ނަގައިފައިވާ މީހުންގެ ރީރަޖިސްޓްރީގެ ކަންތައް އެވަގުތަށް ނިމޭނެ ކަމަށް. ނިމުނަސް ނުނިމުނަސް ދެން އިތުރަށް ވަގުތު ނުދެވޭނެ،" އަކުރަމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.