މިދިޔަ ސަރުކާރުން 70 މިލިއަން ރުފިޔާއަށް ކުރި ފެނާއި ނަރުދަމާގެ މަސައްކަތް މިސަރުކާރުން 30 މިލިއަން ރުފިޔާއަށް ކުރައްވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ސަޕްލިމެންޓަރީ ބަޖެޓާ ބެހޭގޮތުން މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ފާހަގަ ކުރެއްވީ، ކުރީ ސަރުކާރުން އަގުބޮޑުކޮށް ކުރެއްވި ފެނާ ނަރުދަމާގެ މަސައްކަތް އަގު ހެޔޮކޮށް މި ސަރުކާރަށް ކުރެއްވެމުން ގެންދެވެނީ ދެފުށް ފެންނަ ގޮތަކަށް ޓެންޑަރިން ކަންތައް ގެންދާތީކަމުގައެވެ.
ޕީއެސްއައިޕީގެ ގޮތުގައި މިއަހަރު ހިންގުމަށް ކަނޑައަޅައިފައިވާ މަސައްކަތްތައް އަހަރު ނިމުމުގެ ކުރިން ޓެންޑަރިން މަސައްކަތް ނިމި ޙަވާލު ކުރެއްވޭނެ ކަމުގެ ޔަޤީން ކަން މަޖިލީސް މެމްބަރުންނަށް ފިނޭން މިނިސްޓަރ ދެއްވިއެވެ.
ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި ގިނަ މެމްބަރުން ވަނީ އެމެމްބަރުންގެ ދާއިރާތަކުގައި ޕީއެސްއައިޕީގެ ދަށުން ކުރުމަށް ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވައިފައެވެ. ބަޖެޓަށް އިތުރު ފައިސާ ދިނުމަށް ރުހުން ދެއްވަނީ އެމެމްބަރުންގެ ދާއިރާގައި ކުރައްވަން ހުރި ކަންތައްތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމުގެ އުއްމީދުގައި ކަމަށް އެމޭރުމުން ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވިއެވެ.
ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި ހުށަހަޅުއްވައިފައި ވަނީ 1.7 ބިލިއަން ރުފިޔާ ބަޖެޓެކެވެ. އޭގެ ތެރޭގައި ހަތް މިލިއަން ރުފިޔާއަކީ ހިލޭ އެހީއެވެ. އެއީ ސައުދީ އަރަބިއްޔާ އިން ހިލޭ އެހީގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 618.8 މިލިއަން ރުފިޔާ އާއި އިންޑިޔާ ސަރުކާރުން ދިނުމަށް ނިންމާފައިވާ 100 މިލިއަން ރުފިޔާ ހިމެނެވެ
ބަޖެޓްގައި ޖަހައިފައިވާ އެއްވެސް މަޝްރޫޢެއް ނުފެށި ނުދާނެ ކަމުގެ ޔަޤީން ޕްލޭނިންމިނިސްޓަރ ވެސް މިދިޔަ ޖޫން މަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވައިފައެވެ. އޭރު މި ނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ފެނުގެ ތިން މަޝްރޫޢާއި ބަނދަރު ހެދުމުގެ 14 މަޝްރޫޢާއި ފެނާނަރުދަމާގެ 11 މަޝްރޫޢާއި މަގުހެދުމުގެ ހަތް މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން 41 މަޝްރޫޢުގެ މަޝްވަރާތައް ކޮންޓްރެކްޓަރުންނާ އެކު ކުރިއަށް ދާކަން މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. ޓެންޑަރ މަރުޙަލާގައި 20 މަޝްރޫޢަކާއި ޑޯނަރ ފަންޑިންގެ މަޝްވަރާތަކުގައި 39 މަޝްރޫޢެއްގެ މަސައްކަތް ކުރެވެމުން ދާކަމަށް މިނިސްޓ ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ޖަހައިފައިވާ ގިނަ މަޝްރޫޢުތަކަށް ކަނޑައަޅައިފައި ވަނީ ވަރަށް ކުޑަ ޢަދަދުތަކެއްކަމުގައެވެ. އެހެންކަމުން އަހަރު ކުރީކޮޅު މަސައްކަތް ފަށައިފިނަ ވަކި ހިސާބަކުން ހުއްޓާލަން ޖެހިދާނެތީ އެފަދަ މަސްރޫޠުތައް އަހަރު މެދު ތެރޭގައި ނުވަތަ ފަހު ކޮޅު ފަށާނެކަމަށް މިނިސްޓަރ އަސްލަމް ވެސް ވިދާޅުވިއެވެ.