އަލްޖީރިޔާގައި ބޫތަފްލީޤާއާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

އިއްޔެ އަލްޖީރިޔާގައި މުޒާހަރާކުރި މީހަކު "ފަސްވަނަ ދައުރަކަށް ނޫނެކޭ ..... އަސްކަރީންގެ ވެރިކަމަށް ނޫނެކޭ .... ސުލްހަވެރި ބަދަލަކަށް އާނއެކޭ" ލިޔެފައިވާ ބެނާއެއް ހިފައިގެން

އަލްޖީރިޔާގެ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާ ފަސްވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާތީ އެކަމާ ދެކޮޅަށް އެ ގައުމުގެ އެހި ހިސާބުތަކުގައި އިއްޔެގެ ހުކުރު ނަމާދަށްފަހު ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ. މިއީ އަށް އަހަރު ކުރިން 'އަރަބި ރަބީއު' ފެށުނު ފަހުން އަލްޖީރިގައި ބޭއްވި އެންމެ ވަރުގަދަ މުޒާހަރާތަކެވެ.

މުޒާހަރާތައް އާއްމުކޮށް ސުލްހަވެރި ނަމަވެސް، ހަވީރުވެ މުޒާހަރާކުރާ މީހުން މަދުވި ފަހުން، ވެރިރަށް އަލްޖިޔާސްގައި ރިޔާސީ ގަނޑުވަރު ކައިރީގައި މުޒާހަރާކުރި މީހުންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާފައި ވެއެވެ.

ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ ފިތިބާރުވުމުގެ ހާދިސާއެއްގައި އެކަކު މަރުވެފައި ވެއެވެ. އަލްޖީރިޔާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެއީ އުމުރުން 60 އަހަރުގެ މީހެކެވެ. އަދި އޭނާ މަރުވީ ހާސްވެ ވަރުބަލިވެގެން ވެއްޓުމަށް ފަހުގައެވެ.

ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެއް އުޅުއްވުމަށް ފަހު އެނބުރި ވަޑައިގެން 1999 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި ޢަބްދުލްޢަޒީޒު ބޫތަފްލީޤާ ކާމިޔާބު ހޯއްދެވިއެވެ. ސިފައިންގެ ތާއީދާއެކު އޭނާ ކޮންމެ ގޮތަކުންވެސް ހޮވާނެކަމަށް ބުނެ އެހެން ހުރިހާ ކެންޑިޑޭޓުން ނަން އަނބުރާ ނެގުމުން އިންތިޚާބުގައި ވާދަކުރެއްވީ އޭނާ ގިނިކަންޏާއެވެ. އޭނާއަށް އެފަހަރު %74 ވޯޓު ލިބިވަޑައިގަތެވެ.

ވެރިރަށް އަލްޖިޔާސްގެ އައުދާން މައިދާނާއި، އައްވަލު މާއި މައިދާނުގައި ބޭއްވި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވިއިރު އެމީހުންވަނީ "ސުލްހަވެރި"، "ސުލްހަވެރި" ގޮވައި އަޑުއުފުލާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ޖަހާފައެވެ. އަދި އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.

2013 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގަތުމަށް ބޫތަފްލީޤާގެ ސިއްހީ ހާލުކޮށް މުޅިން ރަނގަޅެއް ނޫނެވެ. އަދި އޭނާގެ ހާލުކޮޅު ދަށްވަމުން ދާކަމުގެ ޚަބަރުތައްވެސް ވަނީ ފެތުރިފައެވެ. ފާއިތުވީ އާދީއްތަ ދުވަހުވެސް އޭނާ ވަނީ "ގަވާއިދުން ހަދާ މެޑިކަލް ޗެކަޕެއް" ހެދުމަށް ސުވިޒަލޭންޑަށް ވަޑައިގެންފައެވެ.

ބޫތަފްލީޤާ ފަސްވަނަ ދައުރަކަށް ވާދަކުރައްވާނެކަން ފާއިތުވި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު އިއުލާންކުރުމާއެކު އޭނާއަށް ދެކޮޅު މުޒާހަރާތައް ވަނީ ފެށިފައެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް މުޒާހަރާތައް ދަނީ ވަރުގަދަވަމުންނެވެ.

މުޒާހަރާތައް ކުރިއަށް ދިޔައަސް، އަދި ވަރުގަދަ ވިޔަސް އޭނާ ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. އަދި މާދަމާ އޭނާގެ ކެންޑިޑޭޓްކަމުގެ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އޭނާގެ ކެމްޕޭން މެނޭޖަރު ޢަބްދުލްމާލިކު ސައްލާލު ވަނީ ވިދާޅުވެފައެވެ.

"އަލްޖީރިޔާގެ އެއްވެސް ރައްޔިތަކު ކެންޑިޑޭޓަކަށް ވުމުން މަހުރޫމުކުރުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވޭ. އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް" ސައްލާލު ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.