އެބަޔަކު ދެކެ  ﷲ ލޯބިވެ ވޮޑިނުގަންނަވާ މީހުން

މި ދުނިޔޭގައި އިންސާނަކަށް ޙާޞިލު ކުރެވޭނޭ އެންމެ ބޮޑު ކާމިޔާބީއަކީ ﷲގެ ލޮބުވެތިކަން އެމީހަކަށް ލިބުމެވެ. މީހަކު ދެކެ ﷲ  ލޯބިވެވޮޑިގެންފިނަމަ އެ މީހަކާއެކު ﷲ ވޮޑިގަންނަވާނެތެވެ. އެ މީހަކާއެކު ﷲ ވޮޑިގެންފި މީހާއަށް ދެ ދުނިޔެ ލިބިއްޖެއެވެ. ހުރިހާ ބާއްޖަވެރިކަމެއް ލިބިއްޖެއެވެ.

ﷲ އެމީހަކު ދެކެ ލޯބިވެ ވޮޑި ނުގަންނަވާ މީހަކީ ފަހެ ކޮބައިބާވައެވެ؟ ﷲގެ ބަސްފުޅުތަކަށް ބަލައިލަމާތޯއެވެ؟ މާތްﷲ ވަޙީ ކުރައްވަނީ ﴿ وَلَا تَعْتَدُوٓا۟  إِنَّ ٱللَّـهَ لَا يُحِبُّ ٱلْمُعْتَدِينَ[1] - މާނައީ : " އަދި ތިޔަބައިމީހުން ޢަދާވަތްތެރި ނުވާށެވެ! ހަމަކަށަވަރުން ޢަދާވަތްތެރިވާ  މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެއެވެ." އިންސާނުންނަށް ގޯނާ ނުކުރާށޭވެ! ނަފްސުގެ ގޯނާއެއްވިޔަސް އެމީހުންގެ މުދަލަކަށް އަރައިގަތުމަކުން ވިޔަސް، އެމީހުންގެ އަބުރަށާއި، އެމީހުންގެ ޢިއްޒަތްތެރިކަމަށް އަރައިގަތުން ފަދަ ކަމަކުން ވިޔަސް އިންސާނާއަށް ޢަދާވަތްތެރި ނުވާށެވެ! އެއީ ﷲ ލޯބިވެ ވޮޑިގެންވާ ކަމެއް ނޫނެވެ.

އަނިޔާވެރިން

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެންމެ ބޮޑަށް ލޯބިވެ ވޮޑިނުގަންނަވާ ކަމަކީ އަނިޔާވެރިވުމެވެ. މާތްﷲ ވަޙީ ކުރައްވަނީ  ﴿ وَٱللَّـهُ لَا يُحِبُّ ٱلظَّـٰلِمِينَ [2] -މާނައީ:"އަނިޔާވެރިންދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެތެވެ. "  ލުޤްމާނުލް ޙަކީމު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވީ " ﴿ يَـٰبُنَىَّ لَا تُشْرِكْ بِٱللَّـهِ  إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ[3] - މާނައީ : " އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. "

މާތް ﷲ އަޅުގަނޑުމެންނަށް އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމަށް އެންގެވީ  އަޅުގަނޑުމެންގެ ހުރިހާކަމެއް އެކަލާނގެ ކުޅަދުންވަންތަކަމުގެ ބާރުގެ ދަށުގައި ވާތީއެވެ. އެކަލާނގެއަށް އަޅުކަން ކުރުމުން އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭނެތީއެވެ. އަޅުގަނޑުމެންގެ ޙަޔާތާއި މަރު އެކަލާނގެ ޤުދްރަތްފުޅުގެ ބާރުގެ ދަށުގައި ވާތީއެވެ. އަޅުގަނޑުމެންގެ ރިޒްޤާއި ، އަޅުގަނޑުމެންގެ ބާއްޖަވެރިކަމާއި، އަޅުގަނޑުމެންގެ އަނބިދަރީން ވަނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައެވެ. އެހެންކަމުން މި ކުޅަދުންވަންތަކަމުގައި އެކަލާނގެއާ  އެހެން ފަރާތެއް ބައިވެރި ކުރުމަކީ އަނިޔާވެރިވުމެކެވެ. މާތް ﷲ އަނިޔާވެރީން ދެކެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ. އެކަލާނގެއާ ޝަރީކު ކުރުމަކީ އެންމެ ބޮޑު ފާފައެވެ. މާތްﷲ ވަޙީ ކުރައްވަނީ ﴿ إِنَّ ٱللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ  وَمَن يُشْرِكْ بِٱللَّـهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا [4] - މާނައީ : " ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ. "

އިސްރާފު ކުރާ މީހުން

ﷲ ލޯބިވެ ވޮޑިނުގަންވާ މީހުންގެ ތެރޭގައި އިސްރާފުކުރާމީހުން ވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ ﴿ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ[5] މާނައީ : " އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." އިސްރާފު ކުރުމަކީ ހަމައެކަނި ފައިސާއާއި ކާބޯތަކެތިން އިސްރާފު ކުރުމެއް ނޫނެވެ. އިސްރާފު ކުރުމުގެ ތެރޭގައި ތިމާއަށް ލިބިފައިވާ ވަގުތު ބޭކާރުގޮތުގައި ހޭދަކުރުން ވެއެވެ. ތިބާ އަދާކުރަންޖެހޭ ވާޖިބުތައް އެއްފަރާތްކޮށްފައި ތިބާގެ ވަގުތުތައް ޗެޓްކުރުމުގައި ހޭދަކުރުމަކީ ހަމަ އިސްރާފެވެ. ތިބާގެ ގާތަށް ޚިދްމަތް ހޯދުމަށް އަންނަ މީހުންނަށް ޚިދްމަތްނުކޮށް، ނުވަތަ ތިބާ އޮފީހުގައި ކުރަން ޖެހޭ މަސައްކަތްތައް ބަހައްޓާފައި ރަށްޓެހީންނާއެކު ފޯނުން ވާހަކަދައްކަން އިނުމަކީ ހަމަ އިސްރާފުކުރުމެވެ. ތިބާ ކިޔަވާދޭން ޖެހޭ ގަޑިއަށް ފަރުވާ ނުބަހައްޓާ ގަޑީގެ ތެރޭގައި ވަގުތު ނަގައިލުމަކީ ވެސް ހަމަ އިސްރާފެވެ.

އުފާކުރާ މީހުން

ﷲ ލޯބިވެ ވޮޑިނުގަންނަވާ މީހުންގެ ތެރޭގައި  އުފާ ކުރާމީހުން ވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ ﴿ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ﴾[6] - މާނައީ : " ހަމަކަށަވަރުން، އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. " މާތްﷲ ތިބާއަށް ތަނަވަސްކަން ދެއްވުމުން އެކަމަށް ބޮޑާވެ އުފާ ނުކުރާށެވެ! ތަނަވަސްކަމަކީ ތިބާ އުރެދުންތަކަށް ހުށައަޅައިފާނެ ކަމެކެވެ. ތިބާ ބޮޑާ ކުރުވައިފާނެ ކަމެކެވެ. ﷲ ތިބާއަށް ދެއްވި ދަރުމަވަންތަކަމަކަށް ޓަކައި އުފާކުރުން މަނައެއް ނުކުރައްވަތެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. " ﴿ قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا[7] މާނައީ : " ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة އަށްޓަކައި ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! "

މާތްﷲ މުއުމިނުން ކަމުގައި ލެއްވީތީ އެކަމާމެދު އުފާކުރަންވީއެވެ. މާތް ﷲ  އެންގެވިގޮތަށް ތެދުމަގުގައި އުޅެވޭތީ އެކަމާ މެދު  އުފާ ކުރަންވީއެވެ. މާތް ﷲ  ދެއްވި ތަނަވަސްކަމުން އެކަލާނގެ އެންގެވިގޮތަށް ހޭދަ ކުރެވޭނަމަ އެކަމާމެދު އުފާކުރަންވީއެވެ. މާތްﷲ އެންގެވި ގޮތަށް ފަރްޟު ފަސް ނަމާދުކޮށް ރޯދަ ހިފޭތީ އުފާކުރަންވީއެވެ.

ﷲ ލޯބިވެ ވޮޑިނުގަންނަވާ މީހުންގެ ތެރޭގައި ޚިޔާނަތްތެރިން ވެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ ﴿ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ خَوَّانًا أَثِيمًا[8] - މާނައީ : " ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. " ﷲ ގަންދީ ހުވާކޮށްގެން ޚިދްމަތްދޭ މީހުން އެމީހުންގެ ވާޖިބުތައް އަދާ ނުކުރާނަމަ އެއީ ޚިޔާނަތްތެރިވުމެވެ. ޑަކްޓަރުންނާއި ޤާނޫނީ ވަކީލުން ފަދަ މީހުންނަކީ ﷲ ގަންދީ ހުވާއެއް ކޮށްގެން ޚިދްމަތް ދޭ  ބަޔެކެވެ. ޑަކްޓަރުން ބަލިމީހުންގެ ޙައްޤުތައް ، ވަކީލުން ޢަދްލުއިންސާފުގެ ޙައްޤުތައް އަދާނުކުރާނަމަ  އެއީ ޚާއިނުންނެވެ. ޚިޔާނަތްތެރީންގެ ރޭވުންތަކަށް ﷲ ބައްލަވައި ވޮޑިގެންވެތެވެ. މާތް ﷲ ވަޙީ ކުރައްވަނީ ﴿ وَأَنَّ اللَّهَ لَا يَهْدِي كَيْدَ الْخَائِنِينَ[9] - މާނައީ : " އަދި خيانة ތެރިންގެ މަކަރުވެރި ރޭވުން اللَّه ފަހިކޮށް ނުދެއްވާނެއެވެ. " މި ބަސްފުޅުން އެނގޭގޮތުގައި ޚިޔާނަތްތެރީންގެ ރޭވުންތައް ކިތަންމެ މޮޅުކަމުގައި ވިޔަސް މާތް ﷲ އެމީހުން ބޭޒާރު ކުރައްވާނެ ދުވަހެއް އަންނާނެތެވެ.

ބޮޑާމީހުން

ﷲ ލޯބިވެވޮޑިނުގަންނަވާ މީހުންގެ ތެރޭގައި  ބޮޑާމީހުން ހިމެނެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ ﴿ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا  إِنَّ ٱللَّـهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ﴾ [10]- މާނައީ : " އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. " އިންސާނާ ބޮޑާވާންވީ ކޮން ކަމަކާ ބާވައެވެ! އެންމެ ސިކުންތެއްގެ ތެރޭގައި ގަނޑުވަރުގެ ވެރިޔާ ކަށްވަޅުގެ މެހެމާނަކަށް ބަދަލުވެދާނެއެވެ. އިންސާނެއްގެ ސިކުނޑީގެ ނާރެއްގެ ތެރޭގައި އަފުނޯސްކަށްޓެއްގެ ލޭފޮދެއްގެ މިންވަރު ގަނޑުވިޔަސް އެ މީހަކު ވާވެދާނެއެވެ.ނުވަތަ ކަނުވެދާނެއެވެ. ނުވަތަ މޮޔަވެދާނެއެވެ. އެހެން ވީމާ ބޮޑާ ވާންވީ ކޮންކަމާ ހެދި ތޯއެވެ؟ މި ވަގުތު މިލިޔަނޭރެކޭ ބުނެވޭ މީހާ ހިނދުކޮޅެއް ފަހުން ސަލާން ޖަހަން ޖެހޭ މީހަކަށް ވެދާނެއެވެ.  ބޮޑާ ނުވާށެވެ. ﷲއަށް ޓަކައި ތަވާޟުޢުވެރި ވާށެވެ! އޭރުން ތިބާ ޢިއްޒަތްތެރި ކުރައްވާނެއެވެ.

ﷲދެކެ ލޯބިވެވޭނީ

ﷲ އަޅަމެން ދެކެ ލޯބިވާ ބަޔަކަށް ވެވޭނީ ﷲއާއެކު ޞުލްޙަވެގެންނެވެ. ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަން ގަނެގެންނެވެ.ފާފަތަކަށް އަރައިގަތުމާ ދުރުހެލިވެގެންނެވެ. މާތްﷲ ރުއްސުން ލެއްވި މި އުއްމަތުގެ ޞާލިޙު ސަލަފުން އެއިން ބޭކަލަކަށް ބަލާވެރިކަމެއް ނުވަތަ ބަދު ނަޞީބު ކަމެއް ކުރިމަތިވެ ވަޑައިގެންފި ނަމަ ، އެކަމުގެ މަލާމަތް އެހެން ފަރާތަކަށް ރައްދެއް ނުކުރައްވައެވެ. އެ ކަމުގެ ބަދުނާމު ރައްދު ކުރައްވަނީ އެ ބޭކަލެއްގެ އަމިއްލަ ނަފްސަށެވެ. އެބޭކަލުން  އަވަސްވެ ވަޑައިގަންނަވާނީ ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ވަޑައިގަތުމަށެވެ. ފާފަ ފުއްސަވާ ދެއްވާތޯ ތައުބާގެ ދޮރުކޮޅުގައި ޓަކި ޖައްސަވާށެވެ.

[1]  -  البقرة :190

[2]  - آل عمران: 140

[3]  - لقمان: 13

[4] -  النساء : 48

[5]  - الأعراف: 31

[6]  - القصص:76

[7]  - يونس: 58

[8]  - النساء : 107

[9]  - يوسف: 52

[10]  - لقمان: 18

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.