
މާލެއަތޮޅު ހުރާއިން ފުރައިގެން ޕެރަޑައިސް އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގެ އިންޖީން ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއާރުއެސް) އިން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.
"އޯކިޑް 40" ނަމަކަށްކިޔާ 90 ފޫޓުގެ މި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:50 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ފަޔަރ ފައިޓަރުންގެ ޓީމެއް ލޯންޗު އޮތް ސަރަހައްދަށް ދިޔައެވެ.
ފަޔަރ ފައިޓަރުންގެ އެހީތެރިކަމާއެކު ލޯންޗުގައި ރޯވެފައިވާ އަލިފާން ނިއްވާ، ބެލިބެލުމުގައި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ލޯންޗުގެ އިންޖީނު ރޫމުގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި ލޯންޗުގެ އިންޖީން ރޫމަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އެކަމަކި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ހާދިސާ ހިނގުމުން ލޯންޗުގައި ތިބި ފަތުރުވެރިން ވަނީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ލޯންޗެއްގައި ވަނީ އެ ރިސޯޓަށް ގެންގޮސްފައެވެ.
ހާދިސާ ހިނގި އިރު ލޯންޗުގައި ހަތަރު ފަޅުވެރިންގެ އިތުރުން ޓުއަރ ގައިޑަކާއެކު 20 ފަތުރުވެރިން ދަތުރުކުރިއެވެ.
a