އަންނަ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސައިފިއެވެ.
ރިޕަބްލިކަން ޕާޓީގެ ގައުމީ ޖަލްސާގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޓްރަމްޕް ރަސްމީކޮށް ހަމަޖައްސާފައި ވާއިރު ރޭގެ ޖަލްސާގައި ވާހަކަދެއްކި ފަރާތްތައް ވަނީ ޓްރަމްޕް އަށް ތަޢުރީފްކޮށް ވާހަކަދައްކާފައެވެ.
ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނުގައި ޓްރަމްޕުގެ ދަރިކަލުން އެރިކް އާއި އޭނާގެ އަންހެނުން ވަނެސާ އަދި ޓްރަމްޕުގެ އަންހެން ދަރިކަލުން އިވަންކާ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ އަށް ރިޕަބްލިކަންގެ ޓިކެޓް ލިބުމަކީ ތާރީޚީ ކަމެއް ކަމަށެވެ.
ރޭގެ ޖަލްސާގައި ޓަރމްޕްގެ ދަރިފުޅު ޓިފަނީ ވިދާޅުވީ ޓްރަމްޕް އަކީ މީހުންގެ އެންމެ ފުރިހަމަ ހުނަރު ނެރެދިނުމަށް މަސައްކަތް ކުރާ ވޭފުޅެއް ކަމަށެވެ.
ޕާޓީގެ ޕްރައިމަރީ ޓްރަމްޕް ކާމިޔާބު ކުރެއްވީ މީގެ ދެ މަސް ކުރިން ނެވެ. ނަމަވެސް ޓްރަމްޕާ ދެކޮޅު ފަރާތްތަކުން ދިޔައީ ރިޔާސީ ޓިކެޓަށް ހުރަސް އަޅާ ގޮތެއް ނިންމާނީ ގައުމީ ޖަލްސާ އިން ކަމަށް ބުނަމުންނެވެ. ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޓްރަމްޕް ހަމަޖެހުމުން އެކަމާ ހިތްހަމަ ނުޖެހިގެން ބައެއް ޑެލިގޭޓުން ވަނީ ބައްދަލުވުމުން ނުކުމެފައެވެ. މީގެ އިތުރުން ، ވޮޝިންޓަނުގެ ޑެލިގޭޓް ޓެރީ ގަލްވޭޒް ފާޅުގައި ވަނީ ޓްރަމްޕަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ޖޯޖް ބުޝް ފަދަ ބޭފުޅުން ވަނީ ރޭގެ ޖަލްސަ ބޮއިކޮޓް ވެސް ކުރައްވާފައެވެ.