
ޢާއްމުންގެ ކުރިމަތީގައި ޕީޕީއެމްގެ ތަސައްވަރު ކިލަނބުވެފައިވާތީ އެޕާޓީގެ ރައީސް މައުމޫން އިސްލާޙީ ޕްރޮގްރާމެއް ފައްޓަވައިފިއެވެ. ކުރީގެ ރައީސް މައުމޫން މިކަން ހާމަކުރައްވާފައިވަނީ ޕީޕީއެމް އޮފީހުގައި ރޭ ބެއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލވުމުގައެވެ.
ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވީ، ޕީޕީއެމްގެ ބައެއް މެމްބަރުންގެ ޢަމަލުތަކުގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް އަދި ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށެވެ. އެގޮތުން ޕާލަމެންޓްރީ ގްރޫޕުގެ ބޭފުޅުން އެމަނިކުފާނަށް ސިއްރުން ޤާނޫނުއަސާސީއާއި، ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ނެގެސްފައިވާއިރު، އޭގެސަބަބުން ޤައުމާއި ރައްޔިތުންނަށް ބޮޑެތި ގެއްލުން ވަމުންދާކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
އިއުލާނު ނުކޮށް ފަޅު ރަށްރަށާއި ފަޅުތަށް ކުށްޔަށްދެވޭ ގޮތަށް ޓޫރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްކުރުމަކީ، ވެސް މިފަދަ ކަންކަމުގެ ތެރެއިން ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފަށް ގައުމަށް ގެއްލުން ހުރިގޮތަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ކޮށްފައިވާ ކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ ޕާޓީގެ މަސައްކަތް ހުއްޓި، ޑިމޮކްރެޓި އުސޫލުތަކާ ދުރަށް ޕާޓީދާކަމުގެ ކަންބޮޑުވުން ގިނަބަޔަކު ފާޅުކުރައްވާފައިވާކަމަށާ، އެކަން ޙައްލުކޮށް އިސްލާޙުކުރުމުގެ މަސައްކަތްޕުޅު މިހަރު އެމަނިކުފާނު ފައްޓަވާފައިވާކަމަށެވެ. އަދި މިކަމުގައި ވަރަށް ސާބިތުކަމާއެކު އެމަނިކުފާނު ދެމިހުންނަވާނެކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.