މި އަހަރުގެ ދިރާސީ އާ އަހަރަކީ ދަރުވަރުންގެ ކުރިއެރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ފެށިގެންދާނެ އަހަރެއް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވެފައިވަނީ ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މި މެސުޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މިއަހަރު ފެށިގެންދާނެ ބައެއް ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެންނެވެ. އަދި މިއިން ކޮންމެ ޕްރޮގްރާމަކީ ވެސް ދަރިވަރުންގެ ކުރިއެރުމަށް ސަމާލުކަން ދެވިގެން ދަރިވަރުންގެ ލާބަ އާއި މަންފާއަށް ރާވާލެވިފައިވާ ޕްރޮގްރާމްތަކެއްކަން ވެސް ވަނީ ފާހގަކުރައްވާފައެވެ. އަދި އޭގެ ތެރެއިން ބައެއް ޕްރޮގްރާމްތައް ދިރާސީ އާ އަހަރާއެކު ފެށިގެންދާކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރުގެ މެސެޖުގައި ރާއްޖޭގެ ހުރިހާ ދަރުވަރުންނާއި މުދައްރިސުންނާއި ސްކޫލްތަކުގެ މުއައްޒަފުންނާއި ބެލެނިވެރީންނަށް ތަހުނިޔާ ފޮނުއްވިއެވެ. އަދި މިއަހަރަކީ ދަރިވަރުންނަށް ފާގަތި ކުރިއެރުން ލިބޭ އަހަރެއްކަމުގައި މާތް ﷲ މިންވަރު ކުރެއްވުން އެދޭ ކަމަށާއި ދަރިވަރުންގެ ލާބަ އާއި މަންފާއަށް ސްކޫލުތަކުގެ މުއްޒަފުންނާއި ތަޢުލީމީ ދާއިރާގެ ހުރިހާ މުއައްޒަފުން ކުރައްވާ ބުރަ މަސައްކަތުގައި ބަރަކާތްލެއްވުން އެދޭ ކަމަށެވެ.
އެކަމަނާ ވަނީ ސޯޝަލްމީޑިއާގައި ވެސް ދަރިވަރުންނާއި މުދައްރުސުންނަށް ޚާއްޞަ މެސެޖެއް ޙިއްސާކުރައްވާފައެވެ. މި މެސެޖުގައި އެކަމަނާ ވިދާޅުވީ "މާޒީގެ ތަޖުރިބާތަކުން ޢިބްރަތް ލިލބިގެން، އުއްމީދާއި ޔަޤީންކމާއެކު މުސްތަޣްބަލް އުފްދާނެ" ކަމަށާއި، "ކުރަންޖެހޭ ކަންތައްތައް ކުރުމުން- ކުރެވިދާނެ ކަންތައްތައް ކުރުމުން- ނުކުރެވޭ ކަންތަައްތަކަކީ ވެސް ކުރެވިދާނެ ކަންތައްތަކަށްވެއެވެ". އަދި މުސްތަޤބަލަށް ވެވޭނެ އެންމެ ބޮޑޫ ތައްޔާރީ އަކީ މިއަދު ކުރެވެން ހުރި ހުރިހާ ކަމެއް ދޭރިޔާވިޔަނުދީ އެންމެ ފުރިހަމަ ގޮތުގައި ކުރުން ކަމުގައި ވިދާޅުވެފައިވެއެވެ.
— Aishath Ali (@aisthly) January 13, 2019