"އިހު ޒަމާނުގެ މުފައްކިރުން ނަކީ ބޭންކުގައި ބޭނުންވާ ވަރަށް ފައިސާ ނެތީސް ޗެކު ދޫކުރި ބައެކޭ ބުނެވިދާނެ އެވެ. އެ މީހުން ލަފުޒުތައް ބޭނުން ކޮށްފައި ވަނީ އެ ލަފުޒުތައް ޙިމާޔަތް ކުރާނޭ "ނަގުދު" ނެތިއެވެ. ހިނގާފައިވާ ކަންތައްތަކަށް ބަލާ އިރު އެ މީހުންގެ ލަފުޒުތަކަށް "ނަގުދު އަގު" ދޭން އެ މީހުން ވަނީ ނުކުޅެދިފަ އެވެ.
"ހުރިހައި ކަމަށް ކުޅަދުންވަންތަ، އުފެދުމެއް، ފަނާ ވުމެއް ނެތް ފަރާތް ވަނީ ހެދި ބޮޑުވުން ނުވަތަ ތަރައްޤީ ވުމުގެ ބާރު ނެތިފައެވެ." ބަހުގެ ޤަވާޢިދު ތަކަށް ބަލާ އިރު މިއީ ރަނގަޅު ޖުމްލަ އެކެވެ. އެހެން ނަމަވެސް މިއީ ބޭންކުގައި ފައިސާ ނެތި ދޫކޮށްފައިވާ ޗެކެއް ފަދަ ޖުމްލަ އެކެވެ. މި ޖުމްލަ އަކީ ނަގުދަށް ބަދަލު ކުރެވޭނޭ ޖުމްލައެއް ނޫނެވެ."
"ރިލިޖަން އެންޑް ސައިންޓިފިކް އައުޓްލުކް" މި ނަން ކިޔާ ފޮތުގެ 20 ވަނަ ޞަފްޙާގައި ޓީ. އާރް. މައިލްސް ލިޔެފައިވާ މި ޢިބާރާތް ތަކުން ދޭހަވާ ގޮތުގައި ދީނަކީ ހަމައެކަނި އީމާންވާ މީހުންނަށްޓަކައި އޮތް އެއްޗެކެވެ. ދީނުގެ ވާހަކަތައް ބިނާ ވެފައި ވަނީ ސާބިތު ކުރެވޭ ކަހަލަ ވާހަކަ ތަކެއްގެ މައްޗަކަށް ނޫނެވެ. އެ ވާހަކަތައް ޤަބޫލު ކުރެވޭނީ މި ދެންނެވުނު އީމާން ކަމުގެ ދާއިރާއިން ބޭރުގައި އެ ކަންތައްތައް ނުވަތަ އެ ވާހަކަތައް ސާބިތު ކުރެވޭ ގޮތް ވީމައެވެ. މި ބަޔާނުން (އޭނާ) ސާބިތުކޮށް ދޭން އުޅެނީ މި ޒަމާނުގެ ޢިލްމީ (ސައިންޓިފިކް) ޙަޤީޤަތްތައް ހޯދިފައިވާ ގޮތާއި، މީސްތަކުން ދީން ޤަބޫލު ކުރަން މެދުވެރި ވެފައިވާ ސަބަބުތަކާ މުޅިން ތަފާތު ކަމަށެވެ. އެކަމަކު މިއީ ހަމައެކަނި ބޭރު ފުށުން ފެންނާން އޮންނަ ގޮތެވެ. ބުއްދީގެ ހަމަ ތަކާއި، ތާރީޚީ ހެކިތަކަށް ވިސްނާ އިރު މިއީ އެއްގޮތަކަށްވެސް ރަނގަޅު ވާހަކަ އަކަށް ނުވެއެވެ. މިސާލަކަށް "ގެލަކްސީ އަކީ ރިހި ކުލައިގެ ވިލައެއް ނޫނެވެ. އެއީ ވަކި ވަކިން ހުންނަ ތަރި ތަކެކެވެ." މި ޖުމްލަ ފުރަތަމަ ބަޔަކު ޤަބޫލު ކުރާނީ ހިތުގައި އޮންނަ އިތުބާރެއް ނުވަތަ އީމާން ކަމެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް މި ޖުމްލަ ބޭނުން ކުރި މީހާ ނުވަތަ ދަޢުވާ އުފުލި މީހާ ބޮޑު ދުރުމީއަކުން މީހުންނަށް މި ޙަޤީޤަތް ދެއްކީމާ ފުރަތަމަ އީމާންކަމުގެ ގޮތުގައި އޮތް ކަމެއް ހުރިހައި އެންމެންނަށް ބަލައި ހެދޭނޭ ޙަޤީޤަތަކަށް ބަދަލު ވެގެން ހިނގައިދެއެވެ.
ހަމައެހެންމެ ފެނުގައި މައިކްރޯ އޯގަނިޒަމް ހުންނަ ކަމަށް ޤަބޫލު ކުރަންވީތޯ ނުވަތަ ނުކުރަންވީތޯ ކުރެވޭ ސުވާލަށްވެސް ހަމަ މި ބީދައިން ޖަވާބު ދެވިދާނެއެވެ. މައިކްރޮސްކޯޕެއްގެ އެހީގައި ފެން ތިތްކެއް ބަލައިލީމާ އެ ބުނާ މައިކްރޯ އޯގަނިޒަމް އެބަހުރިކަން އެނގިދެއެވެ.
ދީނުގެ ހަމަތަކަކީ މާއްދީ އެއްވެސް ވަސީލަތަކުން ސާބިތުކޮށް ދެއްކޭނޭ އެއްޗަކަށް ނުވާތީ ބުއްދީގެ އެއްވެސް ހަމަޔަކަށް ރިޢާޔަތް ނުކޮށް އެއީ އެއްވެސް ބިންގަލެއް ނެތް ދަޢުވާއެއް ކަމަށް ނިންމާލަނީއެވެ. ޢަޤީދާ އަކީ ހަމައެކަނި އީމާން ކަމެއްގެ ސަބަބުން ހިތުގައި އުފެދޭ ޝުޢޫރު ތަކެއް ކަމަށް ބުނަނީއެވެ.
މި ތުހުމަތުގައި ބުނާ ގޮތުން ނަމަ އެއްޗެއްގެ ވުޖޫދު ސާބިތު ކުރެވެން އޮންނަ ހަމައެކަނި ގޮތަކީ އެ އެއްޗެއް ލޮލަށް ފެނުމެވެ. ދުނިޔެ އަކީ ވަށް އެއްޗެކެވެ. މިއީ ވަރަށް ގިނައިން އަޑު އިވޭ ޖުމްލަ އެކެވެ. އެކަމަކު އަޅުގަނޑުމެންގެ ވަށައިގެން ފެންނާން ހުރި އެއްވެސް އެއްޗަކުން މި ކަމެއް ސާބިތެއް ނުވެއެވެ. މި ވާހަކަ އަކީ މާ ކުރީއްސުރެ އަޑު އިވި އިވި ޤަބޫލު ކުރެވިފައިވާ ވާހަކަ އެކެވެ. މި ކަމުގެ ހެކި އަޅުގަނޑުމެންނަށް ފެނުނީ ވިހި ވަނަ ޤަރުނުގެ ތެރޭގައި ސެޓަލައިޓް ތަކުންނާއި، ޖައްވީ އުޅަނދު ތަކުން ނަގާފައިވާ ފޮޓޯ ތަކުންނެވެ. އެހެން ނަމަވެސް މި ފޮޓޯތައް ފެނި ދުނިޔެއަކީ ވަށް އެއްޗެއް ކަން ސާބިތު ވުމުގެ މާ ކުރިން އިންސާނުން ވަނީ އެ ކަން ޤަބޫލު ކޮށްފައެވެ.
އިލެކްޓްރޯން އަކީ ލޮލަކަށް ފެންނަ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ހައްދަވާފައިވާ އެއްޗެކެވެ. މި ޖުމްލަ އަކީވެސް ހަމަ ކުރިން ދެންނެވި ފަދަ ޖުމްލަ އެކެވެ. އެހެނީ އިލެކްޓްރޯން އަކީ ހުންނަ އެއްޗެއްކަން ލޮލަށް ފެނިގެން ޤަބޫލު ކުރެވޭނޭ އެއްވެސް ގޮތެއް ނެތެވެ. ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު އާލާތުގެ ބޭނުން ކޮށްގެންވެސް އިލެކްޓްރޯން ފެންނަ ގޮތެއް ނުވެއެވެ. އިލެކްޓްރޯން އަކީ ކުޑަ ކަމުން އޭގެ ބަރުދަން ބެލޭ ވަރުގެ އެއްޗަކަށް ނުވެއެވެ. އަދި މައިކްރޮސްކޯޕަކުން ބެލޭ ވަރުގެ އެއްޗަކަށްވެސް ނުވެއެވެ. އިލެކްޓްރޯން ބަލަން ކުރާ މަސައްކަތަކީ އޭގެ ޚާޞިއްޔަތު ހަލާކު ކުރުން ކަމަށް ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް ޢިލްމުގެ (ސައިންސްގެ) ދުނިޔޭގައި އިލެކްޓްރޯން އަކީ ހުންނަ އެއްޗެއް ކަމަށް ޤަބޫލު ނުކުރާ އެކަކުވެސް ނޫޅެއެވެ. އެއީ ކީއްވެގެންތޯއެވެ؟ ސަބަބަކީ އިލެކްޓްރޯންގެ ސަބަބުން މެދުވެރިވާ ކަންތައްތައް ފެންނާން ހުރުމެވެ. މި ދަންނަވާ ކަންތައްތައް ސާބިތު ކުރަން އިލެކްޓްރޯން ގެ ވުޖޫދު ފިޔަވައި އެހެން ހެއްކެއް ނެތެވެ. ސައިންސްވެރިން ގިނަ ކަންތައްތައް ސާބިތު ކޮށްފައި ވަނީ މި ދެންނެވުނު ފަދަ ނުސީދާ ހޯދުމަކުންނެވެ. ނިއުކްލިއަރ ސައިންސް ގެ ގިނަ ކަންތައްތައް ޢާއްމުން ޤަބޫލު ކޮށްފައި ވަނީވެސް މި އުސޫލުގެ މަތިންނެވެ. ކަން މިހެން ހުރި އިރު ދީނީ ކަންތައްތައް ސާބިތު ކުރަން މި އުސޫލު ގެ ބޭނުން ކުރަން ސައިންސްވެރިން ނުރުހެނީ ކީއްވެގެންތޯއެވެ؟
ހަމައެކަނި މިއެއް ނޫނެވެ. ޢިލްމީ ހޯދުންތަކުން ދައްކާ ގޮތުގައި މި އުސޫލަކީ އެންމެ ފަހުގެ ނިންމުން ހާމަ ކޮށްދޭ އުސޫލެއްވެސް ނޫނެވެ. މި އުސޫލު ބޭނުން ކޮށްގެން ސާބިތު ވެފައިވާ ގިނަ ކަންތައްތަކަކީ ސައިންސްވެރިންގެ ބަހުރުވައިން ނަމަ ފަންނީ ޙަޤީޤަތް ތަކެކެވެ. އެހެންނަމަވެސް ކާއިނާތުގެ ފުޅާކަމާއި، ސިއްރުތަކުގެ ފުންކަން ވަނީ އެއަށް ވުރެ މާ މަތީ ފެންވަރެއްގައެވެ. ކުރުކޮށް ދަންނަވާ ނަމަ އެންމެ ބޮޑަށް ފާހަގަ ކުރެވޭ ޙަޤީޤަތްތައް ފެށެނީ އެ ބުނާ ފަންނީ ޙަޤީޤަތް ނިމޭ ހިސާބުންނެވެ. މިސާލަކަށް އިންސާނާގެ ހަށިގަނޑުގެ ކަންތައްތައް ތަޙްޤީޤު ކޮށް ހޯދަން ކުރެވޭ މަސައްކަތުގެ ސަބަބުން ވަރަށް ބޭނުންތެރި ކަންތައްތަކެއް އެނގިފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް މި ދެންނެވި ކަންތައްތަކުގެ ފިހުރިސްތުގެ އެންމެ ކުރީގައި އޮންނަނީ އިންސާނާ އުފެދުނު ގޮތާއި، ނިމި ފަަނާ ވެގެންދާ ގޮތެވެ. މި ދެ ކަމުން ކުރެ ކަމަކީ އަޅުގަނޑުމެންގެ ބައިލޮޖީ ނުވަތަ ފިޒިއޮލޮޖީ ގެ ބޭނުން ކޮށްގެން ހޯދޭނޭ ކަމަކަށް ނުވެއެވެ. ހުޅަނގުގެ ސައިންސްވެރިއަކު ބުނެފައިވާ ވާހަކަ މުޅިން ތެދެވެ. އޭނާ ބުނެފައި ވެއެވެ. ހޯދައިގަނެވިދާނޭ ކަންތައްތަކަކީ އެހައި މުހިއްމު ކަންތައްތަކެއް ނޫނެވެ. މުހިއްމީ ހޯދައިނުގަނެވޭނޭ ކަންތައްތަކެވެ.
ކަންތައް ޤަބޫލު ކުރެވޭ ހަމަ ތަކުގެ ލިސްޓަށް މި ޒަމާނުގެ މުފައްކިރުން ވަނީ އެހެން ހަމައެއް އިތުރު ކޮށްފައެވެ. އެއީ އިތުރު އެހެން މަޢުލޫމާތެއް ލިބިފައި ނެތް ނަމަ އަޅުގަނޑުމެންގެ ތަޖުރިބާގެ އެހީގައި ފެންނާން ހުރި ނުވަތަ އިހްސާސް ކުރެވެން ހުރި ކަންތަކުގެ އަލީގައި ސައިންސްވެރިން ހުށަހަޅާ ކަންތައްތައް ޤަބޫލު ކުރުމެވެ. މާނައަކީ ކަމެއްގެ ޙަޤީޤަތް ސީދާ އެނގެން ނެތް ނަމަވެސް ދެއްކޭ ހެއްކަކީ އަޅުގަނޑުމެންގެ ތަޖުރިބާގެ އަލީގައި ކޮންމެވެސް ވަރަކަށް އެނގެން އޮތް ކަމަކަށް ވާ ނަމަ އެ ކަމެއް ޤަބޫލު ކުރަން ވީއެވެ. މި ފަދަ ގޮތަކަށް ޤަބޫލު ކުރެވިފައިވާ ކަމެއްގެ ސީދާ ޙަޤީޤަތް ފަހުން އެނގިއްޖެ ނަމަ އެންމެ ފުރަތަމަ ދެއްކިފައި ހުރި ހެކިތައް މުޅިން ބާޠިލު ވާނެއެވެ. އެކަމަކު މި ހަމައަކީވެސް ދީނީ ކަންތައްތައް ބަލަން ރަނގަޅު ހަމައެއް ކަމަކަށް މި ޒަމާނުގެ ސައިންސްވެރިންނެއް ޤަބޫލެއް ނުކުރެއެވެ. އެ މީހުން ބުނާ ގޮތުގައި ދީނަކީ އެއްވެސް ހަމައަކުން ޙަޤީޤަތް ހޯދެން އޮތް އެއްޗެއް ނޫނެވެ. އެއީ އެއްވެސް ބިންގަލެއް ނެތް ބުހުތާނެކެވެ. އެހެން ނަމަވެސް މި ދެންނެވުނު ހަމަ އަކީ ދީނުގެ ދިފާޢުގައި ބޭނުން ކުރެވިދާނޭ ހަމައެކެވެ. އެކަމަކު މާއްދީ ސަޠުޙުގައި ކަންތައްތައް ހިނގާފައި ވަނީ މިޔާ ދިމާ އިދިކޮޅަށެވެ. ދީނީ ކަންތައްތައް އޮޅުން ފިލުވައިދޭން ހުށަހަޅަނީ މާއްދީ ހެކިތަކެވެ. މި ފަދަ ހެއްކެއް ނެތް ނަމަ ދީނަކީ ބުހުތާނެއް ކަމަށް ކަނޑައަޅަނީއެވެ.
މި ޒަމާނުގައި ދީނާ ދެކޮޅަށް ނެރެގެން އުޅޭ ވާހަކަތައް ވަނީ ބުއްދި ޤަބޫލު ނުކުރާ ކަހަލަ ބިންގަލެއްގެ މަތީގައެވެ. އެއް ވާހަކަ އަނެއް ވާހަކަޔާ ފުށު އަރަނީ މާ ބޮޑަށެވެ. އެއް ކޮޅުން މި ޒަމާނުގެ ޢިލްމުވެރިން ބުނަމުން ދަނީ ދީން ބިނާވެފައި ވަނީ ޢަމަލީ ސިފައެއްގައި ދެއްކޭނޭ ހަމަ ތަކެއްގެ މަތީގައި ނޫން ކަމަށް ވާތީ ޢާއްމުން ދީން ބަލައިގަންނަ ގޮތް ނުވަނީ ކަމަށެވެ. އަނެއް ކޮޅުން ފަލްސަފާވެރިންނާއި، ސައިންސްވެރިން ބުނަމުން ދަނީ ސައިންސްގެ އައު ހޯދުންތަކުގެ ސަބަބުން ދީނީ ޢަޤީދާ އަކީ ތާކުންތާކު ނުޖެހޭ އެއްޗެއް ކަމަށް ވަނީ ސާބިތު ވެފައި ކަމަށެވެ. ވުމާއެކު އެއްވެސް މީހަކަށް އީމާންކަމުގެ މަތީގައި ޤާއިމުވެ ހުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.
މަތިމަތިން ބަލައިލާ އިރު މި ދެ ވާހަކައިގައި ގުޅުމެއް އެބަ ހުއްޓޭ ނުވަތަ މި ދެ ވާހަކަ އަކީ އެއް ވާހަކައެކޭ ހީވެދާނެއެވެ. އެހެން ނަމަވެސް ރަނގަޅަށް ވިސްނުން ހިންގައިލީމާ މި ދެ ވާހަކަ އަކީ މުޅިން ނުގުޅޭ ފުށު އަރާ ދެ ވާހަކައެއްކަން އެނގެއެވެ. އެންމެ ރަނގަޅެވެ. ދީނަކީ ބުއްދީގެ ހަމަތަކުން ބޭރުގައިވާ އެއްޗަކަށް ބަލަމާތޯއެވެ؟ އޭގެ މާނަ އަކީ ދީނަކީ ޙައްޤު ދީނެއްކަން ބުއްދީގެ ހަމަތަކުން ސާބިތުކޮށް ދިނުމަކީ ކުރެވޭނޭ ކަމެއް ނޫނޭ ބުނުމެވެ. އެހެން ކަމަށް ވާނަމަ ދީނަކީ ބާޠިލު ދީނެއްކަން ސާބިތު ކުރުމަކީވެސް ބުއްދީގެ ހަމަތަކުން ކުރެވޭނޭ ކަމެއް ނޫނެވެ. ދީނާ ދެކޮޅު ހަދާ މީހުންނަކަށް މައްސަލައިގެ ދެކޮޅެއް ނުފެނެއެވެ. އެ މީހުން މަސައްކަތް ކުރަނީ ދީނަކީ ބުއްދީގެ ހަމަތަކުން ބަލައި، ހޯދައި، ވިސްނައި ގަނެވޭނޭ އެއްޗެއް ނޫން ކަމަށް ސާބިތުކޮށް ދޭށެވެ. އެ މީހުންނަށް ހީވެފައިވާ ގޮތުގައި އެއީ ދީނާ ދެކޮޅަށް ނުވަތަ ދީނަކީ ބާޠިލު އެއްޗެއް ކަން ސާބިތު ކޮށްދޭން ސައިންސުން ފެންނާން އޮތް ހެއްކެކެވެ. ދީނީ ޢިލްމުވެރިން ބުއްދީގެ ދަލީލުތައް ބޭނުން ކޮށްގެން ދީނީ އެކި ކަންތައްތައް ސާބިތު ކުރަން ދައްކާ ވާހަކަތައް އަޑު އަހާކަށްވެސް އެ މީހުންނެއް ބޭނުމެއް ނުވެއެވެ. އެ މީހުން ޤަބޫލު ކުރާ ގޮތުގައި ސައިންސްގެ އެއްވެސް ވާހަކައެއް ނުވަތަ ކަމެއް ދީނަކާ ގުޅުވޭނޭ ގޮތެއް ނޯންނާނެ އެވެ.
(ނުނިމޭ)
މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ