ނާޒިމްގެ އިސްތިއުނާފުގެ އިޖުރާއީ އަޑުއެހުން ނިންމާލައިފި

images

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ 11 އަހަރަށް ޖަލަށްލުމަށް ދަށުކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރުމަށް ސްޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އިޖުރާއީ އަޑުއެހުންތައް ނިންމާލައިފިއެވެ.

މިއީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ނާޒިމް އެގާރަ އަހަރަށް ޖަލަށް ލުމަށް ދަށުކޯޓުން ކުރި ޙުކުމް ބާތިލް ކޮށްދިނުމަށް އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓަށް ބަލައިގަތުމަށް ފެންނަތޯ ބެލުމަށް ބޭއްވި އަޑުއެހުމެކެވެ. މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި، ނަޒިމްގެ ވަކީލުން ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ދައުލަތުން ވަނީ ޖަވާބުދީފައެވެ.

އެގޮތުން ނާޒިމްގެ އެޕާޓްމަންޓަށް ފިސްތޯލަ ވެއްދީ "އާސިފު" ނަމަކަށް ކިޔާ ފުލުހެއް ކަމަށް ނާޒިމްގެ ވަކީލު ވިދާޅުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އެވާހަކަ ދަށުކޯޓާއި ހައިކޯޓްގައި ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވެސްނުވާއިރު ނާޒިމް ތަހުގީގް ބަޔާނުގައި ވެސް އެވާހަކަތައް ނެތްކަމަށް ތައުލަތުން ބުންޏެވެ. އަދި އެއީ ކާކުގެ ފަރާތުން ލިބުނު މައުލޫމާތެއްކަން ސްޕްރީމް ކޯޓަށް ހުށައެޅި މައުލޫމާތުން ވެސް އެނގެން ނެތްކަމަށާ، ދަށުކޯޓާއި ހައިކޯޓަށް ހާޒިރުނުކުރާ ހެކިން ސްޕްރީމް ކޯޓަށް ހާޒިރުކޮށްދޭން ނާޒިމުގެ ވަކީލުން އެދުނަސް އެކަން ކުރަންޖެހޭ ކަމަށް ޤަބޫލުނުކުރާކަމަށް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ނާޒިމްގެ ވަކީލް ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ދަބަހުން ތިން ވަނަ ފަރާތެއްގެ ފިންގަޕްރިންޓް ފެނިފައިވާއިރު އެކަން ފުލުހުން ތަހުގީގްކޮށްފައިނުވުމަކީ ސުވާލު އުފެދޭކަމެއްކަމަށެވެ.

މިމައްސަލާގައި ސުޕްރީމްކޯޓުގައި ބޭއްވި އިޖްރާއީ އަޑުއެހުންތަށް މިއަދުވަނީ ނިމިފައެވެ. އެހެން ނަމަވެސް އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާނެއްނުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.