
ރާއްޖޭގެ އެންމެދެކުނުގެ އަތޮޅުތަކަށް އަދިވެސް ވިއްސާރަކުރާނެ ކަމަށާއި އެއާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓު ސާވިސް އިން ވިދާޅުވެއްޖެއެވެ. މެޓުން ވިދާޅުވީ ރާއްޖޭގެ އެހެންހިސާބުތަކުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެންހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި އެންމެދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތަކަށް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގައިވަނީ ފެންބޮޑުވެ ގެއްލުން ވެފައެވެ.