ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވައިޓް އެލާޓު ނެރެފިއެވެ. ވައިޓު އެލާޓު ނެރުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެތީއެވެ. އަދި ގުރުމާއިއެކު ވިލާގނަޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެތީ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.
އެ ސަރަޙައްދަށް ވައިޓު އެލާޓު ނެރެފައިވަނީ މިރޭ ފަތިހު 4:00 އިން ހެނދުނު 9:00 އާ ހަމައަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކ.ގާފަރަށް ވަނީ ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެފައެވެ. ފެންބޮޑުވުމުން ހިއްކުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ. އެރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ޢާއްމުންނަށް ދަތިތަކާ ކުރިމަތިވި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވއެވެ. ވިއްސާރައިގައި އެ ރަށުގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ތިން ސަރަހައްދެއްގައި ސިފައިން ވަނީ ފެންހިއްކާ ޕަމްޕު ބަހަށްޓައިގެން ފެންހިއްކުމުގެ މަސައްކަތް ކޮށްފައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑު ދަތުރުފަތުރު ކުރާއިރު މޫސުމާ ބެހޭ މަޢުލޫމާތު ހޯދުމަށާއި ސަލާމަތީކަންކަން ކަށަވަރު ކޮށްގެން ނޫނީ ދަތުރު ނުކުރަން އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.