ކީރިތި ޤުރްއާނަކީ ޤިޔާމަތާ ހަމައަށް ރައްކާތެރިކުރެއްވިގެންވާ ފޮތެއް:
މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް މާތްﷲ ނަބީބޭކަލުންނާއި، ރަސޫލު ބޭކަލުން ފޮނުއްވަވައި، ރަސޫލު ބޭކަލުންނަށް ފޮތް ބާވާލެއްވެވިއެވެ. އެގޮތުން موسي عليه السلام އަށް ތައުރާތު ބާވާލެއްވަވައި عيسي عليه السلام އަށް އިންޖީލު ބާވާލެއްވިއެވެ. ކީރިތި ޤުރްއާނީ މާތްﷲ ބާވައިލެއްވި އެންމެފަހުގެ ފޮތެވެ.
{ إِنَّا أَنْزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُوا مِنْ كِتَابِ اللهِ وَكَانُوا عَلَيْهِ شُهَدَاءَ} (المائدة: 44)
މާނައަކީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ توراة ބާވާލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، رباّنى ން (އެބަހީ: ޔަހޫދީންގެ އަޅުވެރިން) ނާއި، ޔަހޫދީންގެ ޢިލްމުވެރިން، އެފޮތުން ޔަހޫދީންގެ މައްޗަށް ޙުކުމް ކުރައްވަތެވެ. (އެއީ) ﷲ ގެ ފޮތް ރައްކާތެރިކުރުމުގެ އަމާނާތް އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ."
ޒަމާންތައް ފާއިތުވެ ދިޔުމުން ފޮތުގެ އަހުލުވެރިންވަނީ އެމީހުން އަމިއްލައަށް އެފޮތްތަކަށް ބަދަލުތައް ގެނެސްފައެވެ. އެހެންނަމަވެސް ޤިޔާމަތަށް ދާންދެން އެއްވެސް ބަދަލެއް ނައިސް ދެމިއޮންނަނިވި ފޮތަކީ މިއުއްމަތުގެ މާތް ރަސޫލާ މުޙައްމަދު (صلي الله عليه وسلم) އަށް ބާވާލެއްވެވި ކީރިތި ޤުރުއާނެވެ. ޤިޔާމަތަށް ދާންދެން، ކީރިތި ޤުރުއާން މާތްﷲ ރައްކަތެރި ކުރައްވާނޭކަން އެޤުރްއާނުގައި މާތްﷲ އަންގަވާފައި ވެއެވެ.
{ إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ } (الحجر: 9)
މާނައަކީ: " ހަމަކަށަވަރުން، ޤުރުއާން ބާވާލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ."
ކީރިތި ރަސޫލާ މުޙައްމަދު (صلي الله عليه وسلم) ގެ ޒަމާނުގައި ކީރިތި ޤުރުއާން ފޮތެއްގެ ސިފައިގާ ލިޔެވިފައެއް ނުވެއެވެ. އެޒަމާނަކީ، މީސަތަކުން ނުހަނު ފަސޭހައިން ޤުރުއާން ހިތުން ދަސްކުރައްވަމުން ގެންދެވި ޒަމާނެކެވެ. އެގޮތުން ޞަޙާބީ ބޭކަލުން ކީރިތި ރަސޫލާގެ އަރިހުން ޤުރުއާން އަޑު އައްސަވާ އުނގެނި ހިތުން ދަސްކުރައްވާފައިވެއެވެ. މީގެއިތުރުން އެޒަމާނުގައި ކީރިތި ރަސޫލާ (صلي الله عليه وسلم) ދުނިޔޭގައި ހުންނެވުމާއެކު ޤުރުއާން ފޮތެއްގައި ލިޔުމުގެ މާބޮޑު ބޭނުމެއް ވެސް ނެތެވެ.
{ سَنُقْرِئُكَ فَلَا تَنْسَى } (سورة الأعلى 6)
މާނައަކީ: " ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ޤުރުއާން އުނގަންނާދެއްވާ ހުށީމެވެ. ފަހެ، ކަލޭގެފާނު އެ (ޤުރުއާން) ހަނދުމަފުޅެއް ނުނެތޭނެއެވެ. "
{ إِلَّا مَا شَاءَ اللَّهُ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَى } (سورة الأعلى 7 )
މާނައަކީ: " (ހަނދުމަފުޅު ނެތުމަށް) ﷲ އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ."
ކީރިތި ޤުރުއާން ޖަމްޢު ކުރުން :
ކީރިތި ޤުރުއާން ޖަމްޢު ކުރުމުގެ ޚިޔާލު އެންމެ ފުރަތަމަ ކުރެއްވީ ޢުމަރުގެފާނެވެ. އެއީ އަބޫބަކުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރެވެ. އެދުވަސްވަރު މުރުތައްދުވީ މީހުންނާ ދެކޮޅަށް ކުރެވުނު "ޔަމާމާ" ހަނގުރާމާގައި ޤުރުއާން ހިތުން ދަސްކުރައްވާފައިވާ ގިނަ ޢަދަދެއްގެ ޞަޙާބީން، ޝަހީދުވެ ވަޑައިގަތެވެ.
އެޒަމާނުގައި ޤުރްއާން ރައްކާކުރެވިފައިވަނީ ސަޙާބީންނާއި އެނޫންވެސް މުސްލިމުންގެ ހިތްތަކުގައެވެ. އެހެންކަމުން ގިނަޢަދަދެއްގެ ޙާފިޒުން އެއްފަހަރަ ޝަހީދުވަކީ ކަންބޮޑުވާނެކަމެކެވެ.
"ޔަމާމާ" ހަނގުރާމާގައި ގިނަ ޢަދަދެއްގެ ޙާފިޒުން ޝަހީދުވުމާއެކު ޤުރުއާން ނެތިގެން ހިނގާދާނެ ކަމުގެ ބިރައްޓަކައި ޤުރްއާން އެއްކޮށް ލިއުއްވުމަށް ޢުމަރުގެފާނު، ޚަލީފާ އަބޫބަކުރުގެފާނަށް އެޚިޔާލުފުޅު ހުށަހެޅުއްވިއެވެ.
އެންމެ ފުރަތަމަ އަބޫބަކުރުގެފާނު އެކަމާ އިންކާރު ކުރެއްވިއެވެ. އެހެންނަމަވެސް އެއީ ރަގަޅުކަމެއް ކަމަށް މާތްﷲ އއެކަލޭގެފާނުންގެ ހިތްޕުޅަށް ވެއްދެވުމުން އެކަން ކުރެއްވުމަށް ފަހުން އެއްބަސްވެވަޑައިގަތެވެ. އެއަށްފަހު ޤުރުއާން ޖަމްޢުކުރުމުގެ މަސައްކަތް ކުރެއްވުމަށް ޒައިދު ބިން ޘާބިތަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.
ޒައިދު ބިން ޘާބިތުގެ އަރިހުން އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައި ވެއެވެ.
" މާތްﷲ ގަންދެއްވާ ވިދާޅުވަމެވެ. ކަލޭގެފާނު ފަރުބަދައެއް އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ތިމަންކަލޭގެފާނާ ޙަވާލުކުރެއްވި ނަމަވެސް އެކަން ތިޔަ ޢަމުރުކުރެއްވި ކަންތައްހާ ބުރައެއް ނުވާނެއެވެ. އަދި ތިމަންކަލޭގެފާނު ދެންނެވީމެވެ. މާތްﷲ ރަސޫލާ ނުކުރައްވާކަމެއް ތިޔަ ދެބޭކަލުން (އަބޫބަކުރުގެފާނާއި ޢުމަރުގެފާނު) ކުރައްވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދެއްވާ ވިދާޅުވަމެވެ. މީ ހެޔޮކަމެކެވެ. މިގޮތަށް އަބޫބަކުރުގެފާނު އެބަސްފުޅު ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. ދެން އެއީ ރަނގަޅު ކަމެއްކަމަށް ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ޔަޤީން ވެއްޖެއެވެ.
ދެންފަހެ ތިމަންކަލޭގެފާނު ޤުރުއާން ޖަމްޢު ކުރެއްވުމުގެ މަސައްކަތް ފައްޓަވާފީމެވެ. ކަދުރު ރުކުގެ އޮށްޓާއި ގަސްގަހުގެ ފަތާއި، ގެރިބަކަރީގެ ހަންފަދަ ތަކެތީގައި ލިޔެ ރައްކާކުރެވިފައިވާތަކެތި އެހުރި ތަންތަނުން ހޯއްދަވާ ޖަމްޢު ކުރެއްވީމެވެ. އަދި މީސްތަކުންގެ ހިތްތަކުންވެސް ޤުރުއާނުގެ އާޔަތްތައް އެއްކުރެއްވީމެވެ. މިގޮތަށް މުޅި ޤުރުއާން ޖަމްޢު ކުރެވުނެވެ."
މިއީ ޤުރުއާން އެންމެ ފުރަތަމަ ޖަމްޢު ކުރެވުނު ގޮތެވެ. އަބޫބަކުރގެފާނު އަވަހާރަވަންދެން މި ޖަމްޢު ކުރެވުނު ޤުރުއާން ބޭއްވުނީ އެކަލޭގެފާނުގެ އަތްޕުޅުގައެވެ. އެއަށްފަހު ޢުމަރުގެފާނުގެ އަތްޕުޅުގައެވެ. އަދި އެއަށްފަހު ޙަފްސާ ބިންތި ޢުމަރުގެ އަތްޕުޅުގައެވެ.
ޤުރުއާން ފޮތެއްގެ ސިފައިގާ ލިޔުންވުން:
އަބޫބަކުރުގެފާނު ޚިލާފަތުގައި ޤުރުއާން ޖަމްޢު ކުރެވުނު ނަމަވެސް އެއްފޮތެއްގެ ސިފައިގައި ޤުރްއާން ލިޔެވުނީ 3 ވަނަ ޚަލީފާ އުޘްމާގެފާނުގެ ޚިލާފަތުގައެވެ. އެދުވަސްވަރު އިސްލާމީ ފުތޫޙާތު ވަރަށް ބޮޑަށް ފުޅާވެގެން ދިޔައެވެ. ގިނަ ޢަދަދެއްގެ ޞަޙާބީން އެކި ރަށްތަކުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ. އެރަށެއްގައި މަޝްހޫރު ޞަޙާބީބޭކަލަކު ކިޔަވާ ވިދާޅުވާ ޤިރާއަތަކަށް ނުވަތަ އެބައެއްގެ ތެރޭގައިވާ ޞޫޙުފުތަކުގައިވާ ގޮތަށް އެބައެއްގެ ތެރޭގައި ކިޔަވަމުން ދިޔައެވެ.
ނަތީޖާއެއްގެ ގޮތުން އެދުވަސްވަރު މުސްލިމުންގެ މެދުގައި ޤުރުއާން ކިޔަވާނެ ޤިރާޢަތުތަކާމެދު އިޚްތިލާފްތަކެއް އުފެދި، ފިތުނަވެރިކަމެއް އުފެދިދާނެކަމުގެ ބިރު އުފެދިގެންދިޔައެވެ. މި އިޚްތިލާފްތައް ނައްތާލައި، އިސްލާމީ އުއްމަތް ފިތުނައިން ސަލާމަތް ކުރެއްވުމަށް އުޘްމާނުގެފާނު، ޤުރުއާން ފަތްފުއްތަކެއްގައި ލިޔުއްވިއެވެ. އަދި މުސްލިމުންގެ މެދުގައިވާ ޚިލާފުތައް ނައްތަވާލެއްވުމަށް، އެފޮތް ދުނިޔޭގެ އިސްލާމީ ރަށްތަކަށް ފޮނުއްވިއެވެ.
(ނުނިމޭ)