އަތުލައިގަތް ބޯޓުގައި މިޔަރާއި ކަނޑުމަސްހުރި: ކޯސްޓްގާޑު

ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ވަދެގެން އުޅެނިކޮށް މިމަހު 19 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސްރީލަންކާގެ މަސްބޯޓުގައި އެއްޓަނު މަސްހުރި ކަމަށާއި އޭގެތެރޭގައި މިޔަރާއި ކަނޑުމަހާއި އެހެން ވައްތަރުތަކުގެ މަސް ހުރިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއްޖެއެވެ.

ކޯސްޓުގާޑުގެ ކޮމާންޑަރ ބްރިގޭޑިއަރޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ އެބޯތު އަތުލައިގެން ސިފައިންގެ ބެލުމުގެ ދަށަށް ގެންސް ފާސްކުރިއިރު ރަސްމީ ލިޔެކިއުންތަކާއެކު އޭގައި 6 މީހުން ތިބިކަމަށެވެ. އެ ބޯޓު މިހާރުވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެނެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.

މިޔަރަކީ ރާއްޖޭގައި ޙިމާޔަތް ކޮށްފައިވާ އެއްޗެކެވެ. އެހެންނަމަވެސް އެބޯޓުގައި ހުރި މިޔަރަކީ ރާއްޖޭގެ ސަރަޙައްދުން ހިފައިފައިވާ އެއްޗެއްކަމެއް ކަށަވަރެއް ނުވެއެވެ.

ޒުހައިރު ވިދާޅުވީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ. ލަންކާގެ މި މަސްބޯޓު ވެސް ފެނިފައިވަނީ އިންޑިއާގެ ނޭވީ އާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޖޮއިންޓް ސަވައިލަންސް ޕެޓްރޯލް ނިންމާލިތާ މާ ގިނަދުވަހެއް ނުވަނީސްއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ ބޮޑު ސަރަޙައްދެއް ކަމަށާއި، ކަނޑާއި ވައިގެމަގުން ސަރަޙައްދު ބަލައި ފާސްކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ކޮމާންޑަރ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަލާ ފާސްކުރުމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމަކަށް ވާތީ، ޑިފެންސް ކޯޕަރޭޝަން މެކޭނިޒަމްގެ ދަށުން ވައިގެ މަގުންނާއި ކަނޑުގެ މަގުން އިންޑިއާ އަސްކަރިއްޔާ އާ ގުޅިގެން މަހަކު އެއްފަހަރު ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ކަނޑައެޅޭ ވަކި ސަރަޙައްދެއް ބަލަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ކަނޑުމަގުން ދެ ލައްކަ އަށްވުރެ ގިނަ އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލާކަމަށާއި ވައިގެ މަގުން ޑޯނިއާ އެއަރކްރާފްޓްގައި 4 ލައްކަ އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލަމުންދާ ކަމަށް ކޮމާންޑަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.