
އަފްޣާނިސްތާނުގައި މި އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވުމަަށް ހަމަޖެހިފައިވާ ގާނޫނުހަދާ މަޖިލީހާއި ޑިސްޓްރިކްޓް ކައުންސިލްތަކުގެ އިންތިޚާބުގެ ސަލާމަތީ ކަންތަައް ބެލެހެއްޓުމަށް 54 ހާސް ސިފައިން ހަރަކާތްތެރިވާނެ އެގައުމުން ބުނެފިއެވެ.
"ގާނޫނުހަދާ މަޖިލީހާއި ޑިސްޓްރިކްޓް ކައުންސިލްތަކުގެ އިންތިޚާބުގެ ސަލާމަތީ ކަންތައް ބެލެހެއްޓުން ވަނީ އަފްޣާނިސްތާނުގެ ގައުމީ ސަލާމަތީ އަދި ދިފާއީ ބާރުތަކާ ހަވާލުކުރެވިފައި. ގައުމުގެ ކަންކޮޅުތަކައި ހަދާ 5100 ވޯޓުލާ މަރުކަޒުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ސިފައިންގެ 54 ހާސް މީހުން ނެރޭނެ." ރިޕޯޓަރުންނާ ވާހަކަދައްކަމުން ދާޚިލީ ވުޒާރާގެ ތަރުޖަމާނު ނަސްރަތު ރަޙީމީ ބުންޏެވެ.
އިންތިޚާބުގެ ކެމްޕޭން ޖަލްސާތައް ބޭއްވުމުގެ ކުރިން އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު ސަލާމަތީ ބާރުތަކަށް ދިނުމަށް ރަޙީމީ ވަނީ ކެންޑިޑޭޓުންނަށް އިލްތިމާސްކޮށްފައެވެ.
ފާއިތުވި އަންގާރަ ދުވަހު އިރުމަތީ ޕްރޮވިންސް ނަންގަރްހާރުގައި ބޭއްވުނު ކެމްޕޭން ޖަލްސާއަކަށް ޖާނުން ފިދާވެގެން ދިން ހަމަލާއެެއްގައި 14 މީހުން މަރުވެ 42 މީހުން ޒަޚަމްވެފައި ވެއެވެ. ރަޙީމީ ބުނީ އެ ޖަލްސާގެ ވާހަކަވެސް ސަލާމަތީ ބާރުތަކަށް ކުރިން އަންގާފައި އޮތްނަމަ އެ ހަމަލާ ހުއްޓުވުނީސް ކަމުގައެވެ.
ޠާލިބާނުންގެ ވެރިކަން ނިމުމަށް ފަހު އަފްޣާނިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ފުރަތަމަ ބާއްވާފައި ވަނީ 2005 ގައެވެ. އަދި ދެ ވަނަ އިންތިޚާބު ބާއްވާފައި ވަނީ 2010 ގައެވެ. 2015 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހުު ބާއްވަން ހަމަޖެހިފައި އޮތް ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ސަލާމަތީ ސަބަބުތަކަށްޓަކައި އެކިފަހަރުމަތިން ލަސްކުރެވުނީއެވެ.
ގާނޫނުހަދާ މަޖިލީހުގެ 249 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި 2500 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެތެރޭގައި 418 އަންހެނުން ހިމެނެއެވެ. އިންތިޚާބުގެ ކެންޕޭން މިހާރު ފެށިފައިވާއިރު ކެންޕޭނުގެ ފަހު ދުވަހަކީ މި މަހުގެ 18 ވަނަ ދުވަހެވެ.