ޕާކިސްތާނު ޠާލިބާނުންގެ ވެރިޔާ މަރާލެވިފައިވާކަން އަފްޣާނިސްތާނުން ކަށަވަރުކޮށްދީފި

މުއްލާ ފަޒްލުﷲ

އެތައް އަހަރެއް ވަންދެން ޕާކިސްތާނުގެ އުތުރުގެ ފަރުބަދަމަތީ ސަރަހައްދުގައި ސަރުކާރާ ހަނގުރާމަކޮށް، ޕާކިސްތާނުގެ ތަފާތު ތަންތަނަށް ބޮމުގެ ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ ކުށުގައި ޕާކިސްތާނު ސަރުކާރުން ހޯދަމުން ދިޔަ މުއްލާ ފަޒްލުﷲ މަރާލެވިފައިވާކަން އަފްޣާނިސްތާނުން ކަށަވަރުކޮށްދީފިއެވެ.

ތަހްރީކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ވެރިޔާ މައުލާނާ ފަޒްލުﷲ (މުއްލާ ފަޒްލުﷲ) މަރާލެވިފައިވާކަން ކަށަވަރުކޮށްދެއްވީ އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ ޕާކިސްތާނު ސިފައިންގެ ވެރިޔާ ޖެނެރަލް ޤަމަރު ޖާވޭދަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މީގެ އިތުރަށް ޕާކިސްތާނު ޠާލިބާންގެ މަސްދަރަކުން ވެސް ވަނީ، ޠާލިބާންގެ އިތުރު ބައެއް ކޮމާންޑަރުނާއެކު މުއްލާ ފަޒްލުﷲ މަރުވެފައިވާކަން އަރަބް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. އެ ފަރާތުން އިތުރަށް ބުނެފައި ވަނީ މުއްލާ ފަޒުލުﷲގެ މަރާ ބެހޭގޮތުން ޕާކިސްތާނު ޠާލިބާނުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމުގައެވެ.

އުމުރުން 40 އަހަރުގެ ފަޒްލުﷲ މަރާލެވިފައިވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހު އިރުމަތީ އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ. އެ ހަމަލާ ދެވުނުކަން އަފްޣާނިސްތާނުގެ މަސްއޫލުވެރިން ކަށަވަރުކޮށްދީފައި ވަނީ ޖެހިގެން އައި ދުވަހުއެވެ.

ކުނާރު ޕްރޮވިންސުގައި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނާ މަރްވާރީ ޑިސްޓްރިކްޓަށް "ޓެރަރިޒަމާ ދެކޮޅު" ހަމަލާއެއް ދެވިފައިވާ ކަން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް މާޓިން އޮޑޮނެލް ވެސް ވަނީ ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް ސީދާ ފަޟްލުﷲ މަރާލެވިފައިވާ ކަމުގައި އޭނާ ނުބުނެއެވެ. އޭނާ ބުނީ "އަމަޒަކީ އެ ޓެރަރިސްޓު ޖަމާއަތުގެ އިސް ވެރިޔަކު" ކަމުގައެވެ.

ޖާސޫސީ މައުލޫމާތާ ހަވާލާދީ އަރަބް ނިއުސްއިން ބުނާ ގޮތުގައި ޖޫން 13 ވަނަ ދުވަހު މުއްލާ ފަޒްލުﷲ ދިޔައީ މަރްވާރީގައި ހުންނަ ޓީޓީޕީ އަސްކަރީ މަރުކަޒެއްގައި އޮތް ރޯދަވީއްލުމަކަށެވެ. ރޯދަވީއްލުމަށް ފަހު އެތަނުގައި ތަރާވީހު ނަމާދުވެސް ކޮށްގެން އައިސް އެރޭ 10:45 ހާއިރު އޭނާގެ ކާރަށް އެރި ވަގުތު ޑްރޯންއަކުން ފޮނުވާލި ރޮކެޓެއް އޭނާގެ ކާރަށް އަރައި އޭނާއާއި، ޕާކިސްތާނު ޠާލިބާންގެ ކޮމާންޑަރެއް ކަމުގައިވާ ޤާރީ ޔާސިރާއި، ތިން ބޮޑީ ގާޑުން ވަގުތުން މަރުވިއެވެ. އަދި ތިން މީހުންގެ ހަށިގަނޑު ވަނީ ޖޫން 14 ވަނަ ދުވަހުގެ ހެނދުނު އެރަށުގެ ގަބުރުސްތާނުގައި ވަޅުލައިފައެވެ.

މުއްލާ ފަޒްލުﷲ ތަހްރީކޭ ޠާލިބާން ޕާކިސްތާނުގެ ވެރިކަމަށް އިސްކުރެވުނީ، 2013 ވަނަ އަހަރު އުތުރު ވަޒީރިސްތާނުގައި ދެވުނު ޑްރޯން ހަމަލާއެއްގައި ޓީޓީޕީގެ އޭރުގެ ވެރިޔާ ހަކީމުﷲ މަހްސޫދު މަރުވުމުންނެވެ. ބޮޑަށް ބެލެވިފައިވާ ގޮތުގައި ފަޒްލުﷲއަށް ފަހު ޓީޓީޕީގެ ވެރިކަމަށް އިސްވާނީ މިހާރު އޭނާގެ ނާއިބަކަށް ހުރި ނޫރު ވަލީ މަހްސޫދެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.