
އަހަރެން ވާހަކަ ދައްކަމުން ދިޔައީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ސެކްރެޓަރީއާއެވެ.
ގަލޮޅު ދަނޑުގައެވެ.
އޭރު ފުޓުބޯޅަ މެޗެއް ކުޅެނީއެވެ.
އޭނާ ސުވާލު ކުރިއެވެ.
ކަލޭމެން ފުޓުބޯޅަ ކުޅޭތާ ފަންސާސް އަހަރު ވެއްޖެއެވެ.
އެކަމަކު ކުރިއަކަށް ނުދެއެވެ.
އަދިވެސް ތިބީ ހަމަ މީގެ ފަންސާސް އަހަރު ކުރީން ތިބި ފެންވަރުގައެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟
އަހަރެން ބުނީމެވެ.
އަހަރެމެންގެ ކުދީންގެ ފެންވަރު ވަރަށް ރަނގަޅު ވެއްޖެއެވެ.
ހުނަރު ކުރި އަރައިފިއެވެ.
އެކަމަކު ވަސީލަތްތައް ހުރީ ހަމަ ހުރި ފެންވަރުގައެވެ.
މި ދަނޑަށް ނިކަން ބަލައިބަލާށެވެ.
ފުރަތަމަަ ކަމަކަށް ހެޔޮވަރު ސައިޒެއް ނޫނެވެ.
ވިނަގަނޑު އެހައި ދެރައެވެ.
ދަނޑު ނޫން އެހެން ވަސީލަތްތައްވެސް ހުރީ ހަމަ އެ ހާލުގައެވެ.
ހިތްހަމަ ޖެހޭ ވަރަށް ކުރިއަށް ނުދަނީ އެހެން ވެގެންނެވެ.
އޭނާ ބުންޏެވެ.
ތިޔައީ ތެދަކަށް ވެދާނެއެވެ.
ކަލޭމެންގެ ގައުމުގެ ބޮޑު ބަޔަކީ ފެނެވެ. (ކަނޑެވެ.)
ފަަތައިގެން ކަލޭމެންނަށް ވަނައެއް ނުހޯދެނީ ކީއްވެގެން ހެއްޔެވެ؟