ސައޫދީ އަރަބިއްޔާ އިސްވެ އޮވެ، މިސްރާއި، ޔޫއޭއީއާއި ބަހްރައިނާ ގުޅިގެން ޤަޠަރު ހިސާރު ކުރިފަހުން އަހަރެއް ވާން ކައިރިވެފައި ވަނިކޮށް އެ ހަތަރު ގައުމުގެ މުދާ އެތެރެކޮށް ވިއްކުން ޤަޠަރުން މަނާކޮށްފިއެވެ.
ޤަޠަރުގެ އިގްތިސާދާ ބެހޭ މިނިސްޓްރީން ފިހާރަަތަކަށް އާއްމުކުރި އެންގުމެއްގައި ވަނީ އެެ ހަތަރު ގައުމުން އެތެރެކޮށްފައި ހުރި މުދާ ހަރުގަނޑުތަކުން ނެގުމަށް އަންގާފައެވެ. އަދި އެ އެންގުމަށް އަމަލުކުރާކަން ކަށަވަރުކުރުމަށް އިންްސްޕެކްޓަރުން ދާނެކަމަށްވެސް އެންގުމުގައި ބުނެފައި ވެއެވެ.
ޤަޠަރުން ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ ދޭކަމަށާއި، އީރާނާއެކު ގާތް ގުޅުމެއް ބާއްވާކަމަށް ބުނެ ސައޫދީ އަރަބިއްޔާއާއި، މިސްރާއި، ޔޫއޭއީއާއި، ބަހްރައިނުން އެގައުމާއެކު އިގްތިސާދީ އަދި ޑިޕްލޮމެޓިކް ހުރިހާ ގުޅުމެއް ކަނޑާލައި، އެގައުމުތަކުގެ ވައިގެ ސަރަހައްދު ގަތަރުގެ ފްލައިޓުތަކަށް ބަންދުކުރީ 5 ޖޫން 2017 ގައެވެ. ޤަޠަރުން ވަނީ އެ ހަތަރު ގައުމުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. މިފިޔަވަޅުތަކާއެކު ޤަޠަރުން ވަނީ އެ ގައުމަށް މުދާ އެތެރެކުރާ މަގުތައް ކުވައިތާއި އޮމާނަށް ބަދަލުކޮށްފައެވެ. އަދި އީރާނާއި ތުރުކީން މުދާ އެތެރެކުރަން ފަށާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ސޮވެރިން ފަންޑުގެ ވެރި، އަދި ދުނިޔޭގައި ގުދުރަތީ ގޭސް އެންމެ ގިނައިން ހުރި ޤަޠަރުން ވަނީ ހަަތަރު ގައުމުގެ ހިސާރުގެ އަސަރު ކުޑަކޮށް އިގްތިސާދު ހީކުރިވަރަށްވުރެ ކުރިއަށް ޖައްސާފައެވެ. އެގަައުމުގެ އިގްތިސާދު ވަނީ އަވަށްޓެރި ގައުމުތަކަށް ވުރެ ހަލުވި ދުވެލީގައި ކުރިއަރާފައެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި މިއަހަރުވެސް ޤަޠަރުގެ އިގްތިސާދު ސަރަހައްދުގެ ގިނަ ގައުމުތަކަށްވުރެ ހަލުވި ދުވެލީގައި ކުރި އަރާނެއެވެ.
ޤަޠަރުގެ ސޮވެރިން ފަންޑު ބަލަަހައްޓާ ޤަޠަރު އިންވެސްޓްމަންޓް އޮތީރިޓީގައި ފާއިތުވި 2017 ނިމުނު އިރު 335 ބިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ. ޤަޠަރުގެ ރަނުގެ ރިޒާވް 40 ބިލިއަން ޑޮަލަރަށް އަރައެވެ. އަދި އެގައުމުގައި 25.4 ޓްރިލިއަން ކިއުބިކް މީޓަރުގެ ގުދުރަތީ ގޭސް ހުރިކަމަށް ލަފާކުރެއެެވެ. ޤަޠަރަކީ ގައުމުގެ އިގްތިސާދީ އުފެއްދިންތެރިކަމުން ބޮަލަކަށް ޖެހޭ ނިސްބަތަށް ބަލާއިރު ދުނިޔޭގެ އެންމެ މުއްސަންދި ގައުމެވެ. 2016 ވަނަ އަހަރު ޤަޠަރުގެ 2.57 މިިލިއަން މީހުންގެ އާބާދީގެ ބޮލަކަށް 66415 އެެމެރިކާ ޑޮލަރު ޖެހުނެވެ. މިވަރުގެ ވަރުގަދަ އިގްތިސާދެއް ޤަޠަރުގައި އޮތުމުން އަރަބި ހަތަރު ގައުމުން އެގައުމު ހިސާރުކުރިއަސް، އެގައުމު ވަނީ އޭގެ މާ ބޮޑު އަސަރެއް އިހްސާސްނުކޮށް ކުރިއަށް ގޮސްފައެވެ.