އެމެރިކާގެ މަސަޗުސެޓްސް ސްޓޭޓްގެ ބޮސްޓަން ކައިރީގައި އޮންނަ ތިން އަވަށެެއްގައި ގޭސް ހޮޅިތަކެއް ގޮވައި ގިނަ އަދަދެއްގެ ގޭގައި ރޯވެއްޖެއެވެ. ލޯރެންސް، އެންޑޯވާ އަދި ނޯތު އެންޑޯވާގެ 36 ގެއަކުން އެހީއަށް އެދި ގުޅާފައިވާ ކަމަށް މަސަޗުސެޓްސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި 70 ވަރަކަށް ގޮވުން ގޮވިކަމަށް ރިޕޯޓުކުރެވިފައިވާއިރު، 6 މީހުން ޒަޚަމްވެ އެތައް ސަތޭކަ ބަޔަކު ގެތައް ދޫކޮށް ދިއުމަށް ވަނީ އަންގާފައެވެ.
މެތުއެން ޕްލިސް ޗީފް ޖޯޒެފް ސޮލޮމޮން ވިދާޅުވި ގޮތުގައި ލޯރެންސްގައި އެކަނިވެސް 20-25 ގޭގައި ރޯވެފައި ވެއެވެ. އަދި ދުންގަނޑު ގަދަކަމުން އެހިސާބުގެ ޖައްވު ވަނީ މުޅިން ބަނަވެފައެވެ. އޭނާ ވިދާޅުވީ މެތުއެންގެ އެއްވެސް ތަނެއްގައި އަލިފާން ރޯވެފައި ނެތް ނަމަވެސް، ބޭނުންޖެހިފައިވާ އަވަށްތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމުގައެވެ.
ވަގުތުން ދައްކަމުން ދިޔަ ޓީވީ މަންޒަރުތަކުން ފެންނަ ގޮތުގައި ބޮސްޓަންގެ އުތުރުން ސާޅީހަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ތިން އަވަށުގައި އަލިފާންނިވާ މީހުން އަލިފާންގަނޑުތައް ނިވަން މަސައްކަތްކުރަމުން ދިޔައިރު، ސަރަހައްދުގެ މަގުތައް ވަނީ މުޅިން އަނދިރިވެފައެވެ. އަދި އިތުރަށް ރޯވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަރަންޓާއި ގޭހުގެ ޚިދަމަތް މެދުކަނޑާލާފައެވެ.
ގަސްތުގައި ބަޔަކު ކުރިކަމެއް ކަމުގެ އެއްވެސް ނިޝާނެއް އަދި ފެނިފައިނުވާކަމަށް މަސްއޫލުވެރިން ބުނެފައި ވާއިރު، ބޮސްޓަންގެ ޑަބްލިއުބީޒެޑް ނިއުސް އިން ބުނެފައިވަނީ ފުރަތަމަ ގޮވުން ގޮވާފައި ވަނީ ގޭސް ހޮޅިއެެއްގެ ޕްރެޝަރު މާ ގަދަަވެގެން ކަމުގައެވެ.
ނޯތު އެންޑޯވާގެ ފުލުހުން ވަނީ ގެތަކާއި، އިމާރާތްތަކުން މީހުން ނުކުތުމަށް އަންގާފައެވެ. ބައެއް މީހުން މިހާރު ވަނީ ސްކޫލްތައް ފަދަ ގިނަ މީހުން ބޭތިއްބޭ ތަންތަނަށް ގެންގޮސްފައެވެ. ނޯތު އެންޑޯވާގައި ހުންނަ މެރިމެކް ކޮލެޖުން ބުނީ ކޮލެޖް ކެމްޕަސް ހުސްކޮށް މުދައްރިސުންނާއި، ދަރިވަރުންނާއި މުވައްޒަފުން ގެއަަށް ދިއުމަށް އަންގާފައިވާ ކަމުގައެވެ.
ހޮޅިތައް ގޮވައިގެން އުޅޭ ސަރަހައްދުގެ 50 ހާސް ގެއަށް ގޭހުގެ ޚިދުމަތްދޭ ކޮލަމްބިޔާ ގޭސް އޮފް މެސެޗުސެޓްސް އިން ބުނީ ގޭސް ފޮނުވާފައިވާ ޕްރެޝަރު މިހާރު ދަށްކޮށްފައިވާ ކަމަށާއި، ކުރިއްސުރެ ފަށާފައިވާ ގޭސް ހޮޅިތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫއު ކުރިއަށް ދާނެ ކަމަށެވެ.