އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އަކީ ރިޔާސީ އިންތިޚާބަށް ކުފޫ ހަމަވެ ވަޑައިގަންނަވާ ބޭފުޅެއްނޫން ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުޅުމީދޫގައި ސަރުކާރުން ހިންގެވި ބައެއް މަޝްރޫތައް ނިންމެވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިބޫ ތޮއްޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމްގެ ހަގީގީވެރިންނާ އެޕާޓީ ހަވާލުކޮށް ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ވެރިންނަކީ ކޮބައިކަން އިބޫއަށް އެނގިވަޑައިގަންނަވާތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށްވުރެ ޕީޕީއެމްގެ ލީޑަރޝިޕް ހައްގު ދެވަނަ ބޭފުޅެއް ނުހުންނަވާނެ ކަމަށެވެ. ޕީޕީއެމް އެޕާޓީގެ ވެރިންނާ ހަވާލު ކުރެއްވުމަކީ އިބޫގެ ރިޔާސީ ވައުދެއް ކަމަށްވާނަމަ ވެރިކަމަށް ވަޑައިގެން ދެން އެމަނިކުފާނު ކަންތައް ކުރައްވާނެގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އިބޫއާއި ފައިސަލް ނަސީމަކީ ގައުމަށް އަމާންކަމާއި ތަރައްގީ ބޭނުންވާ ދެބޭފުޅުން ކަމަށްވާނަމަ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް ރައީސް ޔާމީންގެ ކެމްޕޭނުގެ މަސައްކަތަކަށް ހައްދަވައި ދެއްވުމަށް އަދުރޭ އެދިވަޑައިގެންނެވިއެވެ. އަދި އެބޭފުޅުން ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީނަކީ މިގައުމު މިހާރަށްވުރެވެސް ބޮޑަށް ތަރައްގީ ކުރެވޭނެ ކުރައްވާނެ ލީޑަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމާ ރައީސް ޔާމީނަށް ފުރުސަތު ދެއްވުމަށް އިދިކޮޅު ފަރާތްތަކަށް އަދުރޭ ގޮވައިލެއްވިއެވެ.