ސިޔާސީ މީހުންގެ ތެރޭގައި ގިނައީ ކުށްކުރާމީހުން ކަމަށާއި އެމީހުންނާ ދެކޮޅަށް ގިނަ އަދަދަކަށް ހެކި ލިބިފައިވާ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ވިދާޅުވެއްޖެއެވެ.
"އެމީހުންގެ މުދަލާއި ފައިސާ ހިމާޔަތް ކުރުމުގެ ބޭނުމުގައި އެމީހުން ކޯލިޝަން ހަދައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދަނީ." ބޮޑުވަޒީރު ޢިމްރާން ވިދާޅުވިއެވެ. "ކުށްކުރާ މީހުންނަށް ސަލާމަތުން ނުތިބެވޭނެ."
ޕާކިސްތާނުގެ ތަޖުރިބާކާރު އިސް ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގުތިސާދީ ވަޅުގަނޑުން އަރައިގަތުމަށް އިންޓަރނެޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދުމަކީ މައްސަލައެއްނޫން ކަމަށެވެ.
"މައްސަލައަކީ އެތަނުން ކަނޑައަޅާ ޝަރުޠުތައް. ޢާއްމު ރައްޔިތުންނަށް ސަރުކާރުން ވަނީ ކުރީން ވެސް ބުރަތަކެއް ޖައްސާފައި. އިތުރު ބުރަތަކެއް ޖައްސާކަށް އަޅުގަނޑު ބޭނުމެއްނޫން." ޢިމްރާން ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުން ވަނީ ޢާއްމު ރައްޔިތުންނަށް ވީހައި ލުއި ގޮތަކަށް ކަންތައްތައް ކޮށްދޭން."
ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ މިހާރުގެ އިދިކޮޅު ޕާޓީއަކީ ހަގީގީ އިދިކޮޅު ޕާޓީއެއް ނޫންކަމަށެވެ.
"އިދިކޮޅު ލީޑަރ ޝަހެބާޒު ޝަރީފު މަސައްކަތް ކުރައްވަމުން ގެންދަވަނީ ނެލްސަން މަންޑޭލާއަށް ވެވަޑައިގަތުމަށް. ސަލާމަތް ނުވެވޭ ވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައި އެބަހުރި." ޢިމްރާން ވިދާޅުވިއެވެ. "ސަރުކާރު އިސްދަށަކަށް ނުޖެހޭނެ. ސަރުކާރު އެއްވެސް ބައެއްގެ ފިއްތުންތަކުގެ ދަށަކަށް ނުދާނެ."
ބޮޑުވަޒީރު ޢިމްރާން ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރުން ވަގުންނާއި ފޭރޭ މީހުންނާއި ކުށްކުރާ މީހުންނަށް އަދަބު ނުދީ އެމީހުން ސަލާމަތުން ދޫކޮށެއްނުލާނެއެވެ.