ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފާދިއްޕޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކުރެންދުއަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ކުރެންދޫގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނު ވަނީ ޅ. ނައިފަރުގައި ޤާއިމުކޮށްފައިވާ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ހުޅުއްވައިދެއްވައި ނައިފަރުގެ ބަނދަރު ހުޅުވައިދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ރޭގެ ވަގުތެއްގައި ހިންނަވަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކޮށްލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ މިދަތުރުފުޅުގައި މިއަދު އެއަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.