ރައްޔިތުންނަށް އިހުތިރާމް ނުކުރާ އަދި އިހުމާލުވެފައިވާ ބަޔަކު ވެރިކަމުގައި އިތުރަށް ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ގއ. ނިލަންދޫގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެންމެން ވެސް އުއްމީދުކޮށްގެން ތިބީ ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް އަލުން ވަޑައިގެން ރާއްޖެ މި އޮތް ގިލަންވެރިކަމުން ސަލާމަތް ކޮށްދެއްވާނެ ކަމަށް ކަމަށެވެ.
އެހެން ނަމަވެސް ކަންވީ އެހެން ގޮތަކަށް ކަމަށާއި އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލައްވާލީ ކަމަށް ޣާއްސާން ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ރައްޔިތުންނަށް އިހުތިރާމްކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ނެތް ނަމަ އެހެން ބޭފުޅަކު ބަދަލުގައި އޮންނާނެ ކަމަށް ކުރިން ވައުދެވެ ވަޑައިގަތް ކަމަށް ވިދާޅުވެ، އެ ވައުދުފުޅު އެމަނިކުފާނު ފުއްދެވި ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމިން ދެއްކެވި ކެންޑިޑޭޓް ޑރ. މުއިއްޒުއަކީ ހިދުމަތްތެރި ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި މުއިއްޒަކީ މަސައްކަތުގެ ވައްޓަފާޅި ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ އަރިހުން ދަރިވަރު ވެގެން،މަސައްކަތްތައް ރާއްވަވައި އެކަންކަމަށް ބޭރުން ފައިސާ ހޯއްދަވައިގެން ރައްޔިތުންނަށް ދަރަނި ބޮޑުނުކޮށް ރައްޔިތުންގެ ޖީބަށް ލުއިވާނެ ފަދައިން ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވާނެ ލީޑަރަކީ ޑރ. މުއިއްޒު ކަަމަށް ޣައްސާބް ވަނީ ވިދާޅުވެފައެވެ.
މުއިއްޒުގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އަކީ ވެސް ހުވަދު އަތޮޅަށް ނިސްބަތްވާ، ކިޔަވައިގެން ހުންނެވި ޒުވާނެއް ކަމަށާއި މަޖިލީހުގައި ވަރަށް ބޮޑަށް ތަޖުރިބާ ހުންނެވި އަދި ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ގާތް އަދި ފުރިހަމަ އިތުބާރު އޮތް ބޭފުޅެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރައީސް ޔާމީންއއެދިވަޑައިގަންނަވަނީ އަންނަ މަހު ބާއްވާ އިންތިހާބުގައި ޑރ. މުއިއްޒު އާއި ސެމްބެއަށް ވޯޓު ދެއްވުމަށް ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.