ރާއްޖެ އަކީ ދުނިޔޭގެ ކުރިމަތީގައި ބަސް ބުނުމުގެ ފުރުޞަތު ލިބޭ ގައުމެއް: ރައީސް

ރާއްޖެއަކީ ބޭރު ދުނިޔޭގައި ބަސް ބުނުމުގެ ފުރުޞަތު ލިބޭ ޤައުމެއްކަމަށާއި، ބޭރުގެ ފަރާތްތަކުން ދިވެހިންގެ އަޑުއަހާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ތިނަދޫގެ ހަތް މަޝްރޫޢެއްގެ ނިމުން ފާހަގަކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަން ވިދިވިދިގެން ދެ ދައުރުގައި ރާއްޖެއިން ކޮށްފިކަމަށާއި، ކުދި ޤައުމުތަކުން ވެސް އެޤައުމުތަކުގެ ދިފާޢުކުގައި ރާއްޖެއިން ހެޔޮ ބަސް ބުނާކަމަށް ޤަބޫލުކުރާކަން ފާހަގަކުރެއްވިއެވެ. އަދި، އިދިކޮޅު ފަރާތްތަކުން އަނިޔާވެރިކަމުގެ ވާހަކަ ދައްކާއިރު އަނިޔާވެރިވާނަމަ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ވިދިވިދިގެން ދެ ދައުރުގައި ފުރުމުގެ ފުރުސަތު ލިބޭނެތޯ ސުވާލު އުފައްދަވައި، މިއީ ވިސްނާލުން މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގދ. އަތޮޅަށް އެކަނި، ފަތުރުވެރިކަމަށް 6000 އެނދު ތަރައްޤީކުރައްވަން ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިނަދޫގައި ނިމުން ފާހަގަ ކުރައްވަން ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި، ތިނަދޫގެ މަގު ހެދުމުގެ މަޝްރޫޢާއި، އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢާއި، އާބާދީ މައިޒާން ތަރައްޤީކުރުމުގެ މަޝްރޫޢާއި، ބިން ހިއްކުމާއި، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢާއި،  120 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ އިތުރުން ބަރާސިލް ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.