އެމަނިކުފާނަކީ ވަރަށް ވަތަނީ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ހުރިހާ ކުންފުންޏެއް ދިވެހިންގެ އަތްމަތީގައި ހުންނަން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގެން ވިދާޅުވީ ރ. ދުވާރު ރައްޔިތުންނާ ބައްދަލު ކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުޅުގައެވެ.
ރައީސް ވިދާޅުވީ އިދިކޮޅުން އަބަދުވެސް ވައްކަމުގެ ވާހަކަ ދައްކަވާތީ އެކަމަށް ރަނގަޅަށް ބައްލަވައިލައްވަންޖެހިވަޑައިގަންނަވާ ކަމަށެވެ. "ދިވެހިރާއްޖޭގެ ފަހުގެ ތަރީޚުގައި ހިނގާފައިވާ އެންމެ ވަރުގަދަ ފްރޯޑަކީ އެހިންގަނީ ކޮންކަމެއްކަން އެނގި ތިބެގެން ދައުލަތުގެ ފަރާތުން އެންމެ އިސްވެރިން އިވެސް ތިބެގެން އެންމެ ވިޔާނުދާ މުއާމަލާތަކީ އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ އެއާޕޯޓު ޖީއެމްއާރަށް ދިނުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އެކަމަށް ދެކޮޅު ހެއްދެވި ކަމަށާއި އެމަނިކުފާނަށް އައި "ހުރިހާ ލޮޓީއެއް" ލިބިވަޑައިގެންނެވީ އެކަމާ ދެކޮޅަށް ވަކާލާތު ކުރެއްވުމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކާބަފައިންގެ ލެއާއި ދާ އޮހުރުވައިގެން ބުރަ މަސައްކަތުން ހަދައިފައިވާ "އެއާޕޯޓެއް، އިގުތިސާދުގެ މައިނާރު، އަދި ދަތުރުފަތުރުގެ މައި ދޮރާށީގައި" އެހެން ބަޔަކު ފާރަވެރި ތިބޭކަށް އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ. އެދޮރާށި ކުރުކާލި ކަނޑާކަށް އެހެން ބަޔަކު ތިބުމަކީ ހިތަށް ފަސޭހަކަމެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑަކީ ހަގީގަތުގައި ވެސް ވަރަށް ވަތަނީ މީހެއް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ކުންފުނިތައް އަޅުގަނޑުމެންގެ އަތްމަތީގައި ހުންނަން. ކުންފުނިތައް އަޅުގަނޑުމެންގެ އަތްމަތީގައި ހުންނަ ވާހަކަ ދައްކާއިރު އެމްޑީޕީ ސަރުކާރުން މިފްކޯއާމެދު ކަންތައް ކުރެއްވީ ކިހިނެއްތޯ. އޭގެ ނަތީޖާ އަޅުގަނޑުމެންގެ މަސްވެރިންނާ ބައްދަލުކުރީ ކޮން ގޮތަކަށްތޯ؟ މިފްކޯ ތިންބައި ކޮށްލީ. ތިން ކުންފުންޏަށް މިފްކޯ ހަދާލީ. ތިން ކުންފުންޏަށް ހަދާފައި ދެ ކުންފުންޏަކީ ހުރިހާ ދަރަނިހުރި ކުންފުންޏަށް ހަދާފައި ތިންވަނަ ކުންފުނި ފައިދާހުރި ކުންފުންޏަށް ހެދީ. އެކުންފުނި އޮތީ ވިއްކާލަން ނިންމާފައި،" ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން މިފްކޯއަށް އިންތިހާއަށް ގެއްލުން ވެގެންދިޔަކަމަށާއި އެއާ ވިދިގެން މަސްވެރިންނަށް ކޮދެއްވަން ވިދާޅުވި އެއްވެސް ކަމެއް އެމްޑީޕީގެ ސަރުކާރަށް ނުކޮށް ދެވުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެންމެ ފަހުން މިސަރުކާރަށް ޖެހުނީ މިފްކޯ އަލުން އެއްކޮށްލުމަށްފަހު ބެލެނިވެރިކަން އެސްޓީއޯއާ ހަވާލު ކުރަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.