އެނބޫދޫ ފަޅުން 40 މިލިއަންޑޮލަރު ދައުލަތަށް ހޯދައިދިނީ އަޅުގަޑު: ރައީސް

މާލެއަތޮޅު އެނބޫދޫ ފަޅު ތިންމިލިއަން ޑޮލަރަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިއްކާފައިވާ ކަން އެނގިވަޑައިގެންނެވި ހިސާބުން އެކަން ހުއްޓުވައި އެފަޅުން ދައުލަތަށް 40 މިލިއަން ޑޮލަރު ވެއްދީ ރައީސް ޔާމީން ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެންޔޫގެ ރިޔާސީ ބަހުސް 2018 ޕްރޮގްރާމުގައި މޮޑަރޭޓަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެނބޫދޫ ފަޅު ތިންމިލިއަން ޑޮރަށް އަދީބު ވިއްކެވިކަން އެނގިވަޑައިގެންނެވުމުން ކެބިނެޓާ މަޝްވަރާ ކުރެއްވުމަށްފަހު އެ މަޝްރޫއު ހުއްޓުވި ކަމަށެވެ.

އެ މަޝްރޫއު ހުއްޓުވުމުން އެނބޫދޫ ފަޅު ތަރައްގީ ކުރެއްވުމަށް ދީފައިވާ ތައިލެންޑުގެ ކުންފުނީގެ ފަރާތުން އެތަނުގެ ވަކީލުންނާއެކު ބައްދަލުކުރެއްވި ކަމަށެވެ.

"އެމީހުންގެ ސީނިއަރ ވަކީލުންނާއެކު އެޓީމު އައި އަޅުގަނޑާ ބައްދަލުކުރަން ރައީސް އޮފީހަށް. އައިސްފައި ސިޓީ ދެއްކި. އަޅުގަނޑު ބުނިން، މިރައީސް ކައިރީގައި ތިޔަ އަދަދަކަށް ތިޔަތަނެއް ނުދާނެޔޭ. ކިހާވަރަކަށްތޯ ދާނީ އެހީމައި އަޅުގަނޑު ބުނިން އަޅުގަނޑުގެ ވިސްނުމުގައި، އަޅުގަނޑުގެ ސަރުކާރުގެ އެންމެ ފުރަތަމަ ފަސް އަހަރުގައި އެނބޫދޫފިނޮޅު ފަޅުގައި އަޅުގަނޑު ހިޔާލު ކޮށްފައި އޮތީ 10 ރިސޯޓު ހިއްކައިގެން 10 ރިސޯޓު ވިއްކަން. ރިސޯޓަކަށް އެކުއިޒިޝަން ކޯސްޓަށް ހަތަރު މިލިއަން ޑޮލަރު ވީނަމަވެސް އެންމެ އާދައިގެ ވަރަކީ 40 މިލިއަން ޑޮލަރޭ. އެމީހުން ނުކުމެގެން ދިޔައީ އެކަމެއް ނުކުރާނަމޭ ކިޔާފައި. ދެން އެކަމާ އަޅުގަނޑު އަޅުގަނޑުގެ ގޮތުގައި ހިފެހެއްޓީ،" ރައީސް ވިދާޅުވިއެވެ.

އެގޮތަށް ހިފެހެއްޓުމުން 3 ހަފްތާފަހުން އެމީހުން އެނބުރި އައި ކަމަށް ރައީސް ވިދާޅުވިއެވެ. "ތިން ހަފުތާ ފަހުން އެނބުރި އައިސް ސަރުކާރަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 30 މިލިއަން ޑޮލަރު ދައްކާފައި، ސީއެސްއާރުގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކާފައި، ތިން މިލިއަން ޑޮލަރަށް ވިއްކާފައި އޮތް ފަޅުން 40 މިލިއަން ޑޮލަރު ސަރުކާރުގެ ޚަޒާނާއަށް އަޅުގަނޑު ވެއްދިން،" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެނބޫދޫ ފިނޮޅު ފަޅުގައި ތަރައްގީކުރަމުންދާ ތަފާތު 20 ޑިޒައިންގެ ކޮންސެޕްޓް ނިމުމުން އެތަނުން އެކަނިވެސް 11500 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.