
ރާއްޖޭގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރައްވައިފައިވާ އަމުރު ހައި ކޯޓުން މިއަދު ބާތިލުކުރައްވައިފިއެވެ.
ކުރިމިނަލްކޯޓުގެ އަމުރުގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރެއްވިއިރު އެމަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ. ފުލުހުން ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގޭ ބޭންކުތަކުގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކަށް ބޮޑެތި ޢަދަދުން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެމަނިކުފާނުގެ އެކައުންޓު ބޮޑެތި ޢަދަދުތަކުން ފައިސާ ޖަމާކޮށް އެއިން މުޢާމަލާތް ހިންގާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ވެސް ބައެއް އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ޔަމީން ވިދާޅުވެފައިވަނީ އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ކަށަވަރު ކޮށްދެވިފައި ނުވާކަމަށެވެ.
ދައުލަތުގެ މާލީ އިދާރާތަކުން ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ޤާނޫނާ ޚިލާފަށް ފައިސާގެ މުޢާމަލާތްތަކެއް ހިންގަވާފައިވާ ކަމަށެވެ. އެހެން ކަމުން އެމައްސަލަ އެ އިދާރާތުން ފުލުހަށް ހުށަހެޅުއްވިއެވެ. އެކައުންޓުތައް ފްރީޒް ކުރުމުގެ އަމުރަކަށް އެދިފައިވަނީ ފުލުހުންނެވެ.