ކެންޑިޑޭޓް ނަންބަރު އެކެއް ޔާމީނަށް، ދޭއް އިބޫއަށް

މިއަހަރު ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތައް ތަރުތީބު ކުރައްވައިފިއެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބު ކުރައްވައިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރިއަލް މެނޭޖްމަންޓް ސެންޓަރުގައި މިއަދު ނެންގެވި ގުރުއަތުލުމުގައެވެ.

މި ރަސްމިއްޔާތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ގުރުއަތު ނެންގެވީ ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްތަޕުޅުން ގުރުއަތު ނެންގެވީ އެމަނިކުފާނުގެ ކެންޕޭން އެޖެންޓް، ގާނޫނީ ވަކީލް އަލްއުސްތާޒާ ޙިސާން ޙުސައިނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމުގެ މުއްދަތު ހަމަވިއިރު ކުރިމަތި ލެއްވީ މިދޭބޭފުޅުން އެކަންޏެއްވެ. އެހެންކަމުން މިއީ 2008 ވަނަ އަހަރަށްފަހު ދެ ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ފުރަތަމަފަހަރެއެވެ. އެހެންކަމުން މިއަހަރުގެ އިންތިޚާބު ދެވަނަ ބުރެއް ބާއްވަން ނުޖެހޭނެއެވެ. މިދެބޭފުޅުންގެ ތެރެއިން އެންމެގިނަ ވޯޓު ހޯއްދަވާ ބޭފުޅަކަށް އިންތިޚާބު ކާމިޔާބު ކުރެވޭނެއެވެ.

ރައީސް ޔާމީން މިފަހަރުގެ އިންތިޚާބަށް ނުކުމެ ވަޑައިގެންނެވީ ރަނިންމޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވައިގެންނެވެ. އިބޫ ނުކުންނެވީ ޖޭޕީގެ ފައިސަލް ނަސީމު ގޮވައިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.